ހަބަރު

24 ގަޑިިއިރު ނުވަނީސް ޔާމީންގެ ޕާޓީއަށް 3000 މެންބަރުން ހަމަވެއްޖެ

ޕާޓީ އުފެއްދުމުގެ ހުއްދަ ދިންތާ 24 ގަޑިއިރުވެސް ނުވަނީސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 3000 އަަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފި އެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 އަށްވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއެކޮށްފައިވާކަން ހާމަ ކުރެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ އެވެ.

ގިނަ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއި ކުރިކަން ހާމަކޮށް އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީއެންސީ އުފެއްްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 އަށްވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއި ކޮށްފައިިވާ ކަމަށެވެ.

ރައީސް ޔާމީން އަލަށް އުފައްދާ ޕާޓީއަށް 3000 މެމްބަރުން ސޮއި ކޮށްފައިވާ އިރު، އެ އަދަދަށް މެމްބަރުން ޕީޕީއެމްގެ ދަފުތަރުން އުނިވާނެ ކަމަށް ވެސް ބެލެވެއެވެ. ޕީއެންސީގެ ނަމުގައި ރައީސް ޔާމިން އާ ސިޔާސީ ޕާޓީއެއް އުފައްދަނީ ޕީޕީއެމް އެމަނިކުފާނުގެ އަތްޕުޅުން ބީވުމުގެ ފުރުސަތު ޝަރުއީ މަރުހަލާގެ ތެރެއިން އޮތުމުންނެވެ.

އާ ޕާޓީ އުފައްދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.

މިއަދު އިލެކްޝަން ކޮމިޝަންގައި ޕާޓީ އުފެއްދުމުގެ ހުއްދައާ ހަވާލުވެފައިވަނީ ވެސް އަބްދުލްރަހީމެވެ. ހުއްދަ ދެއްވާފައިވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.

އެންމެ ފުރަތަމަ އެ ޕާޓީ އުފައްދަން އަބްދުލްރަހީމް ހުށަހެޅުއްވި ފޯމް އިލެކްޝަނުން ބާތިލްކުރީ އެވެ. އެއީ އޭރު އަބްދުލްރަހީމްއަކީ ޕީޕީއެމްގެ މެންބަރަކަށްވެފައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރެ އާ ޕާޓީއެއް އުފެއްދުމަށް ހުށަނޭޅޭނެތީ އެވެ.

އެއާ ގުޅިގެން އަބްދުލްރަހީމް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވެ އެވެ. އަދި ދެވަނަ ފަހަރަށް ފޯމް ހުށަހަޅުއްވާފަ އެވެ.

ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހުއްދަ ދޭނީ 3،000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުންނެެވެ. އެއަށްފަހު ޕާޓީގެ ރަޖިސްޓްރޭޝަން އިލެކްޝަން ކޮމިޝަނުން ދިނުމާއެކު ޕާޓީ ރަސްމީކޮށް އުފެދިގެން ދާނެ އެވެ.