ހަބަރު

މައްސަލަތަކަކާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން އުއްތަމަ ފަނޑިޔާރާ މަޝްވަރާކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގައި ހުރި މައްސަލަތަކުގެ ތެރެއިން ޝަރުއީ ދާއިރާއާ ގުޅުންގުރި މައްސަލަތަކާ މެދު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ އެކު އެޗްއާރުސީއެމްއިން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ، އުއްތަމަ ފަނޑިޔާރާއެކު އެޗްއާރުސީމްއެމްގެ ރައީސާ އާމިނަތު އީނާސް ބޭއްވި ބައްދަލުވުމުގައި ވަނީ ކޯޓުތަކުން ބަލަމުންދާ މައްސަލަތައް ލަސްވާތީ އާއި، ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅެމުންދާތީ، އެފަދަ މައްސަލަތަކުގެ ޝަރުއީ މަރުހަލާ އަވަސްކޮށްދެއްވުމަށް އެދިފައި ކަމަށެވެ.

މީގެ އިތުރުން، ތަހުގީގު މަރުހަލާ ނިމުނު ނަމަވެސް، ޝަރީއަތުގެ އަޑުއެހުންތައް ޝެޑިއުލް ނުކޮށް ގިނަދުވަސްވާތީ މައްސަލަތައް ދިގުލައިގެން ދާތީ، އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެޗްއާރުސީއެމްއިން އެދުނެވެ. ބަންދުގައި ތިބޭ ބިދޭސީންގެ މައްސަލަތަކުގައި ޝަރީއަތް ކުރިއަށްދާއިރު، ތަރުޖަމާނަކު ނެތި ކުރިއަށްގެންދާކަމަށް ބުނެ ކޮމިޝަނަށް ހުށަހެލޭ މައްސަލަތަކުގައި ހައްލެއް ލިބޭނޭގޮތެއް ހޯދުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެޗްއާރުސީއެމް އިން އިތުރަށް ބުނީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް އެހައްގުތައް ނެގެހެއްޓުމަށް މުޖުތަމައާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޝަރުއީ ނިޒާމުގެތެރޭގައި މިފަދަ ސަގާފަތެއް ގާއިމް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެޗެ،

ސެޕްޓެމްބަރު، 16، 2014ގައި އެކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބަލާފައިވާ ސުމޯޓޯގެ މައްސަލައިގެ ހުކުމުގައި ނިންމާފައިވާ ކަންކަމާ ގުޅިގެން އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ހުރަސް އެޅޭތީ އެ ހުކުމުގައި ހުރި ކަންކަން އިތުރަށް ތަފްސީލްކޮށް ދިނުމަށް ކޮމިޝަނުން މިއަދުގެ ބައްދަލުވުމުގައި އެދުނު ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.