ދުނިޔެ

މިސްރު މީހުން ހިކެން އެދުމުން ރައީސް ސީސީ ހޫނު ފެނަށް

Dec 26, 2018
1

ކާއިރޯ (ޑިސެމްބަރު 25) - މިސްރުގައި ގިނަ މީހުން މާބޮޑަށް ފަލަކަމަށާއި، މިހާރަށްވުރެ ބޮޑަށް ހަށިގަނޑަށް ބަލައިގެން ކަސްރަތުކޮށް، ހިކެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވުމުން، އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު ސީސީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މިމަހު ކުރީކޮޅު ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ސީސީ ވަނީ ގައުމުގައި އުޅޭ ފަލަ މީހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ މައި މުގައްރަރުގެ ތެރެއަށް ފިޒިކަލް އެޑިޔުކޭޝަން ހިމަނަންޖެހޭ ކަމަށާއި، ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެޒެންޓަރުންގެ އިތުރުން ޓީވީތަކަށް ގެންނަ މެހެމާނުންގެ ތެރެއިން ފަލަ މީހުންނަށް ފުރުސަތު ނުދިނުމަށް ވެސް ސީސީ ވަނީ ވިދާޅުވެފަ އެވެ.

"އަހަރެން ތަނަކަށް ވަނުމާއެކު މަށަށް ފާހަގަވާކަންކަން ހިތަށް ވެސް ނުގެނެވޭނެ، އަހަރެންގެ ހިތަށް އަރާ މިއީ ކޮން ބައެއް ބާއޭ؟ ކީއްވެގެންހޭ މި މީހުން ހަށިގަނޑަށް ނުބަލާ އުޅޭނީ،" ޑިސެމްބަރު މަހު 15 ވަނަ ދުވަހު ދެއްވި އިންޓިވިއުގައި ސީސީ ވިދާޅުވެފައިވެ އެވެ.

އެކަމާއި ގުޅިގެން، ފަލަ މީހުންނަށް މަލާމާތް ކުރެއްވިކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސީސީއަށް ފާޑު ކިޔަމުންނެވެ. އަދި ފަގީރުކަމާއި ގުޅިފައިވާ ފަލަވުމުގެ މައްސަލައަށް އެއްވެސް ހައްލެއް ހުށަހަޅުއްފައިނުވާކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.

މިސްރުގެ އިގުތިސޯދަށް ސީސީގެ ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު، ސިއްހަތަށް ރަނގަޅު ކާބޯތަކެތި ކަމުގައިވާ މޭވާ އާއި ތަރުކާރީގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

މިދިޔަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުން، ދުނިޔޭގައި އެހެން ގައުމުތަކާއި އަޅާ ބަލާއިރު، މާބޮޑަށް ފަލަވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކީ މިސްރު އެވެ. މިގޮތުން، މިސްރުގައި ކޮންމެ ތިން މީހަކުން އެކަކަށް މާބޮޑަށް ފަލަވުމުގެ މައްސަލަ ދިމާވެފައިވެ އެވެ. އެއީ 100 މިލިއަން މީހުންގެ އާބާދީގެ 35 ޕަސަންޓެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.