ހަބަރު

ޔާމީން އާ ޕާޓީ އުފައްދާ މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ

Dec 27, 2018
11

ޕީޕީއެމްގެ ލީޑާޝިޕުން އެހެން ޕާޓީއެއް އުފައްދަން މަސައްކަތް ފަށާފައިވާތީވެ، އެ މައްސަލާގައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ ލަފާ ހޯދުމަށް އިލެކްޝަން ކޮމިޝަން، އީސީއިން ނިންމައިފި އެވެ.

އީސީން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އުފައްދަން ހުއްދަ ދީފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، ނުރަސްމީ ގޮތެއްގައި އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މުޅި ލީޑާޝިޕް، އަބުދުއްރަހީމް އަބުދުﷲ އަލަށް އުފައްދާ ޕާޓީއަށް ގުޅިވަޑައިގަންނަވާ ކަމަށެވެ. އެކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕާޓީތައް ބަލަހައްޓާ ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަންބޮޑުވޭ، އެތައް ހާސް މެންބާޝިޕް ހިމެނޭ ޕާޓީއެއްގެ ލީޑާޝިޕް އެކީގައި އެހެން ޕާޓީއަކަށް ގޮސްފި ކަމަށްވަންޏާމު ދެން އެޕާޓީއަށް ކުރިއަށްދެވޭނެ އުސޫލަކީ ކޮބައިތޯ، ނުވަތަ އެޕާޓީގައި ދެން އިސްނަގައިގެން އެކަން ކުރާނީ ކޮން ފަރާތަކުންތޯ، މުޅި ލީޑާޝިޕް އެކީގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ދެން ވާނީ ކިހިނެއްތޯ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ގާނޫނުގައި ނުވަތަ ގަވާއިދުގައި އެކަމަށް އަލިއަޅުވާލާފައިނުވާ ކަމަށާއި އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަމަލު ކުރާނެ ގޮތަކާމެދު ގާނޫނީ ފަރާތްތަކުގެ މަޝްވަރާ ހޯދަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ދައުލަތުގެ ބަންޑާރަ ނައިބްގެ ލަފާއެއްވެސް އަދި ބައެއް އެހެނިހެން ޝަރުއީ އެހެން ދާއިރާތަކާވެސް މިކަމުގައި މަޝްވަރާ ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެޕާޓީިގެ ހިންގުމާއި ހަވާލުވެ، އެޕާޓީގެ އަރަންޏާއި ދަރަންޏާ ހަވާލުވާނެ ފަރާތެއްވެސް ކަނޑައެޅުމަކީ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އަދި އެލީޑާޝިޕްގެ ދަށުން އެހެން ޕާޓީއެއް އުފެއްދުމުގެ ކުރިން އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެކަމާމެދު މަޝްވަރާކޮށް، ޓްރާންސިޝަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.