ކުޅިވަރު

ނުވަ ކުޅުންތެރިންނަށް މަދުވެ ނަޕޯލީ އިންޓަ އަތުން ބަލިވެއްޖެ

ނަޕޯލީގެ ދެ ކުޅުންތެރިންނަށް ދެތްކި ރަތް ކާޑާއެކު، ކުޅުންތެރިންގެ އަދަދު ނުވައަކަށް ތިރިވުމުގެ އިތުރަށް ވާދަވެރި އިންޓަ މިލާން އަތުން ބަލިވެ ނަޕޯލީގެ ރިހެއި ފައިމައްޗަށް ފޮއި ވެއްޓިއްޖެ އެވެ.

ނަޕޯލީން ފުރަތަމަ ރަތް ކާޑު ދެއްކީ ކަލިޑޫ ކޫލްބުލީ އަށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑާއެކު އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ފުރަތަމަ ރީނދޫކާޑު ދެއްކިތާ ސިކުންތު ކޮޅެއްގެ ތެރޭގައި ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި އޭނާ ދަނޑުން ފޮނުވާލީ ފުރަތަމަ ރީނދޫކާޑު ދެއްކުމުން އޭނާ އަތްތިލަ ބަޑި ޖެހުމުންނެވެ. ފުޓްބޯޅައިގެ ގަވާއިދުގައި ރީނޑޫ ކާޑު ދެއްކުމުން އަތްތިލަ ބަޑި ޖަހައިފިނަމަ ބަލަނީ ރެފްރީއަށް ކުރާ ބޭއިހްތިރާމެއް ކަމަށެވެ. އެހެންވެ އެކަމުގެ އަދަބެއްގެ ގޮތުން އިތުރު ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހެ އެވެ.

މެޗުގެ ކުޅުން ފެށިގޮތަށް، އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ މެދު ރޮނގުގެ ކޮށްޓުން ވަޅުން ފޮނުވާލި ބޯޅަ އޭނާ ވަނީ ނަޕޯލީގެ ގޯލް ދަނޑިއަށް ފޮނުވާލާފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައިވެސް، ލަނޑު ޖަހާނެ އިތުރު ފުރުސަތެއް އިކާޑީއަށް ލިބިގެން ދިޔަ އެވެ.


ނަޕޯލީ، 10 ކުޅުންތެރިންނަށް މަދުވި ފަހުން އެ ޓީމުގެ ޕިއޯޓާ ޒިލީންސްކީ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. ޒިލީންސްކީ ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ސާމިރު ހޭންޑޮނޮވިޗްގެ ގައިން ނެއްޓި، ގޯލަށް ބޯޅަ ވަންނާން ދަނިކޮށް ގޯލްގެ ރޮނގުމަތިން އެ ބޯޅަ ދިފާއު ކުރީ އިންޓަގެ ޑިފެންޑަރު ކޮޑޮވާ އަސަމައޯ އެވެ.

އިންޓަގެ ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ލަޓާރޯ މާޓިނޭޒް އެވެ. އޭގެ ފަހުން މެޗުގެ 94 ވަނަ މިނެޓްގައި ނަޕޯލީގެ ލޮރެންޒޯ އިންސިނިއޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ދެ ވަނައިގައި އޮތް ނަޕޯލީއާ ތިން ވަނައިގައިވާ އިންޓަ އާ ދެމެދު މިހާރު އޮތް ޕޮއިންޓްގެ ފަރަގު ވަނީ، ފަސް ޕޮއިންޓަށް ކުޑަ ވެފަ އެވެ.