ވާހަކަ

އީޝަލް

(25 ޑިސެމްބަރ 2018 އާ ގުޅޭ)

"ޒިޔަޒެލްއާ ހަމައަށް ރައުލް އައުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން އެ މީހުންގެ ތެރެއަށް ދިޔަ ވާހަކަ ބުނަންވެގެންތަ؟ އަހަރެން އެ މީހުންނަށް އުނދަގުލެއް ނުކުރަން" އީޝަލް ހިތަށް އަރަމުންދިޔައެވެ.

ބަދިގޭގައި ހުރެގެން ތަފާތު ގޮތްގޮތަށް އީޝަލް ވިސްނިއެވެ. އޭނާ ދިރިއުޅޭ ތަނަށް ރައުލް އަތުވެދާނޭ ކުރިއަކުން ހިޔެއްނުކުރެއެވެ. އެކަމަކު ގެއަށް އައުމުން މާ ކަންތައްތައް މައްޗަށް ހިނގައްޖެ ކަމުގައި އީޝަލްއަށް ޤަބޫލުކުރެވުނެވެ. ޒިޔަޒެލްއާ ބައްދަލުކުރަން އަންނަ މެހެމާނުންގެ މެދުގައި އީޝަލް އިނުމަކީ އޭނާ އެއްވެސް އިރަކު ޤަބޫލުވާކަމެއްނޫނެވެ. ވީއިރު ރައުލްއާއި ޒިޔަޒެލްއާ ދެމެދު ދެކެވޭ ވާހަކައެއް އީޝަލްއަށް އޮޅުން ފިލާނޭ ގޮތެއް ނެތެވެ.

"ލުގަލް އަވަހަށް އަންނާނޭނަމަ" ފިކުރުތަކުގެ ތެރެއިން އީޝަލްގެ ހިތަށް ކުއްލިއަކަށް އެރިއެވެ. ދުރުން ވާހަކަ އަޑުއެހުމަކީ ޖިންނީންގެ ތެރޭގައި ކޮށްއުޅޭ ކަމެކެވެ. އެހެންވިޔަސް އެފަދަ ހުނަރެއް އަދިއެއް އީޝަލްއަކަށް ޒިޔަޒެލް ދަހެއްނުކޮށްދެއެވެ. ނަމަވެސް އެއީ ލުގަލްބަންދާއަށް ކުރެވިދާނޭ ކަމެކޭ އީޝަލްގެ ހިތަށް އެރީއެވެ.

ރިހިތަބަކުގައި ބިއްލޫރި ކުދިތަށިތައް އަތުރައި ހުރިހާ ތަށްޓެއް އެކުގައި ތުނި ފޮތިގަނޑަކުން ނިވައިކޮށްގެން އީޝަލް އެނބުރި ޒިޔަޒެލްގެ ގާތަށް އައެވެ. އޭނާ އަތުވެއްޖެކަން އަންގާލުމުގެ ގޮތުން މެހެމާނުންނާ ބައްދަލުކުރާ ފެންޑާއަށް ވަންނަމުން ސަލާމް ގޮވާލިއެވެ. އަދި އަދަބުވެރިކަމާއެކު އައިސް ޒިޔަޒެލްގެ ގާތުގައި ހުއްޓިލިއެވެ. އެއާއެކު ޒިޔަޒެލް އިޝާރާތްކުރީ ރައުލްމެންނަށް ތަބަކުގައި ގެނައި އެއްޗެއް ދިނުމަށެވެ. އެހެންވެ އީޝަލް މަޑުމަޑުން އެ މީހުންގެ ގާތަށް އައެވެ. ޒިޔަޒެލްގެ ކަނާއަތް ފަރާތުގައި އިނީ ރާވިންނެވެ. އީޝަލް ހުރީ އަތުގައި އޮތް ތަބަކުގައި އަތުރާފައިވާ ތަށިތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ރާވިން ތަށްޓެއް ނެގުމުން އޭނާއާ ޖެހިގެން އިން ދާރިއުސް ވެސް ތަށްޓެއް ނެގިއެވެ. އަދި ނިކަން ފުޅާ ހިނިތުންވުމެއް އީޝަލްއަށް ބަދަލުކޮށްލިއެވެ. އީޝަލް ހުރީ ހިނިތުންވެލަން ވެސް ނުކެރިފައެވެ. މެދުގައި އިން ރައުލްގެ ކުރިމައްޗަށް އީޝަލް ހުއްޓިލަންވާއިރަށް އޭނާއާ ޖެހިގެން ވައަތް ފަރާތަށް އިން ސޭމެސްއަށް ތަބަކުން ތަށްޓެއް ދިނުމަށް އިޝާރާތްކޮށްލިއެވެ. ސޭމެސް ތަށްޓެއް ނަގައި ޝުކުރު އަދާކުރިއެވެ. އެ ޝުކުރު ބަލައިގަތުމަށް އީޝަލް ބޯޖަހާލިއެވެ. ސޭމެސްއާ ޖެހިގެން އިން ހަތޯރު ތަބަކުން ތަށި ނެގުމުން އަނެއްކާ ވެސް ރައުލްގެ ކުރިމައްޗަށް އީޝަލް އެރީ އޭނާ ތަށްޓެއް ނަގަން ބޭނުންވޭތޯ ބެލުމަށެވެ. ގޮނޑީގައި އިނދެފައި ހަށިގަނޑު ސީދާކޮށްލަމުން ރައުލް އިސްއުފުލައިލުމުން ދެ މީހުންނަށް ތިބެވުނީ ނުހަނު ގާތުގައެވެ. އޭނާ އީޝަލްއަށް ބަލަން ފެށިއެވެ. އަދި ތަބަކުން ތަށްޓެއް ނަގަން ނޫޅެ ރައުލް އިނީއެވެ. އެންމެފަހުން އީޝަލްއަށް އިސްއުފުލާލަން މަޖުބޫރުވީއެވެ. އެހިނދު ރައުލްގެ ލޮލާ ލޯ ސީދާ ވެގެން ދިޔައެވެ. އެއްމިޔަކަނުން އޭނާ ހިނިތުންވެލިތަން އީޝަލް ދުށްޓެވެ.

"އީޝަލް..." އީޝަލްއަށް އެކަނި އިވޭނޭ ވަރަށް ރައުލް ގޮވާލިއެވެ.

"ދެން މިތަނުން ތަށްޓެއް ބޭނުމިއްޔާ ނަގަންވީނު" ދަތްކުނޑިވިކައިލައިގެން ހުރެ އީޝަލް ބުނެލީ ވަރަށް ސިއްރުންނެވެ. އޭނާގެ މޫނުން ފާޅުކުރި ފޫހިކަން ރައުލްގެ ތުންފަތުގައިވި ހިނިތުންވުން ގިނައިރަށް ދެމިގެން ދިއުމަށް ފުރުޞަތު ދިނެވެ. ހަމައެއާއެކު އެ ދެ ލޮލުގައިވާ ފެހިނޫ ކުލައިގެ ކަޅިން ވިދުވަރެއް ކެނޑިގެން ދިޔައެވެ. ފަޅިސިކުންތައް ވިޔަސް އެ ބެބުޅުމުގެ ޖާދޫގައި އީޝަލް ޖެހި ސޯޚުވި އެވެ. ނިކަން އަވަހަށް އެ އަސަރުތައް ފިލުވާލުމަށް އެ ދިގު އެސްފިޔަތައް ތަޅުވާލިއެވެ. އީޝަލް ނުދެނަހުރިކަމަށް ހެދި ރައުލްއާ ނަޒަރު ވެސް ވަކިކޮށްލައިފިއެވެ.

"ތަށި ނަގައި ނުދޭނަންތަ؟ މެހެމާންދާރީ އަދާކުރަނީ ތިހާ ދުރުންތަ؟" ރައުލް ބުނެލިއެވެ. އަޖައިބުވެގެން އީޝަލްގެ އަނގަހުޅުވުނެވެ. ރައުލްގެ ފަރާތުން ރުޅިވެރިކަމެއް ނުފެނުނުތާ އޭނާގެ އަޑުގައި ވެސް ފޫހިކަމާއި ހަރުކަށިމެއް ނުވެއެވެ. އޭގެ ބަދަލުގައި ގާތް ސަމާސާ ގޮތެއް ހުއްޓެވެ.

"ރައުލް... ކަމުނުދަނީތަ؟" ރައުލްގެ ކުރިމަތީ އީޝަލް ހުންނަތާ އިރުކޮޅެއްވުމުން ޒިޔަޒެލް އަހާލިއެވެ. ރައުލްއާއެކު އައި ބައިވެރިން ވެސް ތިބީ އެ މީހުންނަށް ރައުލްގެ ފަރާތުން މިފެންނަ ކަންތައްތައް ނަގައިގަންނަން ނޭނގިފައެވެ. އެންމެ ބޮޑު ހައިރާންކަމެއް ފާޅުވަނީ ދާރިއުސްގެ މޫނުންނެވެ. ޒިޔަޒެލްގެ އަޑުއިވުމުން އީޝަލް އަވަސް އަވަހަށް ތަބަކުގެ ތެރޭގައި ބާކީ ހުރި ދެ ތަށިން ކުރެ އެއްތަށި ނަގައި ރައުލްއަށް ދިއްކޮށްލިއެވެ.

"ޝުކުރިއްޔާ" ތަށީގައި ހިފަމުން ރައުލް ބުނެލިއެވެ. އަދި އީޝަލް ތަބަށް ހިފައިގެން ހިންދެމިލަން އުޅުނެވެ. އޭރު ތަބަށް ނިވާކޮށްގެން ގެނައި ފޮތިކޮޅު އޮތީ ތަބަކާއެކު އީޝަލްގެ ވައަތްތިލައިގެ ތެރޭގައެވެ. ފޮތިކޮޅު ވަޔާ ހިނގައިދާނޭތީ ވަށައިގެން ހުރީ ލޮއެ ފޮތިތަކެއް ހަރުކޮށްފައެވެ. އީޝަލްއަށް އެނބުރިނުލެވެނީސް ރައުލް އެ ފޮތިކޮޅުގެ ކަނެއްގައި ހިފައި ދަމާލިއެވެ. ނުވިސްނާ ހުރި އީޝަލްގެ އަތުން ތަބަށް ވެއްޓެން އުޅުނެވެ. ތަބަށް ހިފަހައްޓަން އުޅުމުގެ ތެރޭ ހަމަގެއްލި ރައުލްއާ ދިމާއަށް އަރިއަޅާލި އީޝަލްގެ ކޮނޑުގައި ރައުލްގެ އެއް އަތް ވިއްދާލައި ހުއްޓުވިއެވެ. ހިތް ބާރަށް ތެޅެމުންދިޔަ އީޝަލް ނިކަން އަވަހަށް ދުރަށް ޖެހިލައި ހަލުވި ފިޔަވަޅުގައި އައިސް ޒިޔަޒެލްއަށް ތަބަކުގައި ނުވެއްޓި ހުރި ތަށި ނަގައި ދިނެވެ. އަދި މަޑުކުރުމެއްނެތި އެތެރެއަށް ވަދެގެން ދިޔައެވެ. ހައިރާންކަމާއެކު ޒިޔަޒެލް ވެސް އިނީ ވީނުވީއެއް ނޭނގިފައެވެ.

އިތުރު ކަމަކު ޒިޔަޒެލް ނުގޮވާތީ އީޝަލް އިނީ ބަދިގެ ފަރާތުގައި އާންމުކޮށް ލުގަލްބަންދާ އަރާ އޮންނަ އޮފިގަނޑުމަތީގައެވެ. އޭރު ވެސް އޭނާގެ މޫނުން ފޫހިކަން ފާޅުވޭވޭ ހުއްޓެވެ. ސިއްރުން ރައުލްއަށް ކުދިކިޔެވެ.

އަސުރަށް ޒިޔަޒެލް ގެއިން ނުކުމެގެން ދިޔައީ ރޭގަނޑުގެ ކެއުމުގައި ރައުލްމެން ބައިވެރިވާނޭ ކަމުގައި ބުނެފައެވެ. އީޝަލް އިތުރަށް ކަންބޮޑުވިއެވެ. ޒިޔަޒެލްއާ ސުވާލެއް ކުރާނޭ ވަގުތެއް ނުވިއެވެ. ގެއިން ނުކުމެނުކުމެ ހުރި ޒިޔަޒެލްގެ ގާތުގައި ލުގަލްބަންދާ އެނބުރި އަންނާނީ ކިހާ އިރަކުންތޯ އީޝަލް އެއްސެވެ.

"ރަށުގެ އުތުރަށް އޭނާ ދިޔައީ، ކިރުތީނަ ގަސްކޮޅަކާއި ފިލިކުރިކޮޅެއް ހޯދަން ދިޔައީ، އިރުއޮއްސެން ވާއިރަށް އަންނާނެ، ގޭ ދޮށުގައި މިއަދު އައި މެހެމާނުން އުޅޭނެ، އަހަރެން ނެތިސް އެ މީހުން ކަމެއް ބޭނުންވެއްޖެނަމަ ކޮށްދޭތި" ޒިޔަޒެލް ނުކުމެ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ބުނެލިއެވެ. އީޝަލް ހަމައެކަނި ބޯޖަހާލީއެވެ.

އިރުމަތީ ފެންޑާގައި އީޝަލް ނުކުމެ މަޑުކޮށްލައިގެން ހުއްޓެވެ. އިސްތަށިގަނޑު ދޫކޮށްލައިގެންނެވެ. ކުރިއަށްވުރެ ވަރަށް ބޮޑުތަން ހިކިފައި އޮތް އިސްތަށިގަނޑުގައި ދޭތެރެއަކުން އީޝަލް އަތްފުނާ އަޅާލައެވެ. އަދި ފެންޑާގައި އިށީނުމަށް ހުރި ގޮނޑިތަކުގެ ކައިރީ ހުރި ކުޑަ މޭޒުމަތީ އޭނާ ބޭއްވި ކަހަނބުފަތުގެ ދަތްބޮޑު ފުނާ ނަގަން އައެވެ. އެއްފަރާތަށް ބޯއަރިކޮށްގެން އޮވެ އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔައީ ޚިޔާލަކަށް ގެއްލިފައި ހުރެއެވެ. އެހެން ހުއްޓާ މީހަކު އިސްތަށިގަނޑަށް ފުމެލިހެން އީޝަލްއަށް ހީވިއެވެ. އަވަސް އަވަހަށް އިސްތަށިތައް އެއްކޮށްލައި އިސްއުފުލައި އެ ދިމާއަށް ބަލާލިއެވެ. އެހިނދު ދުރުގައި ރައުލް ހުއްޓާ ފެނުނެވެ.

"މިތަނަށް ވެސް އައީތަ؟ ކިހިނެއްވެގެންތަ ތިއުޅެނީ، ޒިޔަޒެލް ގާތުގައި ކޮން ޝަކުވާއެއް ކުރާނަމޭ ހިތާ ތިއުޅެނީ، އަހަރެންގެ ފަރާތުން ކަލޭމެންނަށް ކޮން އުނދަގުލެއް ފޯރައިގެންތަ ތިއުޅެނީ" ފުރުޞަތު ލިބި އީޝަލް ފައްޗަކަށް ހިތުގައިވީ އެއްޗެހި ގޮވާލިއެވެ. ރައުލް އަނގައިން ނުބުނެ ބަލަން ހުރީއެވެ. އަދި މަޑުމަޑުން އިސްތަށިގަނޑު އެއްއަތުން ރީތިކޮށްލަމުން އިސްޖަހާލިއިރު އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ.

"ގެއަށް ވެސް ވަންނަންވެއްޖެވިއްޔާ" ނުރުހިފައި އީޝަލް ބުނެލިއެވެ. އަދި ފުނާ އެޅުމުގެ ބަދަލުގައި އަވަސް އަވަހަށް އިސްތަށިގަނޑު އަތައް އޮޅާލައި ހުޅިއެއް ޖަހަން ތައްޔާރުވެލިއެވެ.

"އަހަރެން އައީމަ ދަނީތަ؟... ފުނާއަޅާ އަދި ނުވެސް ނިމެއެއްނު" ރައުލް ވާހަކަދެއްކިއެވެ.

"އަހަރެން ބުނިންތަ އަންނާށޭ، އެހެންނޫނަސް ކަލޭ ކުރިމަތީ ފުނާއަޅާކަށް ބޭނުމެއްނޫން، ރަށުތެރޭގެ ކަންކަމާ ނުބެހޭނަމޭ ގައިމު ބުނި، ދެން ކޮބާ މިހިސާބަށް އައުމުގެ ބޭނުމަކީ" ހުޅިޖަހައިލައިފައި ރައުލްއާ ދިމާއަށް އެނބުރިލައި ދެ ފަރާތުން ދެއަތް ވިދެލައިގެން ހުރެ އީޝަލް ބުނެލިއެވެ.

"ތީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއްތަ؟ ހާދަ ރުޅި ވެސް ގަދައޭ" ރައުލް މަޑުމަޑުން އީޝަލްއާ ގާތަށް އަންނަން ފެށިއެވެ. އޭނާ ފައިތިލަ ބޭނުންކުރާތަނެއް ނުފެނެއެވެ. ނަމަވެސް އެ ދެމެދުގައިވީ ދުރުކަން ލަސްލަހުން ގާތްވަމުން ދިޔައެވެ.

"އަހަރެންމީ ނަޖިސްގަނޑެއްނު، އަހަންނާ ވާހަކަދައްކަނިކޮށް ކަލޭ ވެސް ނަޖިސްވެދާނެ، ތީ އިންސާނެއް ވެސް ނޫން، އަހަރެން މީ ކަލޭމެންގެ ފެންވަރެއް ވެސް ނޫނެންނު... އެހެންވީމަ މިތާ މަޑުތިކުރަނީ ކީއްކުރަން، ދޭ މިތަނުން" އީޝަލް މޫނު ހަދާލިއެވެ. ނަމަވެސް ބޭނުންވި ހަރުކަށިކަމެއް އަޑަކަށް ނައެވެ. އޭގެ ބަދަލުގައި އެ ބަސްތަކުން އަދިވެސް އޭނާގެ ހިތަށް އަސަރުކުރާ ފަދައެވެ.

"އީޝަލް... އަހަރެން އައިސް މި ހުރީ ކީއްވެގެންތޯ އެނގޭކަށް ބޭނުމެއްނޫންތަ" ރައުލް އަހާލިއެވެ. އޭނާގެ ކުރިން ހުރި ސަމާސާ ގޮތް ކެނޑި މީހާ ސީރިއަސްވެއްޖެއެވެ.

"އެނގުން އަހަންނަށް މުހިންމެއްނޫން... ރައުލް ދޭ" ޒުވާބުކުރާކަށް އީޝަލް ވެސް ބޭނުމެއްނުވިއެވެ. އެހެންވެ ހިތުގައިވީ ނުރުހުމުގެ މައްޗަށް ރުޅި އިސް ނުވަނީސް އޭނާ ނަފްސު ހިފެހެއްޓީއެވެ. ރައުލްއާ ކުރިމަތި ނުލާން އެނބުރިލާން އުޅުނު ވަގުތު ކުއްލިއަކަށް ފެނުނީ އީޝަލްގެ ކުރިމަތީ ރައުލް ހުއްޓައެވެ.

"އަހަންނަށް މަޢާފުކުރޭ، އަންހެންކުއްޖެއްގެ ހިތުގައި މިހާތަނަށް ދުވަހަކުވެސް ނުޖައްސަން، އެކަމަކު އަހަންނަށް ބުނެވުނު އެއްޗަކުން އީޝަލްގެ ހިތުގައި މުޅި އުމުރަށް ނުފިލާވަރުގެ ލަކުނެއް ލެވިއްޖެކަން އެނގުނީ ދުލުން އެ ހުރިހާ ބަހެއް ބޭރުކުރެވުނު ފަހުން، އީޝަލް... އަހަންނަށް މަޢާފުކުރޭ، ފަހަރެއްގައި ވެސް އަހަރެންގެ ގަސްދަކީ އީޝަލް ދެރަކޮށްލުމެއްނޫން، އަހަންނަށް އަހަރެންގެ ދޫ ރައްކާތެރިނުކުރެވުނީ، އަމިއްލަ ނަފްސު ނުހިފެއްޓުނީ... އަހަރެން އެ ދުވަހު އެނބުރި އީޝަލް ހޯދަން ދިޔައީ މަޢާފަށް އެދެން، އެކަމަކު އީޝަލްއާއެކު އުޅޭ ހައިވާނު... އެ ސޮރު އަހަރެން ގާތްވާކަށް ހުއްދައެއްނުދޭ، ކުރިއަށް ފިޔަވަޅެއް އަޅަން ބޭނުންނުވީ އެހެންވެ، އިތުރު ހަމަނުޖެހުމެއް އަހަރެމެން ދެމެދު ހިނގަން ފުރުޞަތު ދޭން ބޭނުންނުވީ، އަހަރެން ދުރުގައި ހުއްޓެއްކަމަކު އީޝަލްގެ ރުއިމުގެ އަޑު އެހިން، ތި ދެ ލޮލުން ކަރުނަ ފުހުނުތަން ދުށީން... މި ހިސާބަށް އަހަރެން މި އައީ އީޝަލްއަށް ޓަކައި، އަހަންނަށް ކުރެވުނީ ކިހާވަރެއްގެ ކުށެއްކަން އިޙްސާސް ކުރެވިގެން" ރައުލްގެ އަޑުގައިވި މަޑުމައިތިރިކަމާއި އެ ދެ ލޮލުން ބަލަން ހުރި ގޮތުން އޭނާ އެ ބުނަނީ ޙައްޤު ބަސްކަން އީޝަލްގެ ޟަމީރު ޤަބޫލުކުރިއެވެ.

"ރައުލް އެ ދުވަހު ކީ އެއްޗެހިން އަހަރެން ވަރަށް ދެރަވި، އެ ނޫނީ އެފަދަ ގޮތަކަށް އަހަންނާ އެއްވެސް ޖިންނިއެއް ވާހަކަދައްކާފައެއްނުވޭ، އެކަހަލަ ހުތުރު ތުޙުމަތެއް ވެސް ބޮލުގައި ނާޅުވާ" އީޝަލް މަޑުމަޑުން ބުނެލިއެވެ.

"މަޢާފުކުރޭ އީޝަލް" ރައުލް އިސްޖަހާލިއެވެ.

"އެކަހަލަ އެއްޗެއް ދެން ދުވަހަކުވެސް އެކަކާ ދިމާއަށް ވެސް ނުކިޔައްޗޭ" އީޝަލް ބުނެލިއެވެ.

"މީ ފުރަތަމަ ފަހަރު، ދެން އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ނުވާނެ، އަހަންނަށް މަޢާފުކުރީތަ" ރައުލް އަހާލިއެވެ.

"ހޫމް!... މަޢާފުކޮށްފިން" އީޝަލް ބޯޖަހާލަމުން ބުންޏެވެ.

"ތިކަހަލަ އަންހެންކުއްޖަކު ދުށް މީ ފުރަތަމަ ފަހަރު" އިރުކޮޅަކު ހުރުމަށް ފަހު ރައުލް ބުނެލިއެވެ.

"ތިކަހަލައޭ..." އީޝަލް އިސްއުފުލައިލައި ސުވާލުގެ ނަޒަރަކުން ރައުލްއަށް ބަލާލަމުން ބުންޏެވެ. އެއާއެކު ރައުލް ހިނިތުންވެލިއެވެ.

"ގޯސް ގޮތަކަށްނޫން މިބުނީ... ވަރަށް ތަފާތު ރީތިކަމެއް، ވަރަށް ރީތި... އަހަރެމެންގެ ތެރޭގައި ތިހާ ކުލަ އަލި އޮމާން ހަންގަނޑެއް ނުދެކެން، އިންސާނުންނާ މާބޮޑަށް ވެސް ވައްތަރީ، އުޅޭ އުޅުމުގައި ވެސް" ކުޑަކޮށް ހީނލައިފައި ރައުލް ބުންޏެވެ. އީޝަލްއާއި ރައުލްއާ ދެމެދު އިހު އޮތް ނުރުހުންތެރިކަން ފިލައި ދެ މީހުން ވެސް ވާހަކައިގައި ޝާމިލުވީ ރައްޓެހިން ފަދައިންނެވެ.

"ރައުލްއަށް ކިހިނެއް އިންސާނުން އެނގެނީ، އެމީހުންގެ ތެރެއަށް ދަނީތަ؟" އީޝަލް އެއްސެވެ.

"ދަނީކީނޫން، އެކަމަކު ކަނޑުމަތިން ވަރަށް ދިމާވޭ، ދަތުރުކުރާ އުޅަނދުފަހަރުގައި އިންސާނުން އުޅޭ ގޮތް ބަލަން ރާވިންއާއެކު އަހަންނަށް ވެސް އޮވެވޭ، ގޮނޑުދޮށްތަކުން ވެސް އިންސާނުން ފެނޭ" ރައުލް ބުނެލިއެވެ.

"އެކަން މަނައެއްނުކުރޭތަ؟" އީޝަލް އަހާލީ އޭނާއަށް ކަންކަން މަނާވެފައި އޮންނާތީއެވެ.

"ކާކު މަނާކުރާނީ، އަހަރެންގެ މައްޗަށް ބަސް ބުނަން ހުންނާނީ ބައްޕަ، ގިނަ ކަންކަން ނިންމުމުގެ އިޚްތިޔާރު އަހަރެންގެ އަތްމައްޗަށް ދޫކޮށްފައި ބައްޕަ އޮންނަނީ، އެހެންނޫނަސް އަހަންނަކީ ކުޑަކުއްޖެއްނޫނެއްނު" ރައުލް ފާޑަކަށް ހީނލިއެވެ. އެ ޢަމަލުން އީޝަލް ރަކިވިއެވެ. މަޑުމަޑުން ހިނގަމުން އައިސް މައްޗަށް ވާގޮތަށް ހަދާފައި ހުރި އިރުމަތީ ފެންޑާގެ ވަށައިގެންވީ ތޭރިތަކުގެ މަތީ ފިލާގައި ދެއަތުން ހިފަހައްޓާލިއެވެ.

"ކޮބާ ދާރިއުސްއާއި އެހެން މީހުން" އީޝަލް އަހާލިއެވެ. އަދި އޭނާ އެނބުރިލަންވީއިރު ރައުލް ހުރީ އޭނާއަށް ފެންނަ ހިސާބަށް އައިހެވެ.

"އެމީހުން ރަށުތެރެއަށް ދިޔައީ" ރައުލް ބުންޏެވެ.

"ކީއްވެތަ ދާރިއުސްއަކީ ކުޑަކުއްޖެކޭ ކިޔަނީ، އޭނާ ބަލާލާފައި ހިޔެއްނުވޭ އުމުރުން އެހާ ހަގުވާނޭހެން" އީޝަލް އެއްސެވެ.

"އަހަރެމެންނާ އަޅާ ބަލާއިރު އޭނާ އަދި ވަރަށް ޅަ... ގަނޑުވަރާ އެހާ ދުރަށް އައި ފުރަތަމަ ފަހަރު މީ، އޭނާއަށް އަދި މިވީ ސޯޅަ އަހަރު، އެހެންވެ އޭނާއަކީ ކުޑަކުއްޖެކޭ ކިޔަނީ، ފަންސަވީސް އަހަރު ވުމުން ޅަކަން ކެނޑޭނޭ ބައްޕަ ބުނާނެ، އަހަރެމެންގެ ތެރޭ މީހުންނާ ގުޅުން އޮންނާނީ އޭގެ ފަހުގައި" ރައުލް އޮޅުންފިލުވައިދިނެވެ.

"އެހެންވީރު ރައުލްއަށް މިހާރު ފަންސަވީސްވެއްޖެ ދޯ" ވަރަށް ވިސްނާފައި އީޝަލް އަހާލިއެވެ.

"ކިހިނެއްވީ؟ އަހަންނަށް ފަންސަވީސްވެއްޖެއްޔާ އަހަންނާ ގުޅޭނީތަ؟" ހިނިއައިސްފައި ހުރެ ރައުލް ބުންޏެވެ. އީޝަލް ލޯ ބޮޑުކޮށްލައި ބަލާލިއެވެ. އަދި ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ދިޔައެވެ.

"ރައުލް..." އީޝަލް އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ކުއްލިއަކަށް ރައުލްގެ ނަމުން ގޮވާލިއެވެ. އޭރު ރައުލް ހުރީ ހިނިތުންވެލައިގެންނެވެ. އެ ދެ ލޮލުން ފާޅުވާ ވިދުން މިފަހަރު ކެނޑިގެން ނުދިޔައެވެ. ހިނިތުންވުމާ އެއްވަރަށް އެ ވިދުން ދެމިގެންދިޔައެވެ.

"ދޫކޮށްލާފައި އޮތީމަ މާ ރީތި" އީޝަލްގެ އިސްތަށިގަނޑަށް އިޝާރާތްކޮށް ރައުލް ބުނެލިއެވެ. އޭނާ އީޝަލް ނުވިސްނާ ހުއްޓާ އޭނާގެ ބޮލުގައިވި ހުޅި ނައްޓާލީއެވެ. އެއާއެކު އެ ދިގު އިސްތަށިގަނޑު ނިއުޅެމުން ތިރިއަށް ސޮހިގެން ފޭބިއެވެ. އިސާހިތަކު އިސްތަށިގަނޑު ރޫޅިއްޖެއެވެ. ރުޅިއައުމުގެ ބަދަލުގައި އީޝަލްއަށް ވެސް ހީނލެވުނީއެވެ. ރައުލް އެފަދަ ސަމާސާއެއް ކޮށްފާނޭ އޭނާ ހިޔެއްނުކުރެއެވެ.

"އަހަރެން ކަމަކު އެދެފިއްޔާ އީޝަލް ޤަބޫލުކުރާނަންތަ؟" އީޝަލްގެ ހަރަކާތްތަކަށް ބަލަން ހުރެ ރައުލް ވާހަކަދެއްކިއެވެ.

(ނުނިމޭ)