ހަބަރު

ޔާމީންގެ ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފި އެވެ.

އާ ޕާޓީ އުފައްދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.

މިއަދު އިލެކްޝަން ކޮމިޝަންގައި ޕާޓީ އުފެއްދުމުގެ ހުއްދައާ ހަވާލުވެފައިވަނީ ވެސް އަބްދުލްރަހީމެވެ. ހުއްދަ ދެއްވާފައިވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.

އެންމެ ފުރަތަމަ އެ ޕާޓީ އުފައްދަން އަބްދުލްރަހީމް ހުށަހެޅުއްވި ފޯމް އިލެކްޝަނުން ބާތިލްކުރީ އެވެ. އެއީ އޭރު އަބްދުލްރަހީމްއަކީ ޕީޕީއެމްގެ މެންބަރަކަށްވެފައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރެ އާ ޕާޓީއެއް އުފެއްދުމަށް ހުށަނޭޅޭނެތީ އެވެ.

އެއާ ގުޅިގެން އަބްދުލްރަހީމް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވެ އެވެ. އަދި ދެވަނަ ފަހަރަށް ފޯމް ހުށަހަޅުއްވާފަ އެވެ.

ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހުއްދަ ދޭނީ 3،000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުންނެެވެ. އެއަށްފަހު ޕާޓީގެ ރަޖިސްޓްރޭޝަން އިލެކްޝަން ކޮމިޝަނުން ދިނުމާއެކު ޕާޓީ ރަސްމީކޮށް އުފެދިގެން ދާނެ އެވެ.

އާ ޕާޓީއެއް އުފައްދަން ރައީސް ޔާމީން ނިންމަވާފައި ވަނީ ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހަވާލު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ ގުޅިގެންނެވެ.