ޗެލްސީ

ޗެލްސީއަށް އަލްވަދާއު ކިޔަން ފެބްރިގާސް ތައްޔާރުވެއްޖެ

ކުރިއަށް ޓްރާންސްފާ ޕީރިއަޑްގައި، ޗެލްސީ ދޫކޮށްލަން މިޑްފީލްޑާ ސެސް ފެބްރިގާސް ތައްޔާރު ވެއްޖެ އެވެ.

ބާސެލޯނާ ދޫކޮށް، 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި ފެބްރިގާސްއަށް މިފަހަކަށް އައިސް ޗެލްސީގައި ލިބެނީ ބަދަލު ކުޅުންތެރިޔެއްގެ ރޯލެވެ. ހާއްސަކޮށް، މި ސީޒަންގައި، ލޯނެއްގެ ދަށުން މަޓާއޯ ކޮވަސިޗް ރެއާލް މެޑްރިޑުން ޗެލްސީއަށް ބަދަލުވި ފަހުން ފެބްރިގާސްއަށް ކުޅެން ލިބޭ ފުރުސަތުތައް މަދެވެ.

މީގެ ކުރިން އާސެނަލްގައިވެސް މޮޅަށް ކުޅުނު، ފެބްރިގާސް ބަދަލުވާން އުޅޭ ކުލަބެއް އަދި އޮތީ ސިއްރުކޮށްފަ އެވެ. ކުރިން ބެލެވުނީ އޭނާވެސް ޗައިނާގެ ލީގަށް ބަދަލުވާނެ ކަމަށެވެ. ނަމަވެސް ސްޕެއިންގެ ކުޅިވަރު ނޫސް މާކާ އިން ބުނީ، ފެބްރިގާސް ބަދަލު ވަނީ ޔޫރަޕްގެ ކުލަބަކަށް ކަމަށާއި އެއީ އޭނާއަށް ވަރުގަދަ ޗެލެންޖެކަަށް ވާނެ ކަމަށެވެ.

ފެބްރިގާސް،31 ދޫކޮށްލަން ޗެލްސީން ބޭނުން ވަނީ ހުށަހެޅޭ ރަނގަޅު ޓްރާންސްފާގެ އަގަކަށެވެ. އެހެންނޫންނަމަ އޭނާއަށް އެހާފަސޭހައިން ކުލަބު ދޫކޮށްދާކަށް ފުރުސަތެއް ނުދޭނެއެވެ. ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީވެސް ބޭނުން ވަނީ ފެބްރިގާސް ޓީމުގައި ބެހެއްޓުމަށެވެ.

ފްރާންސްގެ މޮނަކޯއަށް ފެބްރިގާސް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް މިހާރުވެސް ރެލިގޭޝަން ޒޯންގައި އޮތް މޮނަކޯއަށް ފެބްރިގާސް ބަދަލުވުމުގެ ފުރުސަތު ކުޑަ އެވެ. މޮނަކޯގެ ކޯޗް ތިއޮރީ އޮންރީއަކީ އާސެނަލްގައި ފެބްރިގާސްގެ ފުރަތަމަ ކެޕްޓަނެވެ.