ރިޕޯޓް

ސަރުކާރަށްވުރެ ބާރު ގަދަ ޓެކްސީ ޑްރައިވަރުން!

ރަނގަޅު ޓެކްސީ ހިދުމަތެއް ދެވޭތޯ ރާއްޖޭގެ ހުރިހާ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައި ވެއެވެ. ގިނަ އާ ހިޔާލުތަކެއް ވެސް އުފަން ކުރުވައި ތަރައްގީކޮށް ބޭނުން ކުރުމާ ހިސާބަށް ގެނެސް އެކަމަށް ގަވައިދުތައް ވެސް އެކި ސަރުކާރުތަކުން ހަދައިފި އެވެ.

ރައީސް މައުމޫން ވެސް ޓެކްސީ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުުރެއްވި އެވެ. ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ފުރަތަމަ މުޒާހަރާތައް ފަށައިގަތީ ވެސް ޑްރައިވަރުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޓެކްސީ ހިދުމަތް ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް ބާރު އަޅުއްވައި އެ މަސައްކަތް ކުރަން އުޅުއްވި އެވެ. ނަމަވެސް ހިދުމަތް ރަނގަޅު ނުކުރެވިގެން އުޅެނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލަކާއެކު ޓެކްސީގެ ޑްރައިވަރުން ނުކުތީ މުޒާހަރާ އަށެވެ. އެމީހުން ބޭނުންވީ ދަތުރުކުރާ އަގު ބޮޑު ކުރާށެވެ. ވާހަކައެއް ދައްކާކަށް، އާ ޒަމާނުގެ ހިޔާލުތަކާއި ނިޒާމްތަކަށް ބޯލަނބަލައި ބަލައިގަންނާކަށް ބޭނުމެއް ނުވި އެވެ. އެ ފަހަރުވެސް ޑްރައިވަރުން މޮޅުވީ އެވެ.

އޭރުގެ ޝަކުވާ އަށްވީ 15ރ. ގައި ހުރި ޓެކްސީގެ އަގު ބޮޑު ކުރުމެވެ. ނަތީޖާއަކަށްވީ ސަރުކާރަށް މަޖުބޫރުވީ ޑްރައިވަރުން އެދުނުހާ ގޮތެއް ހަދައިދީ އަދި 25ރ. އަށް ޓެކްސީގެ އަގު ބޮޑު ވެސް ކުރާށެވެ. ޓެކްސީގެ އަގު މަތިކުރީ އެކަންޏެއްވެސް ނޫނެވެ. މި 25ރ. ގެ އިތުރުން ޑިކީ އަށް އަރުވާ ފޮށިގަނޑު ތަކަށް ވެސް އަގު ނަގަން ފެށީ އެވެ. މިގޮތަށް އަގު ނަގަނީ ކޮން ގައުމެއްގެ ޕަބްލިކް ޓްރާންސްޕޯޓުގައި ހެއްޔެވެ؟

ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ވެސް ޓެކްސީގެ އަގުތައް ބޮޑު ކުރަން ޑްރައިވަރުން ހިފާލި އެވެ. އަދި ބޮޑާ ހާކާއި ޖެއްސުންތައް ކުރި އެވެ. އޭރު ސަރުކާރުން ޓެކްސީގެ ހިދުމަތަށް ގެނެސްދޭން އުޅުން އެއްވެސް ކަމެއް ބަލައެއް ނުގަތެވެ.

ދެން އައީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެވެ. އެ ސަރުކާރުގައި ޓެކްސީގެ ހިދުމަތް ޒަމާނީ ކުރެވޭތޯ އޭރުގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ޓެކްސީގެ ކަންކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގޮތްގޮތް ހޯދައި ވަރަށް ރަނގަޅު ފިޔަވަޅު ތަކެއްވެސް އެޅި އެވެ. ޒަމާނީ ބަދަލުތަކެއްގެ ތެރެއަށް ޓެކްސީ ގެންދެވޭ ތޯ އެކި ފަރާތްތައް މެދުވެރިކޮށްގެންނާއި ސަރުކާރުން ހާއްސަ މޮބައިލް އެޕްލިކޭޝަން (މޮބައިލް އެޕް) ތަކެއް ތައާރަފު ކުރި އެވެ.

އަދި ޓެކްސީ ތަކުގެ މަތީގައި ފެހި ކުލަ އާއި ރަތް ކުލައިއިން ދިއްލޭ ބޯޑު ތަކެއް ޖެހި އެވެ. ފެހި ކުލައިން ދިއްލޭ ބޯޑުގައި ދާނަމަ މާނައަކީ އެދަނީ ހުސްކޮށެވެ. އަދި ރަތް ކުލައިން ދާނަމަ މާނައަކީ މީހުންނާއެކު ދަތުރު ކުރަނީ އެވެ. އެކަމަކު ދެ ބޯޑު ދިއްލުމުގެ ބަދަލުގައި ޑްރައިވަރުން ދުއްވީ ހިތު ހުރި ކުލައެއްގަ އެވެ. މީގެ އިތުރުން އާންމު ބައެއް ފަރާތްތަކުން ވެސް ޓެކްސީގެ ހިދުމަތް ރަނގަޅު ކުރުމަށް ދުނިޔޭގައި މިހާރު ބޭނުން ކުރާ އެކި ކަންކަން މާލޭގެ މަގުމައްޗަށް ނެރެވޭތޯ ޓްރައިކޮށް ބައެއް ކަންކަން ފެށި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ފަނުފުލުން ދުއްވާލީ ޓެކްސީ ޑްރައިވަރުންނެވެ. އެ ހުރިހާ މަސައްކަތް ވީ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަށެވެ.

ޓެކްސީ ބޯޑު ދިއްލޭ ގޮތަށް ހަމަޖައްސައި މޮބައިލް އެޕެއް ހެދުމުން ވެސް އެކަން ކޮށްލީ "ފެއިލް" އެވެ. މީގެ ބަދަލުގައި މިހާރު ވެސް މި ފެންނަ ގޮތަށް އެންމެ އިހުގެ އިސްޓައިލަށް ޓެކްސީ ދަތުރު ކުރަން ފެށި އެވެ. މިގޮތަށް ދަތުރު ކުރަމުން ދަނިކޮށް ޓެކްސީ ޑްރައިވަރުން އަނެއްކާ އިތުރު އާ ކަމެއް މިވަނީ ކުރަން ފަށާފަ އެވެ. އެއް ދަތުރު ނަގައިގެން ދަމުން ޓެކްސީގެ ބާކީ ހުރި ގޮނޑިތައް ފުރުމެވެ. ޓެކްސީ އަށް މީހަކު އަރުވާއިރު ޓެކްސީގައި އިން މީހާ ކައިރީވެސް އަހައިނުލާ، މީހުން އަރުވައި ކޮންމެ މީހެއްގެ އަތުން 25ރ. ނަގަމުން ދުއްވަން ފެށި އެވެ.

ޓެކްސީ ޑްރައިވަރުންގެ ބޯހަރު ކަން އިތުރަށް ފެނިގެން ދިޔައީ "ސިނަމާލެ ބްރިޖް" އެޅުމާއެކުގަ އެވެ. ބްރިޖު ހުޅުވުމާލުމާއެކު މާލެ އިން ހުޅުމާލެ އަށް 150ރ. އަދި މާލެ އިން އެއާޕޯޓަށް ވެސް އަަދަދު ނަގަން ފެށި އެވެ. މި އަދަދު 100ރ. އަށް ބަދަލު ކުރި އެވެ. މި އަގުގައި ދަތުރު ކުރަން ފެށުމާއެކު، އާއްމުންގެ ޝަކުވާ އޮހެން ފެށި އެވެ. އެހެންވެ ސަރުކާރުން 40ރ. އަށް އަދި 35ރ. އަށް ހާއްސަ އަގެއް ކަނޑައެޅި އެވެ. އެކަމަކު "ބޯހަރު ޓެކްސީ ޑްރައިވަރުން" އެ އަގު ނަގަން އިންކާރުކޮށް އުޒުރު ދައްކަން ފެށި އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް މިއޮތީ އެ ދަތުރު ޖެހިފަ އެވެ.

ޓެކްސީގެ ހިދުމަތް ރަނގަޅު ކުރަން ހިފުމާއެކު ގޯސްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މިނިސްޓަރަށް "ބޭއަދަބީކޮށް" ވާހަކަ ދައްކައި، ހަޅޭލަވައި ހަދަނީ "ބޯހަރު ޑްރައިވަރުން" ނެވެ. އެކަމަނާ ވަރުގެ ގޯސް ބޭފުޅަކު ނެތްކަން ބުނެދޭން ޑްރައިވަރުން ވަރަށް މަސައްކަތް ކޮށްފި އެވެ. އެންމެ ފަހުން މި ސަރުކާރުވެސް މި ވަނީ ބޯހަރު ޑްރައިވަރުންނާއެކު ގޯޅި އަޅާފައެވެ. އެ މީހުން އެދޭހާ ގޮތަކަށް ބަދަލުތައް ގެންނަން ފަށާފަ އެވެ.

ޑްރައިވަރުން ބޭނުންވާ ގޮތް އަބަދުވެސް ކާމިޔާބުވާއިރު ހިދުމަތް ރަނގަޅު ކުރުމަށް މި ސަރުކާރުން ވަނީ މިހާރުވެސް ލުއި ތަކެއް ވެސް ދީފަ އެވެ. ޑްރައިވަރުންގެ ޝަކުވާއަކަށްވި ޓެކްސީ ބޯޑުގެ ބައިލައްކަ ރުފިޔާގެ ފީ ކަނޑާލުމެވެ. އެކަންވެސް މިނިސްޓަރު ނަހުލާ ކޮށްދެއްވައިފި އެވެ. އަދި ޑްރައިވަރުން އެދުނު ގޮތަށް ބައެއް މަގުތައް ވެސް ހުޅުވައިދެނީ އެވެ. އެކަމަކު އަދިވެސް ޑްރައިވަރުން ތިބީ ހަމައެގޮތުގަ އެވެ. އެމީހުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ކަމެއް ކުރާކަށް ލާހިކު ކުޅަނދާނައެއް ނުވެ އެވެ.