އަމިއްލަ ކްލަބް ރެލިގޭޝަނުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ބްރެޒިލްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ރިވާލްޑޯ އަލުން ކުޅެން ނުކުމެދާނެ އެެވެ.
ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރިވާލްޑޯ ކާމިޔާބު ކެރިއަރަކަށް ފަހު، ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު ކުރިން ބާސެލޯނާ އާއި އޭސީ މިލާނަށް ކުޅުނު ރިވާލްޑޯ ވަނީ އޭނާގެ އަމިއްލަ ކްލަބު ކަމަށްވާ މޯގީ މިރިމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ބްރެޒިލްގެ ސީރިއާ ބީ ފުލުގައި މި ވަގުތު އޮތް މޯރީ މިރިމް އަށް ވަނީ ރެލިގޭޝަންގެ ބިރު ބޮޑުވެފަ އެވެ. ރިވާލްޑޯ އަކީ މޯގީ މިރިމްގެ ރައީސް އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު 1999 ވަނަ އަހަރު ހޯދި ރިވާލްޑޯ ބުނީ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް، މެޗެއް ކުޅުމާމެދު އަދި މުޅިން ގޮތެއް ނުނިންމާ ކަމަށެވެ. އަދި މެޗެއް ކުޅުމާމެދު ގޮތެއް ނިންމާނީ ޓްރެއިނިންގައި ފިޓްނަސް އަށް ބަލާފައި ކަމަށެވެ.
"މިހާރު އަހަރެންގެ ކަކޫ ވެސް ކުރިއަށް ވުރެ ރަނގަޅު. ފަހަރެއްގައި ބައެއް މެޗުތަކުން އަހަރެން ފެނިދާނެ. އެކަމަކު ފަރިތަކުރުންތައް ބައިވެރިވާން ފެށުމަކީ އަހަރެން އަލުން ކުޅެން ނުކުތުމެއް ނޫން. އަހަރެން ކުޅުން ހުއްޓާލިތާ 15 މަސް ދުވަސްވެއްޖެ. މިހާރު އަހަރެމެން މި އުޅެނީ ކްލަބު ހިންގުމުގައި. އެހެންވީމަ ޓްރެއިނިން އަށް ފަހު މެޗެއް ކުޅުމާމެދު ގޮތެއް ނިންމޭނީ،" ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ކެރިއަރު ފެށީ މޯރީ މިރިމް އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ދެ ފަހަރު އެ ކްލަބަށް ކުޅެފަ އެވެ.
ބާސާ އާއި މިލާންގެ އިތުރުން ރިވާލްޑޯ ވަނީ ގްރީސްގެ އޮލިމްޕިއާކޮސް އަށް ވެސް ކުޅެފަ އެވެ. އަދި އުޒްބެކިސްތާނާއި އެންގޯލާ ލީގުގައި ވެސް ރިވާލްޑޯ ވަނީ ކުޅެފަ އެވެ.