ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ސުމޯޓޯކޮށް މައްސަލަތައް ބަލައި ހުކުމް ނެރުނު ބާރު އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ސާފުވާ ގޮތަށް ގާނޫނުގައި ބަޔާން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން އެ ގޮތަށް އަމަލު ކުރާން ހިމަނާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން އަމަލުކުރާނެ ގައިޑްލައިނެއް ކަނޑައަޅައި ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ކޮށްފައިވާ ހުކުމާ ދެކޮޅަށް ހިންނަވަރު ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ އެ ރިޕޯޓް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެ އެވެ.
އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލާގައި އެ ކޯޓުން ކުރި ހުމުގައި ވަނީ އެޗްއާރުސީއެމްގެ މެންބަރުން އަމަލު ކުރާނެ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ކަނޑައަޅާފަ އެވެ. އެ ސުމޯޓޯ މައްސަލަ ކޯޓުން ބަލަން ފެށީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެޗްއާރުސީއެމުން ފޮނުވި ރިޕޯޓެއްގައި ކޯޓުގެ އިހުތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމެނި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހުށަހެޅި ގަރާރު ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ތަހުގީގު ކުރާ އިދަރާއަކުން ތަހުގީގު ކުރުމެއް ނެތި އަދި ދަައުވާ އުފުލުމެއް ނެތި ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ސުމޯޓޯކޮށް ގާނޫނު އަސާސީއާ ހިލާފު ހުކުމް ނެރެމުންދާތީ، އެއީ ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ގާނޫނުގައި ބަޔާން ކުރުމަށެވެ.
އޭގެ އިތުރުން މިނިވަން މުއައްސަސާތަކަށް ގާނޫނު އަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި ލިބިދީފައިވާ ރައްކާތެރިކަން، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއް ކަމުގައިވާ ސުމޯޓޯ ބޭނުން ހިފައިގެން ގާނޫނު އަސާސީއާ ހިލާފަށް އަރައިގެން ގޮސްފައިވަތީ އެ މުއައްސަސާތަކުގެ މެންބަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިމިއުނިޓީ ޕްރޮވިޝަން ވަރުގަދަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކޮމިޓީ ރިޕޯގައިވެ އެވެ.
ސުޕްރީމް ކޯޓުން ސުމޯޓޯގެ ބާރު ބޭނުންކޮށްގެން އެޗްއާރުސީއެމްއަށް ލިބިގެންވާ ގާނޫނީ ބާރުވެރި ކަމާއި އިހްތިޔާރުތައް ހަނިކުރުމަށް އެ ކޯޓުން ކުރި ހުކުމުގައިވާ ގައިޑްލައިންއަކީ އެޗްއާރުސީއެމްގެ މެންޑޭޓްގެ ތެރެއަށް ވަދެ ކޮމިޝަންގެ މިނިވަން ކަން ނަގާލާފައިވާ ގައިޑްލައިންއެއް ކަމަށްވާތީ އެއީ އަމަލު ކުރަން ނުޖެހޭ ގައިޑްލައިނެއްގެ ގޮތުގައި ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނައިފަ އެވެ.
އެޗްއާރުސީއެމާ ދެކޮޅަށް ސުޕްރީމް ކޯޓުން މީގެ ހަތަރު އަހަރު ކުރިން ބެލި ސުމޯޓޯ މައްސަލާގައި ކުރި ހުކުމުގައި ކޯޓުގެ އިހުތިސާސް އޮޅޭ ގޮތަށް އަދި ޝަރުއީ ދާއިރާއަށް ބުރޫ އަރާނެ އެއްވެސް ކަމެއް ތަކުކާރު ނުކުރުމަށް އެޗްއާރުސީއެމަށް ވަނީ އަންގާފަ އެވެ. އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ އިހުތިސާާސް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް ރިޕޯޓެއްގައި ހިމެނުމާއި އެފަދަ ވާހަކައެއް ދެއްކުމަކީ އެޗްއަރުސީއެމަށް ލިބިގެންވާ ގާނޫނީ ހައްގެއް ނޫން ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެ ހުކުމާ ގުޅިގެން ހަތަރު އަހަރު ފަހުން މަޖިލީހަށް މެންބަރު ޖީހާން ހުށަހެޅުއްވި ގަރާރުގައި ވަނީ އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލައަކީ އެ ކޮމިޝަންގެ ގާނޫނީ ބާރުތައް ލިބުމުގައާއި ގާނޫނީ ޒިންމާތައް އަދާކުރުމަށް އޮތް ހުރަހެއް ކަމަށާއި ސުޕްރީމް ކޯޓުގެ އެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަަށް ކަނޑައެޅުމަށެވެ.