ހައުސިން މިނިސްޓްރީ

ވަޒީފާއިން ވަކިނުކުރަން އެދި ހައުސިންގެ މުވައްޒަފުން ޕެޓިޝަނެއް ތައްޔާރުކޮށްފި

ސިވިލް ސާވިސްގެ ގާނޫނަށް ގެނައި ބަދަލާއެކު، ވަޒީފާ ގެއްލުމުގެ ބިރު އޮތް ހައުސިން މިނިސްޓިރީގެ މުވައްޒިފުން އެ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ޕެޓިޝަނެއް ހުށައަޅަން ނިންމައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ، ދެ މިނިސްޓްރީއަކަށް ބަދަލުކުރުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ 40 މުވައްޒިފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. މިނިސްޓްރީގެ މުވައްޒަފަކު މިއަދު "އަވަސް" އަށް ބުނީ މުވައްޒިފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތީ މުވައްޒަފުން ދަރަޖަ ކުރާ ގޮތުގެ ސަބަބުން ކަމަށެވެ. އަދި ވަޒީފާ ގެއްލެނީ އެ ދަރަޖަައަށް ނުފެތޭ މުވައްޒަފުންގެ ކަމަށް އޭނާ ބުންޏެވެ.

މިނިސްޓްރީގެ 75 މުވައްޒަފަކު ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައިވަނި، ހައުސިން މިނިސްޓްރީ ދެ މިނިސްޓްރީ އަކަށް ބައިކޮށް، ސިވިލް ސާވިސް އިން އަލަށް އެކުލަވާލައިފައިވާ އޮނިގަނޑާ ގުޅިގެން ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލި މަގުމަތި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެން ކަމުން މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަކަށް އަމަލުކޮށް ދިނުމަށް އެ ޕެޓިޝަންގައި ވަނީ އެދިފަ އެވެ.

ސިވިލްސާވިސް އިން އެ މައްސަލައިގައި މިއަދު ބަޔާނެއް ނެރެ ބުނީ، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި މިހާރު ހުރި ވަޒީފާ ގެއްލުނަސް އެހެން ވަޒީފާއެއް ހޯދައިދޭނެ ކަމަށެވެ.