ސުޕްރީމް ކޯޓް

ސުއޯ މޯޓޫ މައްސަލަ ހައްގުތަކާ ހިލާފު ކަމަށް ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުންގެ މައްޗަށް 2014 ވަނަ އަހަރު ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފުކަމަށް އދގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފި އެވެ.

އެޗްއާރުސީއެމްގެ ކުރީގެ މެންބަރުން ކަމުގައިވާ އަހްމަދު ތޮލާލް އާއި ޖީހާން މަހްމޫދު އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތް ނިންމާފައިވަނީ ނޮވެންބަރު 2، 2020 ގައެވެ. އަދި ކޮމިޓީގެ ވިއުސް ރަސްމީކޮށް ދިވެހި ސަރުކާރާ ހިއްސާކޮށްފައިވަނީ ފެބްރުއަރީ 19، 2021 ގައެވެ.

ސެޕްޓެންބަރު 25، 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރްސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލަ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއް ކަމަށް ނިންމާފައިވެއެވެ. އަދި އެޗްއާރްސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށްވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރުއްވާފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުން ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އެ ކޮމިޓީން ކަނޑައަޅުއްވާފައި ވަނީ އެޗްއާރްސީއެމްއަށް ކޯޓުން ކުރައްވާފައިވާ ތުހުމަތުތަކާއި ފާހަގަކުރައްވާފައިވާ ކަންކަމާއި ނެރުއްވާފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ. އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގްސަދެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި، މުސްތަގްބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ވަނީ ނިންމަވާފައެވެ.

އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. މަޖިލީހުން އެ އިސްލާހު ފާސްކޮށް، ސެޕްޓެންބަރު 22، 2020 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، އެ ގައިޑްލައިންގެ ގާނޫނީ ބާރު ވަނީ ނިމުމަކަށް އައިސްފައެވެ.