ހަބަރު

އެމްޑީޕީއަށް މެޖޯރިޓީ ނުލިބި ވައުދު ފުއްދަން ދަތިވާނެ: ނަޝީދު

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިގެން ނޫނީ ސަރުކާރުގެ ރިޔާސީ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ، 19 ވަނަ ރައްޔިތުން މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދިއުންވާނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ އެންމެހާ ރައްޔިތުންގެ އުންމީދަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތީ ބޯހިޔާވަހިކަމުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައި ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު އެއްވެސް ސިޔާސީ ވެރިއަކަށް އަދި އާދައިގެ ދިވެހި ރައްޔިތަކަށްވެސް އޮޅިފައެއް ނޯންނާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ހުރިހާ ސިޔާސީ ފަރާތްތަކަށް އޮތް ވާޖިބެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަންނަން އޮތް ޖީލަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިންގެވެސް ވާޖިބެއް، އެކަމަކީ ހަގީގަތުގައި ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދަރާފައިވާ ދެރުމެއް، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލިސް ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ އެންމެ ބޮޑު ވަސީލަތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ އަގްލަބިއްޔަތު ހޯދަން އެމްޑީޕީ އިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ ސަރުކާރުން ފުއްދަންވެފައިވާ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖްލިސް 19 ގައި ސާދާ އަގުލަބިއްޔަތެއް ހޯދުމަށް މި ޕާޓީން، އެމްޑީޕީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްޑީޕީ ކުރާނެ، އެ އަގުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެނަމަ ރިޔާސީ ވައުދު، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިވާނެ، އެކަމާ އަޅުގަނޑު ހިތުން ޝައްކު ކުރާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

މަރުތައް ބަލާ ކޮމިޝަނާއި ވައްކަމާއި ކޮރަޕްޝަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ދެ ކޮމިޝަންގެ ބިލް މަޖިލިސް ޗުއްޓީއަށް ދިއުމުން އެ ދެ ކޮމިޝަނަށް ބާރުތައް ލިބިފައިނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ވެރިކަމުގައި 2009 ވަނަ އަހަރު ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދިނުމަށް ސަރުކާރުން ނިންމީމާ އެކަމާ ގުޅޭ ގޮތުން ވާދަވެރި ޕާޓީތަކުން ދިޔައީ ކޯޓަށް، ރައްޔިތުންގެ މަޖިލީހުގައި އެއަށް ވޯޓު ދެއްވީކީ އެއް ނޫން، އަޅުގަނޑުމެންގެ ކޮންމެ ވައުދެއްވެސް ފުއްދުމަށް މަޖިލިހުގެ އަގުލަބިއްޔަތު ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މިއަދު މަސައްކަތް ފަށަނީ އެއަގުލަބިއްތު ހޯދުމަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން މިއަދު ނިކުމެތިއްބެވީ ތައްޔާރަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ މޫނުމައްޗަކީ ހަގީގަތުގައި ރައްޔިތުންގެ ސިފަ، ރައްޔިތުންގެ މޫނު މަތި، އެއީ ރައްޔިތުންގެ ގެ،ރާއްޖެއަކުނެތް އެއަށްވުރެ ވަކި މަތިވެރި ގެއެއް، އެގޭގައި އެތިއްބަވަނީ ރާއްޖޭގެ ރައްޔިތުންގެ ވަކީލުން، އެވަކީލުން އެވަކާލާތު ކުރައްވަނީ ތިޔަބޭފުޅުންގެ ހައްގުގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތުވާނެ ކަމަށާއި އެމަޖިލީހުގެ މެންބަރުން ހަމައެކަނި ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އުންމީދުކުރި މަޖިލިސް އަދިވެސް ނުލިބޭ ކަމަށެވެ. މިހާރު މިސްރާބު ހިފާފައިވަނީ ވަރަށް ފުރިހަމަ މަޖިލީހަކަށް ކަމަށާއި މިސްރާބު ހިފާފައިވަނީ ވަގުންހިފާ މަޖިލީހަކަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.