ރިޕޯޓް

ހޮޅި އުފެއްދުން: ފެން ކުންފުނީގެ ނުފެންނަ ބޮޑު ވިޔަފާރިއެއް

Jan 20, 2021
5

ގިނަ މީހުންނަށް، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެނގެނީ ފެން ކުންފުނީގެ ގޮތުގަ އެވެ. މާލެ އަށް ފެނުގެ ހިދުމަތް ދޭން ފެށިތާ މިއަދަށް 26 އަހަރުވެގެންދާއިރު، ގިނަ މީހުން ދަންނަނީ މިއީ މާލެ އަށް ފެނުގެ ހިދުމަތްދޭ ކުންފުނީގެ ގޮތުގަ އެވެ. ފެން އުފައްދައިގެން ފެނުގެ ވިޔަފާރި ކުރާ ބައެއްގެ ގޮތުގަ އެވެ. ދެން އެނގެނީ ޖަންގްޝަނުން ފެން ލީކްވާން ފެށުމުން މި ކުންފުނީގެ ލޮރީތައް ގޮސް ކުރާ މަސައްކަތުގެ ބައެކެވެ. ގިނަ މީހުނަށް ފެން ކުންފުނި ދަންނަނީ މި ވަރަށެވެ. އެކަމަކު މިއަށް ވުރެ މި ކުންފުނި މާ ބޮޑެވެ. މާގިނަ މަސައްކަތް ކުރެވެ އެވެ. މާގިނަ ހިދުމަތްތައް ވެސް ދެ އެވެ. މި ކުންފުނިން ކުރާ އެއް މަސައްކަތަކީ ރާއްޖޭގައި ހޮޅި ތައްޔާރު ކުރުމެވެ. ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތަަށް ބޭނުންވާ ހޮޅިއަކީ ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެކޭ ބުނީމަ ގަބޫލު ކުރެވޭ ހެއްޔެވެ؟ މިއީ މި ކުންފުނީގެ "ނުފެންނަ" ބޮޑު ވިޔަފާރި އެކެވެ.

"ހޮޅި ގެނެސް ގުދަން ކުރުމަކީ ވަރަށް ބޮޑު ލޮޖިސްޓިކެއް ހިނގާކަމެއް. އެހެންވެ އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ މި ކަހަލަ މަސައްތަކެއް ފެއްޓީމަ ރާއްޖެ އަށް ވެސް ރަނގަޅުވާނެ ކަމަށް. އެމްޑަބްލިއުއެސްސީއަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ ކުންފުންޏެއް، އެހެންވެ ފެށި މަސައްކަތެއް މިއީ،" ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ އިން ހޮޅި ފެކްޓްރީ ހަދާފައިވަނީ 2015 ވަނަ އަހަރު އެވެ. ގުޅީފަޅުގައި އަޅާފައިވާ މި ފެކްޓްރީއަކީ މިހާރު ރާއްޖޭގައި ހުރި ދަޅުމަސް ބަންދު ކުރާ ފެކްޓްރީ ނަގާފައި އެންމެ އުފެއްދުންތެރި ޕްރޮޑަކްޓުތައް ރާއްޖޭން އުފައްދާ އެއް ފެކްޓްރީ ކަމަށް ބުނެވިދާނެ އެވެ. މި ފެކްޓްރީގައި ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝިނަރީ ބޭނުންކޮށްގެންނެވެ.- މިއީ އޮޓަމޭޓެޑް މެޝިނަރީ ތަކެކެވެ.

އައިއެސްއޯ ސެޓިފައިކޮށްފައިވާ މި ފެކްޓްރީއިން ދެ ބާވަތެއްގެ ހޮޅި ތައްޔާރު ކުރެ އެވެ. އެއީ ފެނާއި ނަރުދަމާގެ މަސައްކަތް ތަކަށް ބޭނުން ކުރާ ވަރުގަދަ އަންޕްލާސްޓިސައިޒްޑް ޕޮލިވިނީލް ކުލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި-ޑެންސިޓީ ޕޮލިއެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ.

މުޅި އޮޕަރޭޝަން ހިންގަނީ ދިވެހިން

މި ފެކްޓްރީގައި އުފައްދާ އުފެއްދުންތައް ޔަގީން ކުރުމަށްޓަކައި ޔޫރަޕިއަން ސްޓޭޑަސްގެ ލެބޯރެޓަރީއެއް ވެސް ގާއިމްކޮށްފައިވެ އެވެ. މިތަނުން މި އުފެއްދުމުގެ ފެންވަރުގެ ކަށަވަރުކަން ދެ އެވެ.

މި މަސައްކަތް އެންމެ ގާތުން ބައްލަވާ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މެނުފެކްޗަރިން އިސްމާއިލް އާމިރު އަވަސް އަށް ވިދާޅުވި މި ފެކްޓްރީގެ ސަބަބުން އެ ކުންފުނީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވި ވެގެން ގޮސްފައިވާ ކަމަށެވެ.

"ދެ ބާވަތެއް ޕްލާސްޓިކް ގެނެސްގެން މި އުފެއްދަނީ. ރޯ މެޓީރިއަލް މެޝިނަށް އަޅައިގެން، ހޫނުން މި އުފައްދަނީ. މީގެ އެއް ބާވަތަކުގެ ހޮޅިއަކީ ހައި ޕްރެޝަރު އެޕްލިކޭޝަން ތަކަށް ބޭނުން ކުރާ އެއްޗެއް. މިއީ ފެނުގެ ސިސްޓަމްތަކާއި ނެޓްވޯކްތައް ގާއިމް ކުރަން ބޭނުން ކުރާ އެއްޗެއް. ދެން ހުރީ ނަރުދަމާ އަށް ބޭނުން ކުރާ ހޮޅި،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށީ ނެދަލޭންޑްސްގެ ވާވިން ކުންފުންޏާ ގުޅިގެންނެވެ. އެކަމަކު މި މަސައްކަތް ކުރަން ދިވެހިން ތަމްރީންވެ، މިހާރު މަސައްކަތް ކުރަނީ ދިވެހިން ނެވެ. މިއީ 100 ޕަސެންޓް ދިވެހިންގެ އަތްމަތީގައި އޮޕަރޭޓް ކުރާ ފެކްޓްރީ އެކެވެ.

"މިދިޔަ އަހަރާ ހަމައަށް ތަޖުރިބާ ހިއްސާ ކުރަމުން ގެންދިޔައީ. އެކަމަކު މިދިޔަ އަހަރުން ފެށިގެން މި މަސައްކަތް މި ކުރަނީ އަޅުގަނޑުމެން [އެމްޑަބްލިއުއެސްސީ] ގެ މުވައްޒަފުން. ސަތޭކަ ޕަސެންޓް ދިވެހިން،" އާމިރު ވިދާޅުވި އެވެ.

ޔޫރަޕުގެ ސްޓޭޑަޑް، ވާދަވެރިންގެ އިތުބާރު ބޮޑު

އެމްޑަބްލިއުއެސްސީ އިން މިދިޔަ އަހަރާ ހަމަ އަށް ނެދަލޭންޑުގެ ކުންފުންޏަށް ރޯޔަލްޓީ ވެސް ދައްކަމުން ދިޔަ އެވެ. ނަމަވެސް މިހާރުގެ އެމްޑީ ޝާހުގެ މަސައްކަތުން މި ރޯޔަލްޓީ ދެއްކުން ވަނީ ހުއްޓާލާފަ އެވެ. އަހަރު ގާތްގަނޑަކަށް 20،000 ޔޫރޯގެ މި ރޯޔަލްޓީ ހުއްޓާލުމާއެކު މިހާރު މުޅި ފެކްޓްރީ އޮޕަރޭޓް ކުރަމުން ގެންދާނީ ދިވެހިންނެވެ.

މި ހޮޅި ފެކްޓްރީ އިން ތައްޔާރު ކުރާ ހޮޅީގެ ބޭނުން މިހާރު ކުރަނީ ހަމައެކަނި ފެން ކުންފުނިން އެކަންޏެއް ނޫނެވެ. މި ހޮޅީގެ ބޭނުން ވާދަވެރި ކުންފުނިތަކުން ވެސް ކުރެ އެވެ. މިއީ އެމްޑަބްލިއުއެސްސީ އަށް ލިބިގެންދާ ބޮޑު ހިތްހަމަ ޖެހުމެވެ. ފެނާއި ނަރުދަމާގެ ގިނަ މަސައްކަތް ތަކެއް އަބަދު ވެސް ރާއްޖޭގައި ކުރާތީ އުފައްދާ ހޮޅީގެ ތެރެއިން ގުދަންކޮށްފައި ބަހައްޓަން ޖެހެނީ އަބަދު ވެސް މަދު އަދަދެކެވެ. މި މަސައްކަތުގެ ޑިމާންޑް އިންތިހާ އަށް ބޮޑެވެ. ގިނަ ބަޔަކަށް ފެން ކުންފުނީގެ މި ފެކްޓްރީ ނުފެނުނު ނަމަވެސް މިއީ ރާއްޖެ އަށް މުހިންމު ތަނެކެވެ. މިއީ ދިވެހި އުފެއްދުންތެރިކަމަށް ލިބިގެންދާ ކުރިއެރުމެކެވެ.