ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލެއްގެ ސަބަބުން ހައުސިން މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އިއްޔެ ކޮމިޝަނުން އެކުލަވައިލީ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާ ވަކި ކުރެވޭނެ ގޮތުގެ އުސޫލެވެ. އެ އުސޫލު އެކުލަވައިލީ އެއް އުސޫލަކުން މުވައްޒަފުން ވަކި ކުރެވޭނެ ގޮތް ހެދުމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްސަވާ ލައްވާފަ އެވެ. އެއީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އެވެ.
އާ އުސޫލުގައި ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން މެރިޓް އުސޫލުން ވަނީ ދަރަޖަކޮށްފަ އެވެ. އުސޫލުގައިވާ ގޮތުން މެރިޓް އުސޫލުން މުވައްޒަފުން ދަރަޖަކޮށް އިތުރުވާ މުވައްޒަފުން ދޫކޮށްލަން ޖެހޭނެ އެވެ. އެކަމުގައި ބަލަނީ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި ތަމްރީނު އަދި ފެންވަރަށެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފަކު މިއަދު ބުނީ، އެ އުސޫލުގެ ސަބަބުން އެ މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭ ކަމަށެވެ. އެއީ ދަރަޖަ ކުރާ މިންގަނޑުގެ ތެރެއިން އެ މުވައްޒަފުން ބާކީވާތީ އެވެ.
އޭނާ ބުނި ގޮތުގައި މިނިސްޓްރީގައި ގިނަ ދުވަސްވީ ބައެއް މުވައްޒަފުންނަށް ވެސް ޕްރޮމޯޝަންތަކާއި ތަމްރީނު ލިބިފައިނުވެ އެވެ. އެހެންވެ މިންގަނޑަށް އެ މުވައްޒަފުން ވެސް ނުފެތޭ ކަމަށެވެ. އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ވަޒީފާގައި ތިބި ބަޔަކު ވަކިވާ ގޮތަށް އާ އުސޫލެއް ހެދުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން، މިކަމުގެ ޝަކުވާ ވަރަށް ބޮޑު،" އެ މުވައްޒަފު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މުވައްޒަފުންގެ ޝަކުވާތައް މިއަދު މިނިސްޓަރު އައިމިނަތު އާތިފާއާ ވަނީ ހެނދުނު ހިއްސާކޮށްފަ އެވެ. އަދި އެކަމުގައި ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.