ރިޕޯޓް

ކޮންގްރެސް ޕާޓީއަށް ސައިޒް ހޯދިދާނެތަ؟

Dec 31, 2018
13

މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށްދަމާ ހިނގާށެވެ. އޭރު ވެރިކަން ކުރި ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމްގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދުނެވެ. އެޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެ ޕާޓީގެ މުސްތަޝާރު މިހާރު ފާޑަކަށް "ހުއްޓިފައިވާ" ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި ދެމެދު ރޯވި "އަލިފާން ހުޅު" މައިތިރިނުވެ، ޕާޓީ ދެބައިވި ހިސާބަކީ ޕީޕީއެމް ނިމުން ކަމަށް އެންމެނަށް އޭރު ގަބޫލު ކުރެވުނެވެ. ނަމަވެސް އޭރުގެ ރައީސް އަބުދުﷲ ޔާމީން ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ރައީސް މައުމޫންގެ ބާރު ޕީޕީއެމުން ކަނޑުވާލައި ރައީސް ޔާމީންގެ ޕާޓީއަކަށް އެޕާޓީ ހެދުމުގެ މަސައްކަތް ފެއްޓެވި އެވެ. މީހުން އިތުރު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންގޮސް، މިވަގުތު ރާއްޖޭގެ އެންމެ މީހުން ގިނަ ޕާޓީއަށް އެޕާޓީ ވަނީ ހަދާފަ އެވެ. ނަމަވެސް މިސްރާބު އޮތީ ގެއްލިފަ އެވެ. އެއީ ކޮން ޕާޓީއެއް ކަމެއް އެ ޕާޓީއަކަށް ނޭނގެ އެވެ.

ސަރުކާރު ބަދަލުވުމާއެކު ރައީސް ޔާމީނަށް ވަނީ ޕީޕީއެމްގެ މުސްތަޝާރުކަން ގެއްލިފަ އެވެ. އެކަމަކު އޭގެ ކުރިން އެ ޕާޓީން ވަނީ ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ހޮވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީނަށް ޕާޓީ ގެއްލިދާނެ ކަމަށް އުފެދުނު ބިރު މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާކަން އެނގެ އެވެ.

ޕީޕީއެމްގެ މައްސަލަަ ހިމެނޭ ފައިލް ވަނީ ސުޕްރީމް ކޯޓަށް ނަގާފަ އެވެ. ނަމަވެސް މިހާތަނަށް އެމައްސަލައިގެ އެއްވެސް ގޮތެއް ސުޕްރީމް ކޯޓުން ނިންމާފައެއް އެވެ. އެކަން އޮތީ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. އެކަން ނުނިމި އާންމު އިންތިހާބާ ދިމާއަށް ދާންޖެހޭތީ މިހާރު ރައީސް ޔާމީން އެވަނީ އާ ޕާޓީއެއް އުފައްދަން ހުށަހަޅުއްވާފަ އެވެ.

ރައީސް ޔާމީން ޔާމީން ވިދާޅުވާ ގޮތުގައި އާ ޕާޓީއެއް އުފައްދަނީ ޕީޕީއެމްގެ މުސްތަގްބަލާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ އެވެ. އަދި އެއީ އުންމީދެއް އޮތް ކަމަކަކަށްވެސް ނުވާތީ އާއި އެކަމަށް ދިގު އިންތިޒާރެއްކޮށް މައްސަލަ ނިމެންދެން ތިބުމަކީ ސިޔާސީ ގޮތުން ކުރެވޭނެ ކަމަކަށް ވެސް ނުވާތީ އެވެ.

"ހުޅަނގު ނިމި އިރުވައިއަށް ބަދަލުވެގެންދާއިރު ޕާޓީގެ މިލްކުވެރިކަން ބަދަލުވެދާނެ، އިރުވައިނިމި ހުޅަނގަށް ބަދަލުވާއިރު، އަނެއްކާވެސް އެހެން ގޮތަކަށް ބަދަލު ވެދާނެ، އެހެންކަމުން މިކަމުން އަޅުގަނޑުމެން އެބަޖެހޭ ހުރިހާ އާންމު މެންބަރުންގެ ހިތްތަކަށްވެސް ފިނިކަމެއް ގެންނަން، ތަސައްލީއެއް ގެންނަން، އެހެންވީމަ މުސްތަގްބަލެއް އޮންނާނީ އާ ޕާޓީއެއް ހަދައިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއްބަފާ ބޭބެއާއެކު ކުރަމުން އައީ "ހަނގުރާމައެއް" ހުއްޓާލުމަށްފަހު ރައީސް ޔާމީން އާޕާޓީއެއް އުފައްދަނީ ސިޔާސީ މުސްތަގްބަލު އޮތީ އެކަން ކޮށްގެންކަމަށް ގަބޫލު ކުރަވައްވައިގެނެވެ. -- ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީ އުފައްދަން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

އާ ޕާޓީތަކެއް އަނެއްކާވެސް އެބަ އާދެ އެވެ. ބައެއް ޕާޓީ އަތުވެއްޖެ އެވެ. ރައީސް ޔާމީން ވެސް އާ ޕާޓީއެއް ވުޖޫދު ކުރަން މަސައްކަތް ފައްޓަވާފައިވާއިރު، އެޕާޓީއަށް މީހުން ވެއްދުމުގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދެ އެބެ. އެކަން ހިނގަނީ ޕީޕީއެމްގެ އޮފީހުގަ އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައީސް ޔާމީނަކީ ފުރަތަމަ ޑީއާރްޕީގައި މަސައްކަތް ކުރެއްވުމަށްފަހު ޕީއޭ އުފައްދައި އެޕާޓީގެ އިސްވެރިޔާގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ލީޑަރެވެ. ޑީއާރްޕީ ބައިބައިވުމުން ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހުންވީވެސް ރައީސް ޔާމީނެވެ. މިހާރު ކުރިޔަށް މިދަނީ އަނެއްކާވެސް ކޮންގްރެސް ޕާޓީގެ މަސައްކަތެވެ. އަނެއްކާވެސް ސުމަކުން ފެށީ އެވެ.

ރައީސް ޔާމީން ވިދާޅުވާ މުސްތަގްބަލް ހޯދަން އާ ޕާޓީއާއެކު ދަތުރު ފަށައިގެން ކާމިޔާބުވާނެ ހެއްޔެވެ؟ އަލުން ރައީސް ޔާމީނަށް ސައިޒް ދައްކާލެވޭނެ ހެއްޔެވެ؟

ކޮންގްރެސް ޕާޓީ އުފައްދާއިރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ މިހާރު ކޮޅެއްގައި ނުޖެހި އޮތް ޕީޕީއެމްގެ ދަރަނިތަކާބެހޭ ގޮތުންނެވެ. ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ކަމަށްބުނެ ކޮށްފައިވާ ދަތުރުތަކަށް އެކަނިވެސް 3.8 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަންއަށް ދައްކަން އެބައޮތެވެ. ޖުމްލް ދަރަނި 17 މިލިއަނާ ގާތް ކުރާ ކަމަށް ވެއެވެ.

ޕީޕީއެމުން ބުނާ ގޮތުގައި އެ ފައިސާ ދެއްކިފައި ނުވަނީ އީސީއިން އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ނުދީގެނެވެ. އީސީން ބުނާ ގޮތުގައި އެ ފައިސާ ހިފަހައްޓާފައިވަނީ އެޕާޓީގެ މައްސަލައެއް ކޯޓުގައި އޮވެގެނެވެ.

ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ފަރާތްޕުޅުން ޕީޕީއެމްގެ ނައިބު ރައީސަކަށް ކުރިން އައްޔަން ކުރެއްވި އައިމިނަތު ނާދިރާ ޕީޕީއެމްގެ ދަރައްޏާ ގުޅޭ ގޮތުން ވަނީ ރައީސް މައުމޫންގެ ބަސް އިއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އާ ޕާޓީއެއް ހައްދަވާއިރު ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން އެ ދަރަނިތަކަށް ޒިންމާވާން ޖެހޭނެ އެވެ. ދަރަނި އަދާކޮށްފައި ނޫނީ އާ ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ދީގެނެއް ނުވާނެ އެވެ. އެހެން ނަމަވެސް ކޮންގްރެސް ޕާޓީ މިހާރު ވަނީ ގާތްގަނޑަކަށް ވުޖުދުވުމާ ގާތުގަ އެވެ.

ދެން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ރައީސް ޔާމީންގެ އެންމެ ގާތް މީހުން ޕާޓީން ވަކިވެ، ރައީސް ޔާމީން އެކަނިވެރިވެފައިވާ ވާހަކަ އެވެ. ރައީސް ޔާމީނާ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބައެއް މަޖިލިސް މެންބަރުން ވަނީ ޖޭޕީ އަދި އަދީބު ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑީމޮކްރެޓްސްއަށް ވަނީ ގުޅިފަ އެވެ.

ޖޭޕީއާ ގުޅުނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސެއިން މުހައްމަދު ލަތީފާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ އާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮން މަނިކާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އެމްޓީޑީއަށް ގުޅިވަޑައިގެންފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދެވެ.

މަޖިލީހުގެ ގިނަ މެންބަރުންތަކެއް ރައީސް ޔާމީން ދޫކުރައްވައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓީ ޖޭޕީއާ ގުޅުނު އިރު އެފަދަ ބައިވަރު ކަންކަން ދަނީ ހިނގަމުންނެވެ. ސުވާލަކީ ރައީސް ޔާމީނަށް އޮތް ސަޕޯޓް ކޮންގްރެސް ޕާޓީއާއެކުގައި ވެސް އޮންނާނެ ހެއްޔެވެ؟

ރައީސް ޔާމީނަށް މިދިޔަ ރިޔާސީ އިންތިހާބުގައި 96،000 އަށްވުރެ ގިނަ ވޯޓް ލިބި ވަޑައިގެންނެވި އެވެ. އެސައިޒް ދައްކާލެވޭނެ ޕާޓީއަކަށް ކޮންގްރެސް ޕާޓީ ވާނެ ހެއްޔެވެ؟

"ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ މީހުންނަކަށް އެއްވެސް ގޮތަކަށް ކެއްސެއްދޭނެ ބައެއް ނޫން، އެހެންވީމަ އާ ޕާޓީއެއް އުފެދޭ ހިސާބުން މި ހުރިހާ ބޭފުޅުންނަށް ވެސް އާޕާޓީއަށް ވެސް ވަޑައިގަނެވޭނެ، އަޅުގަނޑުމެންނާއެކު މިހާރު މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެސް އާޕާޓީއާ ގުޅިވަޑައިގަނެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް ޔާމީން ވަނީ ޕާޓީގެ ގިން ބަޔަކަށް ގަނޑުކޮށް ކެއްސެއް ދެއްވާފަ އެވެ. އަދިމަޖިލިސް ޕްރައިމަރީއަށް ހުޅުވާލުމާއެކު އިތުރަށް 30،000 އަށްވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅުނު އިރު އޭގެ ތެރޭގައި 11،000 މީހުނަކީ ޕީޕީއެމްގެ މީހުންނެވެ.

ބައެއް އާންމުން ބުނާ ގޮތުގައި ޕީޕީއެމްގެ މެމްބަރުން އެތައް މިތަނަށް ބެހޭ މަންޒަރު، ޑީއާރުޕީގެ މެންބަރުންތައް ބެހިގެން ދިޔަ ގޮތަށް ފެންނަމުން އެބަދެ އެވެ.

ސައިޒްގެ ވާހަކައަކީ އެންމެ ގަދަޔަކަށް ދެކެވޭ ވާހަކަ އެވެ. ކޮންގްރެސް ޕާޓީ އުފައްދައިގެން ރައީސް ޔާމީނަށް ދިމާވާނެ ބޮޑެތި ގޮންޖެހުންތައް ހުންނާނެ އެވެ. އެގޮންޖެހުންތައް ފޫއަޅުވާލައި އިދިކޮޅު އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ރައީސް ޔާމީނަށް ކޮންގްރެސް ޕާޓީ ހެދޭނެ ހެއްޔެވެ؟ ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ މައިދާނުގައި އެމަނިކުފާނު އަންޑައެސްޓިމޭޓް ކުރުމަކީ ގޯހެކެވެ.