ބޭރު ކުޅިވަރު

ފިރްމީނޯ ލިވަޕޫލަށް ބަދަލުވަނީ

 ޖަރުމަން ބުންޑަސްލީގާގެ ހޯފެންހެއިމް އަށް ކުޅެމުންދާ ބްރެޒިލްގެ ގައުމީ ޓީމުގެ ފޯވާޑް ފިރްމީނޯ ލިވަޕޫލަށް ވިއްކާލަން ހޯފެންހެއިމް އިން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުންދާ ފިރްމީނޯ ހޯފެންހެއިމް އިން ވިއްކާލަނީ 29 މިލިއަން ޕައުންޑަށެވެ. އަދި ފިރްމީނޯ ވެސް ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށާއި ލިވަޕޫލުން ފަސް އަހަރު ދުވަހުގެ ކޮންޓުރެކްޓެއް ފިމީނިއޯ އަށް ހުށަހަޅާފައިވާ ކަމަށެވެ.

މި އަގުގައި ފިރްމީނޯ ލިވަޕޫލަށް ބަދަލުވެއްޖެ ނަމަ، އޭނާ ވާނީ އެ ކްލަބުގެ ތާރީހުގައި ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިއާއަށެވެ. ލިވަޕޫލްގެ އެންމެ އަގުބޮޑު ޓްރާންސްފާއަކީ 2011 ވަނައަހަރު ނިއުކާސަލް ޔުނައިޓެޑް އިން އެ ކްލަބަށް 35 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ބަދަލުވި ފޯވަޑް އޭންޑީ ކެރޯލް އެވެ.

ފިރްމީނޯ ،23، ވަނީ ހޯފެންހެއިމް އަށް ކުޅުނު 153 މެޗުގައި 49 ލަނޑު ޖަހައިފަ އެވެ. ކޮޕާ އެމެރިކާގައި ހޮނިހިރު ދުވަހުގެ ރޭ ވެނެޒުއޭލާ އަތުން ބްރެޒިލް 2-1 އިން މޮޅުވި މެޗުގައި ފިރްމީނޯ ވަނީ ލަނޑު ޖަހައިފަ އެވެ. -- ބީބީސީ