ހަބަރު

ސުޕްރީމް ކޯޓުން ނެރުނު އެޗްއާރްސީއެމްގެ ގައިޑްލައިނާ ދެކޮޅަށް ގަރާރެއް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން އަމަލުކުރާނެ ގައިޑްލައިނެއް ކަނޑައަޅައި ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ކޮށްފައިވާ ހުކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ބެލި އެވެ. އެ މައްސަލާގައި ކޯޓުން ކުރި ހުމުގައި ވަނީ އެޗްއާރުސީއެމްގެ މެންބަރުން އަމަލު ކުރާނެ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ކަނޑައަޅާފަ އެވެ. އެ ސުމޯޓޯ މައްސަލަ ކޯޓުން ބަލަން ފެށީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެޗްއާރުސީއެމުން ފޮނުވި ރިޕޯޓެއްގައި ކޯޓުގެ އިހުތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމެނި ކަމަށް ބުނެ އެވެ.

އެ ހުކުމް ކުރިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއިރު، ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލައާ ދެކޮޅަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. ޖީހާން ވިދާޅުވި ގޮތުގައި އެ ގަރާރު ހުށަހެޅުއްވީ އެޗްްއާރުސީއެމްގެ ގާނޫނީ މިނިވަންކަން އަލުން އިއާދަ ކުރުމަށެވެ.

ޖީހާންގެ ގަރާރުގައި ވަނީ އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލައަކީ އެ ކޮމިޝަންގެ ގާނޫނީ ބާރުތައް ލިބުމުގައާއި ގާނޫނީ ޒިންމާތައް އަދާކުރުމަށް އޮތް ހުރަހެއް ކަމަށާއި ސުޕްރީމް ކޯޓުގެ އެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަަށް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލާގައި ކުރި ހުކުމުގައި ކޯޓުގެ އިހުތިސާސް އޮޅޭ ގޮތަށް އަދި ޝަރުއީ ދާއިރާއަށް ބުރޫ އަރާނެ އެއްވެސް ކަމެއް ތަކުކާރު ނުކުރުމަށް އެޗްއާރުސީއެމަށް ވަނީ އަންގާފަ އެވެ. އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ އިހުތިސާާސް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް ރިޕޯޓެއްގައި ހިމެނުމާއި އެފަދަ ވާހަކައެއް ދެއްކުމަކީ އެޗްއަރުސީއެމަށް ލިބިގެންވާ ގާނޫނީ ހައްގެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތަށް އުނި އަންނަ ގޮތަށް ވާހަކަ ދައްކައިގެން އެ ކޯޓުން ވަނީ ބައެއް ގާނޫނީ ވަކީލުންނާ މެދު ވެސް ފިޔަވަޅު އަޅައިފަ އެވެ.