ކޮރަޕްޝަނަކީ އެފްއޭއެމްއާ އެންމެ ދުރު ބަސް ކަމަށް ވިދާޅުވެ، އޭނާއަށާއި އެފްއޭއެމްއަށް ކުރާ ތުހުމަތުތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރައްދު ދެއްވައިފި އެވެ.
އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ، މިއަހަރުގެ "މޯލްޑިވްސް ފުޓްބޯލް" އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ "އެފްއޭއެމްއަކީ ކޮރަޕްޝަންގެ ހާއްޔެކޭ" ބުނެ ބައެއް ފާރްތަކުން އޭނާ އާއި އޭނާގެ ޓީމާ ދިމާލަށް އަމާޒުކޮށްގެން ގާބުރިތައް އުކަމުން ދާއިރު، އެފްއޭއެމްގެ އޮޑިޓިން މަރުހަލާތައް ކުރިއަށްދާ ގޮތް އެ ފަރާތްކަށް ނޭނގޭ ކަމަށެވެ.
"އެފްއޭއެމްއަކީ ތިން ފަރާތަކުން ކޮންމެ އަހަރަކު އޮޑިޓް ކުރެވިގެންދާ ތަނެއް، އިންޓަނޭޝަނަލް ދެ އޮޑިޓާސްއިން ކޮންމެ އަހަރަކު އެފްއޭއެމް އޮޑިޓް ކުރާނެ،" ބާއްސާމް ވިދާޅުވި އެވެ. "އަދި ހަމައެޔާއެކު ރާއްޖޭގެ މީރާ [މޯލްޑިވް އިންލެންޑް ރެވިނިއު އެތޯރިޓީ] ގަބޫލު ކުރާ އޭ ގްރޭޑްގެ އޮޑިޓާސްއިން (އެފްއޭއެމް) އޮޑިޓް ކުރާނެ، އަދި އެފްއޭއެމްގެ ހުރިހާ މެންބަރުންނަށް އަޅުގަނޑުމެން ކޮންމެ އަހަރަކު އެއްފަހަރު އެ ރިޕޯޓްތައް ހިއްސާ ކުރަމުންދާ ކައްތައްތައް،"
ބާއްސާމް ވިދާޅުވީ ސަރުކާރުން ދޭ 1.2 މިލިއަން ރުފިޔާ ދެނީ އަހަރުގެ ކްއާޓާތަކަށް ބަހާލައިގެން ކަމަށާއި، ކޮންމެ ކްއާޓާއެއްގެ ފައިސާ ދޫކުރަނީ އޭގެ ކުރީގެ ކްއާޓާގެ ފައިސާ ހަރަދު ކުރި ގޮތުގެ ރިޕޯޓް ފޮނުވުމުން ކަމަށެވެ.
"އެހެންވީމަ އެފްއޭއެމް އޮޑިޓް ކުރެވި ފައިސާގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ބެލެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ. "ތި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުނު ކޮރަޕްޝަނަކީ އެފްއޭއެމްއާ އެންމެ ދުރު ބަސް."
ބައްސާމް ވިދާޅުވީ، ކުރިން ގައުމީ ޓީމުތައް ރާއްޖެއިން ބޭރަށް ދާއިރު ނަގުދު ފައިސާގެ ގޮތުގައި 30000 ނުވަތަ 40000 ޑޮލަރު ގެންދާ ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން މާޒިވެ ހިނގައްޖެ ކަމަށާއި ކުރިން އެގޮތަށް ގެންދާ ފައިސާ އެނބުރި އައިސް އެފްއޭއެމްގެ އެކައުންޓްތަކަށް ވަދެފައި ހުރީ ކިހާވަރަކަށް ކަން އޭނާގެ ޓީމުން އެފްއޭއެމްއާ ހަވާލުވެ ކުރި އޮޑިޓްތަކުން އެނގޭ ކަމަށެވެ.
ބައްސާމް ވަނީ އެފްއޭއެމްގެ ތެރެއަށް އައުމަށް މަސައްކަތް ކުރަމުންދާ އޭނާގެ ވާދަވެރިންނަށް ވެސް ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެފްއޭއެމްގެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ދެ އަހަރު ފަހުން އޮންނަ އިންތިހާބަށް ތައްޔާރުވުމަށް އެދޭ ކަމަށެވެ.