ކުޅިވަރު

އިންޑިއާގެ ގައުމީ ކޯޗަށް އިތުރު ފުރުސަތެއް ނެތް!

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން އާއެކު އިތުރަށް އެއްބަސްވުން އާ ނުކުރުމަށް، އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމައިފި އެވެ.

އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަން، [އޭއިއެފުން] ކޮންސްޓަންޓީން އާއެކު އެއްބަސްވުން ހަދާފައި ވަނީ އަންނަ މަހު ބާއްވާ އޭޝިއަން ކަޕުގެ ނިޔަލަށެވެ. އިންޑިއާގެ ޓީމާ ކޮންސްޓަންޓީން އަލުން ހަވާލުވީ ޖަނަވަރީ 2015 ގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ޓީމަށް ހޯދައިދިނެވެ. އަދި ގިނަ ފްރެންޑްލީ މެޗުތަކެއް ކާމިޔާބު ކޮށް ފީފާގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް އިންޑިއާ ވައްދައިދިނެވެ. އަދި ގުރޫޕްގެ އެއް ވަނައިގައި އިންޑިއާ އޭޝިއަން ކަޕަށް ކޮލިފައި ކޮށްދިނުންވެސް ކޮންސްޓަންޓީންގެ ކާމިޔާބުގެ ލިސްޓުގައި ހިމެނެ އެވެ.

އެހެންނަމަވެސް، މި އަހަރު އިންޑިއާގެ ޓީމުގައި އޭނާ އަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދުނެވެ. އިންޑިއާގެ ފެޑްރޭޝަނުން އިންތިޒާމު ކުރި އިންޓަނޭޝަނަލް ކަޕު ކާމިޔާބު ކުރެވުނު ނަމަވެސް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ބަލިވެ ނާކާމިޔާބު ވުމުން ކޮންސްޓަންޓީން އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބާއެކު، ކޮންސްޓަންޓީން އަށް ފާޑު ކިޔުން އަމާޒުވީ، އިންޑިއާގެ ފެޑްރޭޝަނުން އޭނާއަށް 45 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައި ދިނުމުންވެސް ކާމިޔާބު ނުލިބުމުންނެވެ. އަދި އިންޑިގެ ޓީމަށް އޮސްޓްރޭލިއާގެ ލީގް ޗެމްޕިއަންކަން މިދިޔަ ސީޒަންގައި ހޯދި ސިޑްނީ އެފްސީ އާއި އޮސްޓްރޭލިއާގެ ބައެއް އެހެން ކުލަބުތަކާ ދެކޮޅަށް ޓްރެއިނިން މެޗުތަކެއް ކުޅެން ފުރުސަތު ދިން އިރުވެސް މުބާރާތް ކާމިޔާބު ނުކުރެވުމުންނެވެ. އަދި އިންޑިއާގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އިންޑިއާގެ އެންމެ ވަރުގަދަ ކުލަބުތަކުގެ ހިމެނޭ ފުލްޓައިމް ފުޓްބޯޅަ ކުޅުންތެރިންނެވެ، އެ ކުޅުންތެރިންނާއެކު މުބާރާތް ކާމިޔާބު ނުކުރެވުން އިންޑިއާގެ ގިނަ ފަރާތްތަކުން ބަލައެއް ނުގަނެ އެވެ..

ކޮންސްޓަންޓީން އާއެމެދު އިތުރަށް މައްސަލަ ހޫނުވީ، މިއަހަރު އޮކްޓޫބަރު މަހު އިންޑިއާގެ ފޯވަޑް ސުނިލް ޗެތުރީ އަތުން ގައުމީ ޓީމު ކެޕްޓަން ބޭންޑު ނެގުމުންނެވެ. ޗެތުރީ އަތުުން ނެގުމަށް ފަހު ކެޕްޓަން ބޭންޑް ހަވާލު ކުރީ ކެރަލާ ބްލަސްޓާގެ ކެޕްޓަން ސަންދޭޝް ޖިންގަން އާ އެވެ.

"އަހަންނަށް ހީވަނީ ކެޕްޓަން ދައްކައި ދޭން ޖެހޭނީ ކޯޗު ހިފަހައްޓާ އެޓިޓިޔުޑު ހެން،" ސަންދޭޝްއަށް ކެޕްޓަން ބޭންޑް ދިނުމަށް ފަހު ކޮންސްޓަންޓީން ބުނެފައި ވެއެވެ. "ސަންދޭޝް އަހަންނާއެކު ފުރަތަމަ ކުޅުނީ ހަތަރު އަހަރު ކުރިން، އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް އަދި ވަރުގަދަ ލީޑަރެއް، ދަނޑުމަތީގައި ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ހުރިހާކަމެއް ފެނޭ، އެހެން ގިނަ ކުޅުން ތެރިންގެ ފަރާތުންވެސް ދަނޑުމަތީގައި އެކަން ފެނޭ."

ޓައިމުސް އޮފް އިންޑިއާއިން ބުނީ ޗެތުރީ އާއި ކޮންސްޓަންޓީން އާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށެވެ. އެ ނޫހުން ބުނީ ޗެތުރީ އާއި ބައެއް ސީނިއާ ކުޅުންތެރިންގެ ފަރާތުން ކޮންސްޓަންޓީން ކޯޗު ކަމުން ވަކި ކުރުމަށް އެދި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނަށް ހުށަހެޅި ކަަމަށެވެ. އެހެން ނަމަވެސް ކޮންސްޓަންޓީން އާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމެންދެން ފެޑެރޭޝަނުން އެކަމަށް އިހުތިރާމު ކުރުމަށް ނިންމާފަ އެވެ.

އޭޝިއަން ކަޕު ފެށެން އަށް ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ކޮންސްޓަންޓީން އާއެކު ކޮންޓްރެކްޓް އާ ނުކުރާ ވާހަކަ ފެތުރިގެން ދިއުމުން ބައެއް ފަރާތްކުން އެކަމާ ސުވާލު އުފެއްދި އެވެ. އެ ފަރާތްތަކުން ބުނީ އޭޝިއަން ކަޕު މިހާ ކައިރިވެފައި ވަނިކޮށް އެ ޚަބަރު ފެޑްރޭޝަންގެ ތެރެއިން އާންމުވެގެން ދިއުމަކީ ޓީމަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ބުނެފައި ވަނީ، ކޮންސްޓަންޓީންގެ ބަދަލުގައި އާ ކޯޗަކު ހޯދުމަށް އިންޑިއާގެ ފެޑްރޭޝަނުން މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އިންޑިއާގެ ކޯޗު ކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބެންގަލޫރު އެފްސީގެ ކުރީގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކަ އެވެ. އެހެންނަމަވެސް ފްރާންސާއި ހޮލެންޑުގެ ކޯޗުންނާވެސް އިންޑިއާގެ ފެޑްރޭޝަނުން ވާހަކަ ދައްކަމުން އަންނަ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

ކޮންސްޓަންޓީން އިްނޑިއާގެ ކޯޗު ކަމާ އެންމެ ފުރަތަމަ ހަވާލުވީ، 2002 ވަނަ އަހަރު އެވެ. ދެހާސް ފަސް ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އެފަހަރު އިންޑިއާގެ ޓީމާއެކު މަސައްކަތް ކޮށްފަ އެވެ. އޭގެ ކުރިން ނޭޕާލަށްވެސް އޭނާ ކޯޗު ކޮށްދިނެވެ.