ކުޅިވަރު

އިމްރާންގެ މެޗަށް ޔުނައިޓަޑްގެ ކުރީގެ ކީޕަރު ޝްމައިކަލް ރާއްޖެއަށް

ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާގެ ޝަރަފުގައި ކުޅޭ ހާއްސަ މެޗަށް، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް ރާއްޖެ އަތުވެއްޖެ އެވެ.

ޝްމައިކަލް، މިއަދު ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހާބާ ކީ، އިމްރާން އާއި އެފްއޭއެމް އިސްވެރިންނެވެ. އިމްރާންގެ ޝަރަފުގެ މެޗު އޮންނާނީ މިއަންނަ އާދިއަތަ ދުވަހުގެ ރޭގަ އެވެ. އެގެ ކުރިން މާދަމާ ބާއްވާ އެފްއޭއެމްގެ މޯލްޑިވުސް ފުޓްބޯލް އެވޯޑް ހަފާުލާގައި އޭނާ ބައިވެރިވާނެ އެވެ.

ޔުނައިޓަޑްގެ އޭރުގެ ކޯޗް އެލެކްސް ފާގަސަންއަށް ޝުމައިކަލް ފާހަގަވީ، ޑެންމާކުގެ ގައުމީ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗުތަކުގައި ޝްމައިކަލް ދެއްކި މޮޅު ކުޅުމުންނެވެ. ޝުމައިކަލް ޔުނައިޓަޑަށް ގެނެއުމަށް ފަހު، ފާގަސަން އޭރު ސިފަ ކޮށްފައި ވަނީ، ޝްމައިކަލް އަކީ ޔުނައިޓަޑަށް ގަރުނުގައި ލިބުނު އެންމެ ބޮޑު ފައިދާ ކަމަށެވެ. ސަބަބަކީ، އޭރު ޝްމައިކަލްގެ ހުނަރު ޑެންމާކުން ބޭރުގައި އެހާ މަޝްހޫރު ކަމެއް ނުލިބޭއިރު ޔުނައިޓަޑުން އޭނާގެ ސޮއި ހޯދުމުންނެވެ. ޝްމައިކަލް ޔުނައިޓަޑަށް ގެނައުމުން އޭނާގެ ނަން މަޝްހޫރުވި އެވެ. އޭނާ ޔުނައިޓަޑްގައި ކުޅުނު އަށް އަހަރު ތެރޭގައި އޭނާ ވަނީ ޔުނައިޓަޑާއެކު ފަސް ފަހަރަށް ޕްރިމިއާ ލީގް ހޯދާފަ އެވެ. އެފްއޭ ކަޕް ތިން ފަހަރު ހޯދި އެވެ. ލީގް ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގް އެއް ފަހަރު ހޯދި އެވެ.

ޝުމައިކަލްގެ މަޝްހުރޫކަން މުޅި ދުނިޔޭގައި ވިދާލީ، އާދަޔާ ހިލާފް ގޮތަކަށް 1992 ވަނަ އަހަރު ޑެންމާކުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޝުމައިކަލްގެ ރާއްޖެ އައުމުގެ ކުރިން، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވަނީ މިދިޔަ އަންގާރަ ދުވަހު މާލެ އައިސްފަ އެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ޝްމައިކަލް އާއި ސަލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިިރު އޭނާ ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ގައުމީ ޓީމަށް މެޗު ކުޅެފަ އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މުބާރަތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތެވެ. ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އިމްރާން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފައިނަލުވެސް ހިމެނެ އެވެ.