ފަހަކަށް އައިސް ވަރަށް ގިނައިން މީހުން ކުރާ ސުވާލެއް އޮވެ އެވެ. ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީއިން ގޭގެއަށް ފޮނުވައިދޭ ފެންނަކީ ބޯން އެކަށީގެންވާ ފެނެއް ހެއްޔެވެ؟ އެ ފެނުގެ ރައްކާތެރި ކަމަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުތައް ތެދުވެގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ތަކުގެ ތެރޭގައި ފެން ކުންފުނިން ގޭގެއަށް ފޮނުވާ ފެނަކީ ރައްކާތެރި ބޯފެން ކަމަށް ހައްދަވައި ދެއްވާނެ ކަމަށް އޮންނަ ވައުދެއް ވެސް އޮންނާތީ އެވެ.
މިހާރު މިއޮތީ ރައީސް ސޯލިހުގެ ސަރުކާރެކެވެ. ފެން ކުންފުނީގައި މިހާރު ހުންނެވީ އާ މެނޭޖިން ޑިރެކްޓަރެކެވެ. އާ އެމްޑީގެ މަގާމަށް އާދަމް އާޒިމް ވަޑައިގަތުމުން ޓްވިޓާގައި އޭނާ ޓެގް ކުރައްވާ ވެސް ބައެއް ފަރާތްތަކުން ވަނީ އެ ސުވާލު ކުކޮށްފަ އެވެ. ގޭގެއަށް މި ފޮނުވައިދެނީ ބޯން އެކަށީގެންވާ ރައްކާތެރި ފެނެެއް ހެއްޔެވެ؟
"އަވަސް" އިން ވެސް އެ ސުވާލު ކޮށްފީމެވެ. އޭގެ ޖަވާބަކަށް އާޒިމް ވިދާޅުވަނީ މިހެނެވެ؛ އެއްވެސް ސުވާލެއްވެސް ނެތެވެ. އެއީ ރައްކާތެރި، ސާފު، ބޯން ކަމުދާ ފެނެކެވެ.
"އަޅުގަނޑުމެން މި ކުންފުނިން ގޭގެއަށް މި ފޮނުވައި ދެނީ ޑްރިންކިން ވޯޓާ، އެއީ ހަމަ ރައްކާތެރި ޑްރިންކިން ވޯޓާ! އަޅުގަނޑު މިއީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫންތޯ؟ އަޅުގަނޑު 10 އަހަރުވެއްޖެ މި ކުންފުނީގެ އިސްކުރު ފެން ބޯތާ... ރައީސްގެ ވައުދުތަކުގެ ތެރޭގައި އެ ކަން އޮތިއްޔާ އެ ވައުދު އެއޮތީ ފުދިފައި،" އާޒިމް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން އަޅުގަނޑުގެ ދިރިއުޅޭ ގެއަށް ގޮސް ބައްލަވާ އަޅުގަނޑު ބޮނީ ކޮން ފެނެއްތޯ؟ އަޅުގަނޑު މިއައީ އެމްޑަބްލިޔޫއެސްސީއަށް އަލަކަށް ނޫން، އަޅުގަނޑަކީ މިތާނގެ ޕްރޮޑަކްޓެއް... އެހެންވީމާ އަޅުގަނޑަށް އެނގޭ މިއީ ފެން ހުުރި ބޯން ކަމުދާ ރައްކާތެރި ފެންކަން، އަޅުގަނޑު ބޮނީ ޓެޕް ވޯޓާ، އެމްޑީ މީޑިއާގައި މި ބުނަނީ އަޅުގަނޑު ބޮނީ އިސްކުރު ފެނޭ ދެން މިއަށްވުރެ ބޮޑު ޔަގީން ކަމެއް ކޮބާ؟ ކިހާވަރެއްގެ ޔަގީންކަމެއް ދޭންވީ. އަޅުގަނޑަށް ސިއްރު މައުލޫމާތެއް ނުހުންނާނެ، ކޮންމެ ދުވަހަކު ލެބް ރިޕޯޓް ބަލަން،"
އަޅުގަނޑު ބޮނީ ޓެޕް ވޯޓާ، ކުންފުނީގެ އެމްޑީ މީޑިއާގައި މި ބުނަނީ އަޅުގަނޑު ބޮނީ އިސްކުރު ފެނޭ ދެން މިއަށްވުރެ ބޮޑު ޔަގީން ކަމެއް ކޮބާ؟ ކިހާވަރެއްގެ ޔަގީންކަމެއް އިތުރަށް ދޭންވީ،އާދަމް އާޒިމް | މެނޭޖިން ޑިރެކްޓަރު
އާޒިމް ވިދާޅުވި ގޮތުގައި ސުވާލެއް އުފެދިގެން އުޅުނު ނަމަވެސް ފެން ކުންފުނީގެ ފެން އެ ހުރީ ޑަބްލިޔޫއެޗްއޯގެ މިންގަނޑަށްވުރެ ބޮޑުތަނުން އެތައް ގުނައެއް މަތީ ފެންވަރުގަ އެވެ. ފެން ކުންފުނީގެ ފެނުގެ ކޮލިޓީއާ އަޅާ ބަލާއިރު ޑަބްލިޔޫއެޗްއޯގެ މިންގަނޑަކީ "އެއްވެސް އެއްޗެއް" ނޫނެވެ.
"[ޑަބްލިޔޫއެޗްއޯ މިންގަނޑު އެއީ] މާ ދަށް ލެވެލެެއް އިނގޭތޯ އެއީ އެފްރިކާ ބައްރުގައި ދަތި ހާލުގައި މީހުން އުޅޭ ތަންތަނުގެ އިމާޖެންސީ މިންގަނޑު އެއީ ... އަޅުގަނޑުމެނަކީ ޑަބްލިޔޫއެޗްގެ މިންގަޑަށްވުރެ މާ ފެންވަރު މަތީ ގައުމެއް ފެނުގެ ކަންކަމުގައި ވެސް. ނަރުދަމާ ކަންކަމުގައި ވެސް. ބައްލަވާ ނަރުދަމާގައި ވެސް ޑަބްލިޔޫއެޗްއޯ ސްޓޭންޑަޑަކީ ސެޕްޓިކް ޓޭންކެއް ބަހައްޓައިގެން ފަހާނާ ކުރުން. އަޅުގަނޑުމެން މިތިބީ އެއަށްވުރެ އެތައް ހިސާބެއް މާ ކުރީގައި ނޫންތޯ؟"
އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނީން ފުޅީގައި ދޭ ފެނަކީ އިސްކުރު ފެން އިތުރު ޕްރޮސެސްއަކަށް ގެންގޮސް މިނަރަލައިޒް ކޮށްލާފައިވާ ފެނެކެވެ. އެ ފެނާއި އިސްކުރު ފެނާއި ހުރި ތަފާތަކީ މިނަރަލައިޒްވެފައި ހުރުމެވެ.
"އެއީ މީހާގެ ޕްރިފަރެންސެއް ބޮޓެލް ވޯޓާތޯ ޓެޕް ވޯޓާތޯ، އަޅުގަނޑުމެން ބޮނީ ކޮފީ ނޫންތޯ އެކަމަކު އެކަކު ކިރު ކޮފީ، އަނެއްކަކު ކަޅު ކޮފީ އެހެންވީމާ އެއްވެސް ބޭފުޅަކު ފެން ކުންފުނީގެ ފެނާމެދު ޝައްކު ކުރައްވާނެ ކަމެއް ނެތް އަޅުގަނޑު މި ބޮނީ އެ ފެން... އަޅުގަނޑު ޔަގީންކަން މިދެނީ ވެސް އެހެންވީމާ އެ ވައުދު އެ އޮތީ ފުދިފައި،"