ހަބަރު

"ދިވެހިންގެ ބަދަހި ކަމުގައި ކޫރުން އެޅުވީ ސިޔާސީ ނުތަނަވަސްކަން"

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމުގައި ކޫރު އެޅުވީ ސިޔާސީ ނުތަނަވަސްކަން ކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކުގެ ދުވަސް ފާހަގަަ ކުރުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކާބަފައިންގެ ކިބައިން ދިވެހިންނަށް ވާރުތަވެފައިވާ އެއްބައިވަންތަކަން ސުނާމީ އެރި ދުވަހު ފެންނުން ކަމަށާއި ދިވެހިންނަކީ އެކުވެރިކަމާއި އޯގާވެރިކަމުގެ މިސާލު ދެއްކޭނެ ބައެއްކަން އެ ދުވަހު ސާބިތުކޮށްދިން ކަމަށެވެ. ދިމާވާ ކޮންމެ ބޮޑެތި ދައްޗަކުން އަރައިގަތުމަށް ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަޒާނާއަކީ ވެސް އެއްބައިވަންތަކަން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ރައްޔިތުންގެ ހިތާމަވެރި ވަގުތުން އަރައިގަތުމަށްޓަކައި ރަށުގެ އަހުލުވެރިންގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް އެހީވާން ފެށި، ކައިރިން ރަށްތަކަށް ދަތުރު ހަދައިގެން އެ ރަށްތަކަށް ޒިޔާރަތް ކުރަން ފެށި، އެ ރަށެއްގައި ދިރިއުޅެވޭނެ ހާލަތް ނެތް މީހުން އެހެން ރަށްތަކަށް ވީ އެންމެ އަވަސް މިނެއްގައި ބަދަލު ކުރަން ފެށި، އަމިއްލައަށް ލާނެ ހެދުން ބޭލުމަށް ފަހު ތިމާގެ ލޮބުވެރި އަހުންނާއި އަހުތުންނަށް ހެދުންތައް ހަދިޔާ ކުރަން ފެށި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ކުރިޔަށް އޮތް ތަނުގައި ވެސް ދެމިގެން ދާނީ ދިވެހިން އެއްބައިވަންތަ ވެގެން ކަމަށާއި އެގޮތުން އެބައެއްގެ ތެރޭގައި އޮންނަ ސިޔާސީ ހަމަޖެހުމާއި މަސްލަހަތަކީ އެއްބައިވަންތަ ކުރުވާނެ ކަމެއް ކަމަށެވެ. މިއަދު ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް އޮތުމަށްޓަކައި ސިޔާސީ ހަމަޖެހުމާއި މަސްލަހަތު ފިޔަވާ އެހެން ހުރިހާ ސިފައެއް އެބަހުރި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ދިވެހިންގެ އެއްބައިވަންތަކަމުގައި ކޫރު އެޅުވީ ސިޔާސީ ނުތަނަަވަސްކަން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ދިވެހި މުޖުތަމައުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާނެކަން،" އިމްރާން ވިދާޅުވި އެވެ.