އާދަމް އާޒިމް

ފެންކުންފުނި: ރައްޔިތުންގެ އެކުވެރިޔާއަށް!

Dec 26, 2018
6

ސަރުކާރުގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީ އަކީ އާންމުންނަށް އެންމެ ބޮޑަށް ގުޅިފައިވާ ބޮޑު އެއް ކުންފުންޏަށްވީ ނަމަވެސް މިހާތަނަށް ފާހަގަ ވެފައިވާ އޮތީ ފެން ކުންފުންޏަކީ އާންމުންނާ ބީރައްޓެހި ކުންފުންޏެއްގެ ގޮތުގަ އެވެ. ކޮންމެ ދިމާއަކުން އޮބްޒަވޭޝަނެއް ހެދިއަސް ފެންކުންފުންޏަކީ ވާސިލުވާން ރައްޔިތުންނަށް އުނދަގޫ، ފާޑުކިޔުން އޮންނަ އަދި ހިދުމަތްތައް އުނދަގޫ ކުންފުންޏެއްކަން އެނގެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވީ އާދަމް އާޒިމެވެ. "އެސްޓީއޯ އާޒިމް" ގެ ނަމުގައި މަޝްހުރު ވެފައިވީ ނަމަވެސް އާޒިމަކީ ފެން ކުންފުނީގެ ޕްރޮޑަކްޓެކެވެ. އެ ކުންފުންޏަށް އޭނާ އަލެއް ނޫނެވެ. އާޒިމަކީ ފެން ކުންފުނިން ކިޔަވައިދީ ގްރޫމް ކޮށްފައި ބޭފުޅެކެވެ. އާޒިމް ޑިގްރީ އާއި މާސްތާސް ހެއްދެވީވެސް ފެން ކުންފުނީގެ ތެރެއިން ގޮހެވެ. ފެން ކުންފުންޏާ ދުރުގައި އުޅުއްވުމަށް ފަހު އާ އެމްޑީގެ ގޮތުގައި ވަޑައިގެން އާޒިމް ވިދާޅުވާ ގޮތުން ފެން ކުންފުނި އެނާއަށް މިވަގުތު ސިފަވަނީ "ފެނުގެ އަޑީގައި ރުޅީފައިވާ އިންޖީނެއް" ގެ ސިފައިގަ އެވެ:

"އަޅުގަނޑަށް މިޖެހެނީ އަލުން ފެން މައްޗަށް އިންޖީނު ނަގައި ރާވަން، އަދި މި އިންޖީނަކީ ރަނގަޅަށް ހިނގާ އެންމެން ބަލައިގަންނަ އިންޖީނަކަށް ހަދަން،... އަޅުގަނޑު މަސައްކަތް މި ފަށަނީ 'ރައްޔިތުންގެ އެކުވެރިޔާ' ގެ ގޮތުގައި ރައްޔިތުންނާ ގާތަށް ދާން." އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ފެން ކުންފުންޏަކީ ރައްޔިތުންގެ އެކުވެރިޔާއަށް ބަދަލުކޮށްލުން. ކުންފުންޏާ ގުޅޭ ހުރިހާ ކަމެއްގައި އެ އިބާރާތް މިހާރު އަޅުގަނޑު ބޭނުން ކުރަން ފަށައިފިން، ރަނގަޅު ނިޔަތުގައި ފަށާ ކޮންމެ ކަމެއް އެގޮތަކަށް ވެގެންދާނެ... މީގެ ފަހުން މި ކުންފުނި ބަދަލުވާނީ ރައްޔިތުންގެ އެކުވެރިޔާއަށް."

އޭނާ ވިދާޅުވި ގޮތުގައި ފެން ކުންފުނި ރައްޔިތުންގެ އެކުވެރިޔާއަށް ބަދަލު ކޮށްލާނީ ބޮޑު ކެމްޕޭނެއް ހިންގައިގެނެއް ނޫނެވެ. އެކަން ކުރާނީ ރައްޔިތުންނަށް ދޭ ހިދުމަތް ގާތުން، ފުރިހަމައަށް ފަސޭހަކޮށް އަދި އޯގާތެރިކަމާއި ރަހުމަތްތެރި ކަމާއެކު ދީގެނެވެ.

"މިހާރުވެސް ވަރަށް ގާތުން ހިދުމަތް ދެނީ، އެއީ ސީދާ ގެއަށް ވިއްޔާ ފެން ފޮނުވާލަނީ، ގޭގެ އިސް ކުރު ދޫކޮށްލާއިރަށް ފެން ލިބޭ، އެކަމަކު ކުންފުނީ އަޮތީ އެ ގޭގެ މީހުންގެ އެކުވެރިއެއްގެ ގޮތުގައެއް ނޫން، ކުންފުނި އޮތީ ބީރައްޓެއްސެއްގެ ގޮތުގައިި،"

ރޭވުން ބަދަލު ކޮށްލާނީ ކިހިނެއް؟

އާޒިމް ވިދާޅުވި ގޮތުގައި "ރައްޔިތުންގެ އެކުވެރިޔާ" ގެ ގޮތުގައި އާންމުން ފެންކުންފުނި ބަލައި ގަންނާނެ ގޮތަކަށް ކަންކަން ބަދަލު ކުރުމަށް ކުންފުނީގެ ތެރެއިން ދޫކޮށްލަައި ބާރުކޮށްލަން ޖެހެނީ ދެތިން އިސްކުރެކެވެ. އޭގެ އެއް ކަމަކީ ހެޔޮ ނިޔަތުގައި އަމާޒެއް ހިފުމެވެ. ދެވަނަ ކަމަކަށް ހިދުމަތް ހޯދުމުގައި ހުރި އުނދަގޫތައް ނައްތާލައި ހިދުމަތަކަށް އެދޭ ހިސާބުން ހިދުމަތް ލިބެންދެން ޕްރޯސެސް އެމީހަކާ އެންމެ ކައިރިއަށް ގެންގޮސް ދިނުމެވެ. އަދި ގޭގައި ތިބެން ހޯދާ ހިދުމަތެއްގެ ގޮތުގައި ކަންކަން ފުރޮޅައިލުމެވެ.

"މިކަން ކަން މިހާވެސް ހުރީ ކޮށްފައި، އެކަމަކު ޖެހެނީ ބަދަލެއް ގެންނަން ތަރައްގީކޮށް ހަރުދަނާ ކުރުމާއެކު އެ ހިފައިގެން ރައްޔިތުންގެ ގާތަށް ގޮސް އޯގާތެރި ކަމާއެކު ކިޔައިދީފައި އެޕްލައި ކުރަން . އެއާއެކު ޕީއާރްއާއެކު މީޑިއާއާ ރަހުމަތްތެރިވާންވެސް ޖެހޭ. އަޅުގަނޑުގެ ތަޖުރިބާއިން ބަލާނަމަ މީޑިއާއާއެކުގައި އޮތުން ވާނީ ފެން ކުންފުންޏަށް ލިބޭނެ އެންމެ ބޮޑު ދިރުމަށް، އެސްޓީއޯގައި ވެސް އަޅުގަނޑު އަދާ ކުރީ އެ ދައުރު، ދެނެއް ފެން ކުންފުނީގެ ކަމެއް މައުލޫމާތެއް ނުފޮރުވާނެ ގައުމީ ސަލާމަތުގެ ކަމެއްގައި ނޫނީ،" އާޒިމް ވިދާޅުވި އެވެ.

"ފެން ކުންފުނީގެ ހިދުމަތްތައް ރޭވިފައިވާ ގޮތުންނާއި ސްޓާފުންގެ ތެރެއިން އާންމުންނަށް ހުރި އުނދަގޫތައް ނައްތާލައި މިއީ 'ރައްޔިތުންގެ އެކުވެރިޔާ' ގެ ގޮތުގައި ދައްކާނަން، ބޭނުމެއް ނުވޭ އަޅުގަނޑުގެ ފޯނު ނަމްބަރު ވެސް ފޮރުވާކަށް އަޅުގަނޑު ލާފައި މިހުރީ ރައްޔިތުންނަށް ހިދުމަތް ދޭން އެހެންވީމާ އަޅުގަނޑު ވާންޖެހޭނީ ރައްޔިތުންގެ ރައްޓެއްސަކަށް، ފޯނު ވެސް ކުރެވެން ޖެހޭނެ. ޕޯސްޓް ވެސް ކުރެވެންޖެހޭނެ. ދެން އޮންނަން ޖެހެނީ 24 ގަޑި އިރު ރައްޔިތުންނާ ގުޅިފައިވާ ޕޫލެއް މިތާނގައި އޮންނާނެ އެކަން އެބަހިނގާ ... މި ކުންފުނީގެ އެމްޑީގެ ކަންކަން ފަސޭހަ ކަމާއެކު ވަންޏާ އާދައިގެ މީހާގެ ކަންކަން ވެސް އެގޮތަށް ވާންޖެހޭނެ. އެކްސްޕްރެސް ސާވިސް އަކީ ޕަބްލިކް ކުންފުންޏަކާ ރައްޓެހި ކަންކަމެއް ނޫން. މުއްސަނދި މީހާ 5000 ރުފިޔާ ދިނުމުން އޭނާއަށް އަވަސް ސާވިސް! އެ އަދަދު ނުދެވޭ މީހާ ވާނުވާގައި ދާގޮތަކަށް ދާންވީ! އެކަންކަން މިތަނުގެ ތެރެއިން ޖެހޭނީ ނުކުމެގެންދާން. މިތާނަގައި ހުރި އެފަދަ ކަންކަން ނެރެ އެއްލައިލާނަން،"

ފެން ކުންފުނީގައި ދާއިމީ ވަގުތީ މުވައްޒަފުންނާއެކު 900 އަށް ވުރެ ގިނަ މުވައްޒަފުންގެ ލަޝްކަރެއް އެބަ އޮވެ އެވެ. އޭގެ ތެރެއިން ޗުއްޓީގައި ތިބި މުވަޒަފުންން ނޫން ހުރިހާ އެންމެނާ އާޒިމް ވަނީ ބައްދަލު ކުރައްވާ އެ އެެންމެންގެ ވާހަކަ އާއި ޝަކުވާ އަދި އުދާސްތައް އައްސަވާފަ އެވެ.

"އެންމެންގެ ޝުއޫރު އަޑު އަހައިފިން މިހާރު ވެސް އޮންނާނީ ބޭނުން ވަރަކަށް ވާހަކަ ދައްކާ ޝުއޫރު ފާޅު ކުރުމަށް ދޫކޮށްލާފައި ފެން ކުންފުންޏަށް ހަރުދަނާ ކަމެއް ދެން އަންނާނީ އުދާސްތަކާއި ޝުއޫރުތައް ބޭރުވެގެން،"

އާޒިމް ވަޑައިގެންނެވުމާއެކު މުވައްޒަފުން އެމީހުންގެ އާއިލާއާއެކު ހޭދަ ކުރާނެ ވަގުތު ހޯދައި ދެއްވަން ވެސް ވަނީ މަސައްކަތް ފައްޓަވާފަ އެވެ. އޭނާ ގަބޫލް ކުރައްވާ ގޮތުގައި ހެނދުނު 8:00 މަސައްކަތަށް ނުކުމެ ހަވީރު 4:00 އާ ހަމައަށް ކުންފުންޏަށް ލޯތްބާއެކު ވަގުތީ ދީގެން މަސައްކަތް ކޮށްފިނަމަ އޭގެ ފަހުން ކުރާނެ މަސައްކަތެއް ނޯންނާނެ އެވެ. ހާއްސަ ހާލަތެއްގައި ނޫނީ އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެ ޑިސިޕްލިން އެވެ.

"ބަރާބަރަށް މަސައްކަތްކޮށް ގަޑިއަށް ނިމުމުން ދެން އޮންނާނީ ރަހުމަތްތެރިންނާ އާއިލާގެ ވަވުތު އެންމެން މަސައްކަތް ކުރަނީ އާއިލާ ބަލަހައްޓަން. އެހެން ވީމާ ފެން ކުންފުންޏާ ހެދި އާއިލާ އަށް ވަގުތު ނުދެވެންޏާ އަޅުގަނޑުގެ ސިސްޓަމް ގޯސް. އާއިލާ އުފާކޮށްދީ ވަގުތުދީ، ޗުއްޓީކޮށް ނުހެދެންޏާ އޭނާ އެއުޅެނީ އަބަދު މިތާނގެ ތެރޭގައި. އޭނާ އުފާވެރިކަން ހޯދައި ދެނީ ކުންފުންޏަށް. އާއިލާއަކަށް އެއްޗެއް ނެތް، މުސާރަކޮޅު ފިޔަވައި! އަޅުގަނޑު މިހާރު އަންގައިފިން އާއިލާއަށް ވަގުތު ނުދެވޭ ގޮތަކަށް އެކަކުވެސް ފެން ކުންފުނީގައި މަސައްކަތްކޮށްގެން ނުވާނެ ކަމަށް.... އަދި އަންގައިފިން ކުރިޔަށް އޮތް ތިން އަހަރުތެރޭ ހުރިހާ ސްޓާފުންނަކީ ކަސްޓަމާ ސާވިސްއިން ތަމްރީނުވެފައި ތިބި ސްޓާފުންނަށް ހަދަން،"

ފެން ކުންފުނީގެ ހިދުމަތް އޮތީ ކިހިނެއް؟

ފެން ކުންފުނީގެ މައިގަނޑު ހިދުމަތް ބިނާވެފައި އޮތީ ތިން ނެޓްވޯކެއްގެ މައްޗަށެވެ. އެއީ ވޯޓާ ނެޓްވޯކާއި ސުވަރޭޖެ ނެޓްވޯކާއި ސްޓޯމް ވޯޓާ ނެޓްވޯކެވެ. އޭގެތެރެއިން ސްޓޯމް ވޯޓާ ނެޓްވޯކަކީ ކޮންޓްރެކްޓް ބޭސްކޮށް ފެން ކުންފުނިން ބަލަހައްޓައިދޭ ނެޓެވޯކެކެވެ. އެއީ ސަރުކާރުގެ ނެޓްވޯކެކެވެ.

މި ތިން ނެޓްވޯގެ މަތީގައި ފެން ކުންފުނި އޮންނަ އިރު އަބަދުވެސް އެންމެ ބޮޑަށް ވާހަކަ ދެކެވި ދެކެވި ޝަކުވާއެއްގެ ގޮތުގައި އޮންނަ މައްސަލައަކީ ވެރިރަށް މާލޭގެ މަގުތަކުގެ އެކި ދިމަ ދިމާއިން އަބަދުވެސް ކޮންމެސް ސަރަހައްދަަކުން ނަޖިސް އަރާ މައްސަލަ އެވެ. ކޮންމެ ދުވަހަކީ ފެން ކުންފުނީގެ މުވައްޒަފުން އެކަމުން މާލެ ސަލާމަތް ކޮށްދީ ބްލޮކްސް ފިލުވުމުގައި އުޅޭ ދުވަހެކެވެ.

މާލޭގެ ސުވަ ނެޓްވޯކް އަބަދު ކޮށި އަރާފައި އޮންނަ އިރު އެ ނެޓްވޯކަކީ އެންމެ ގިނަވެގެން އެއްލަކަ މީހުނަށް ޑިޒައިންކޮށްފައިވާ ނެޓްވޯކެކެވެ. މި ނެޓްވޯކް ޑިޒައިން ކޮށްފައި ވަނީ ފުރިހަމައަށެވެ. އެކަމަކު އޭރު މާލޭގައި އުޅެނީ 46،000 މީހުންވެ. މާލޭގައި ހިތްހަމަ ޖެހިގެން ރަނގަޅަށް ނޭވަލައިގެން އުޅެވޭނީ ލައްކައެއް މީހުނަށް ކަމަށް ހިސާބު ހަދައި އާބާދީ އެއަށްވުރެ މައްޗަށް ނުގެންދާނެ ކަމަށް ބަލައިގެން ނެޓްވޯކް އަޅާފައިވާ އިރު އޭގެ ފަހަށް ޕޮލިސީތައް ނުހެދި، ކަންކަން އިމްޕްލިމެންޓް ނުކުރެވި މުޅި މާލެ ފުރި އެކެއްގެ ނޭވާ އަނެކަކު ލާ ހިސާބަށް ދިޔައިރު ސުވަ ނެޓްވޯކު އޮތީ ކޮށި އަރައިފަ އެވެ. މާލޭގައި ދެލައްކަށްވުރެ ގިނަ މީހުން މިހާރު އެބަ އުޅެ އެވެ.

މި ހިސާބު ދިމާ ކުރެވޭ ގޮތެއް ވެސް އެބައޮތެވެ. އެވްރެޖްކޮށް 19000 ޓަނުގެ ފެން މާލޭގައި ބޭނުން ކުރެ އެވެ. އެ އަދަދު ބައެއް ދުވަސް ދުވަހު 21،000 ޓަނަށް އަރަ އެވެ. އޭގެ މާނައަކީ ކޮންމެ މީހަކު ދުވާލަކު 100 ލީޓަރު ފެން ބޭނުން ކުރާނަމަ މާލޭގައި ދެލައްކަ މީހުން އުޅުމެވެ. އަދި ސްވަ ނެޓްވޯކްގެ އައުޓްފޯލް އިން ބޭރުވާ ފެނުން ވެސް އެ ނަމްބަރު ކްރޮސް ޗެކް ކުރެވެ އެވެ

"ވަކި ނަމްބަރަކަށް ޑިޒައިން ކުރި އެއްޗެއް ދެލައްކަ މީހުން ބޭނުން ކުރަން ފެށީމާ މުޅި ހޮޅި ފުރި ބާރުވެގެން އެދަަނީ، އެ ނަތީޖާއިން ވެސް ހިސާބުތައް ދިމާވޭ. ހޮޅި ފުރިގެން ދާތީވެ އެއްވެސް ދިމާއަކުން ބްލޮކެއް ވެއްޖިއްޔާ އެހެން ދިމާއަކު ނަޖިސް އަރާނެ. އެކި ތަންތަނުގައި ހުންނަ މެއިން ހޯލްތަކުގެ ތެރެއިން އެންމެ ތަނެއްގައި ބްލޮކެއް ވިޔަސް ނަޖިސް އަރާނެ،"

ނަޖިސް އެރުން ހައްލު ކުރާނީ ކިހިނެއް؟

އާޒިމް ވިދާޅުވި ގޮތުގައި އޭނާއަށް މިވަގުތު އޮތް ޗެލެންޖްތަކުގެ ތެރޭގައި އެކަން އޮތުމާއެކު ހައްލު ކުރުމަށް ބޭނުންވާނެ ވަސީލަތާއި އާލާތް ހޯދަން ވާނީ މިހާރު އަންގާފަ އެވެ، ވަގުތީ ގޮތުންނާއި ދާއިމާ ގޮތެއްގައި ކުރެވޭނެ ކަންކަމުގެ ލަފައެއް ދިނުމަށް ވެރިންނަށް ވެސް އަންގަފައިވާނެ އެވެ.

"މި ހޯދަނީ ވެސް ފުރިހަމަ ހައްލެއް ނޫން. މި ހޯދަނީ މިނިމައިޒް ކުރުމަށް ކުރާ ކަންކަން، އެކަމަށް އިންވެސްޓް ކުރަނީ. އަޅުގަނޑު އިންނާނެ ރީތި ކެބިންއެއް ނެތަސް އަދި އަޅުގަނޑުމެން ވަންނާނެ ރީތި އިމާރާތެއް ނެތަސް މިކަމުން ސަލާމަތްވާން އެބަޖެހޭ. ރައްޔިތުންގެ ނަރުދަމާ ނެޓްވޯކް ރަނގަޅު ކުރުން މާ މުހިންމު، މިކަންކަން ނިންމާފައި އެހެން ކަމަކަށް ދެވޭނީ،"

އަނެކޮޅުން މާލޭގެ ހަނި މަގުތަކަށް ވަދެ މަސައްކަތް ކުރެވޭނެ ކުދި އުޅަދު ފަހަރާއި ވަސީލަތްތަކެއް ފެން ކުންފުންޏަކު ނެތެވެ. އެކަން ފުރިހަމަ ކުރަންޖެހެ އެވެ. ދެން އޮތީ ނެޓްވޯކް އަޕްގްރޭޑް ކުރުމެވެ. އެކަން ކުރަން އިތުރު ހޮޅިތަކެއް މާލެއަކު އެޅޭނެ ގޮތެއް ނެތެވެ.

ފެން ހޮޅި އާއި ނަރުދަމާ ހޮޅި އާއި ދިރާގާއި އުރީދޫގެ ކޭބަލްތަކާއި ސްޓެލްކޯ އާއި މީޑިއާ ނެޓާއި މިހެން ގޮސް މުޅި މާލެ އޮތީ ކޭބަލްއިން ފުރިފައެވެ. ފެން ކުންފުނީގެ ނެޓްވޯކް އޮންނަނީ އެ ކޭބަލްތަކުގެ ދަށުވެފަ އެވެ. އެހެންވީމާ މަތީގައި އޮތް ކޭބަލްތައް ނަގައިގެން ނޫނީ އިތުރު ހޮޅިއެއް ނުލެވޭނެ އެވެ. އަދި އެކަން ބޭނުން ވިޔަސް މަތީގައި އޮތް ކޭބަލްތައް ނެގޭނެ ގޮތެއް ވެސް ނެތެވެ. ސަބަބަކީ "ރިއަލް ޓައިމް ސާވިސް" މެދު ކަނޑައިލެވެން މާލެއަށް މިހަރު ކެތް ނުކުރެވޭނެތީ އެވެ.

"އެހެން ވީމާ މީގެ އެހެން ހައްލެއް މި ހޯދަނީ، ބައިޕާސް ޕްރެޝަ ލައިންތަކެއް އަޅައިގެން. އޭރަށް އެކަންކަމާ ގުޅޭ ކަންކަން ކުރެވުމުން ގިނަވެގެން ދެ އަހަރުގެ ތެރޭގައި މަގުމައްޗަށް ނަޖިސް ބޭރުވުމުގައި ހައްލެއް ހޯދޭނެ. އޭރަށް އަބަދު އަރައަރައެއް ނޯންނާނެ، މިންވަރެއްގެ ހައްލެއް ހޯދޭނެ، ... މިކަމަށް ބޮޑު ހޭދަ ކުރަން ޖެހޭނެ،"

މަތީ ފަންގިފިލާތަކަށް ފެނެއް ނާރާ!

މަތީ ފްލޯތަކަށް ފެން ނޭރުމަކީ ވަރަށް ބޮޑު މައްސަލައެއް ގޮތުގައި އޮންނަ ކަމެވެ. އެކަމަކު އެއްވެސް ބަޔަކަށް ފެން ނާރަނީ ކީއްވެގެން ކަމެއް ކިޔައެއް ނުދެވެ އެވެ. ފެން ކުންފުންޏަކުން ވެސް އެވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ. އެހެން ނަމަވެސް އާޒިމް ދެކެ ވަޑައިގަންނަވާ ގޮތުގައި މައްޗަށް ފެން ނޭރުމުގެ މައްސަލައަކީ އާންމުނަށް މިހާރު ސާފުވެފައި އޮންނަން ޖެހޭނެ ކަމެކެވެ.

"ފެން ނާރަނީ އެ ގާބިލްކަން މި ކުންފުނީގެ ނެތިގެނެއްނޫން. މިތާ އިނދެގެން ވިހި ފަންސަވީ ބުރިއަށް ވެސް ފެން އަރުވައި ލެވިދާނެ. މީގެ މައްސަލައަކީ މާލޭގެ ގެތަކުގެ ޕްލަމްބިން ކަނެކްޝަން އެއީ އެއްވެސް އިތުބާރު ހުރި ނިޒާމަކަށް ނުވުން. އެއާ ހިލާފަށް ހުރިހާ ފަރާތްތަކުން މި ކުންފުންޏަށް ޔަގީންކަން ދޭންވީ ފެން ކުންނިން ޕްރެޝަރުގައި ފެން ފޮނުވާލާފިއްޔާ ގޭގޭގެ ޕްލަމްބިން ނެޓްވޯކް ހަލާކު ނުވާނެ ކަމުގެ.... މިކުންޏަށް ރަނގަޅަށް އެނގޭ މައްޗަށް އަރާވަރަށް ޕްރެޝަރުގައި ފެން ފޮނުވާލައިފިއްުޔާ މާލޭގެ ގެތަކުގެ އެ ނެޓްވޯ ވިއްސަވިއްސައިގެން ދާނެ ކަން. ހާއްސަކޮށް ކުރިން ހަދާފައި ހުރި ގެތަކަށް ޕްރެޝަރު ދީފިއްޔާ ޕޮސިބިލިޓީ ވަރަށް ބޮޑު ނެޓްވޯކް ފުނޑުފުނޑުވާނެ ކަމުގެ. މިއީ ބޮމެއް ގޮއްވާލުން ފަދަ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އެ ސަބަބުތައް އެހެން އޮތުމުން މިހާރު ފެން ފޮނުވަނީ އެންމެ އާދައިގެ ނެޓްވޯކްތަކަށް ވެސް ގެއްލުން ނުވާނެ ވަރުގެ ޕްރެޝަރެއްގަ އެވެ. މާލޭގައި 10 ބުރިއަށް 25 ބުރިއަށް ގެ ހަދަ އެވެ. އެތަންތާނގައި ލިފްޓް ބަހައްޓަ އެވެ. ޕެނަލް ބޯޓް ބަހައްޓަ އެވެ. އެހެން ކަމުން ބައިލައްކައެއްހާ ރުފިޔާ ހޭދަކޮށްގެން ބޫސްޓަރު ސިސްޓަމެއް ގާއިމް ކުރެވިދާނެ އެވެ. އޭރަށް މައްސަލަ ހައްލުވެ ޝަކުވާ ހުއްޓުނީ އެވެ. މުއްސަނދި މީހާއަށް އެ ބެހެއްޓޭނެ އެވެ. އެހެންވީމާ މުއްސަނދި މީހާގެ 10 ވަނަ ބުރިއަށް ފެންވަރުވަން ޖެހިގެން ހުރި އާދައިގެ ގޭގެ މީހާގެ ނެޓްވޯކް ހަލާކުކޮށްލެވެން ފެން ކުންފުންޏަށް ނޯންނަނީ އެވެ.

"ހަތަރުވަނަ ބުރިއަށް މިހާރުވެސް އަރާނެ ރީތިކޮށް. ބޫސްޓަރު ބެހެއްޓީމާ މައްޗަށް ގެންދެވޭނެ، މިވާހަކަ މިއޮންނަނީ މިހާތަނަށް ނުދައްކާ،"

އާޒިމް ވިދާޅުވި ގޮތުގައި މި މައްސލަ މާލެ އަށް ދިމާވެގެން އުޅެނީ ވެސް އުސޫލުން ބޭރުވެފައި އޮތުމުންނެވެ. އާދައިގެ ދިރިއުޅުމަށް މހުން 10 ބުރީގެ އުސް އިމާރެތެއް ނުހަދަ އެވެ. އެފަދަ އިމާރާތްތައް ހަދަނީ ކޮމާޝަލްކޮށެވެ. އެއާ ހިލާފުވުމުން އެ އުނދަގޫ އާންމު މީހުން އުފުލަން ޖެހުނީ އެވެ.

"މާލޭގެ އެއްވެސް ޕްލޭނެއް ނެތް. އެހެންވީމާ ޔުޓިލިޓީ ސާވިސް ޕްރޮވައިޑާސްއަށް މައްސަލަ ދިމާވޭ. ޕްރޮވައިޑާ ޖެހެނީ ޕްލޭން ފަހަތުން ދުވަން. ބަލަމާ މިހާރު ހުޅުމާލެއަށް، އެއީ ޕްލޭން ކޮށްގެން ހަދަމުން އައި ސިޓީއެއް. މި ގައުމުގެ 99 ޕަސެންޓް ކިޔަވައިގެން ތިބެ، 30 ޕަސެންޓް މީހުން މާސްޓާސް ހަދައިގެން ތިބެ ޕްލޭން ސިޓީއެއް ހަދަން ފަށާފައި ޕްލޭނަށް ބަދަލު ގެނައުމަކީ ނާތަހުޒީބު ކަންކަން. ޕްލޭންކޮށްފައި އޮތް ވަރަށް ނެޓްވޯކް އެޅީ އެކަމަކު މިއަދު 15 ބުރިއަށް ހެދީމާ ނެޓްވޯކަށް ވާނީ ކިހިނެއް؟ އަޅުގަނޑު ފެން ކުންފުނީގައި މި ބަލަނީ މިއަދު ކުރާ ކަމަކުން މާދަމާ މީހުންނަށް ލުއިވާނެ ގޮތެއް"

ވާރޭ ވެހޭ އިރަށް ފެން ބޮޑުވެފައި!

ސަރުކާރުން ވަރަށް ބޮޑު ޕްރޮޖެކްޓެއް ފެން ކުންފުންޏާ ހަވާލު ކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަ ހައްލެއް ނުވެއެވެ. އަދި އަޑުތައް ފެތުރިފައި އޮންނަނީ އެކަމުގައި ވަރަށް ބޮޑު ގޯސްތައް ފެން ކުންފުނިން ހަދާފައިވާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތިގައި އެ މައުލުމާތުތައް އޭނާ ވަނީ މިހާރު ހޯއްދަވާފަ އެވެ. އެއީ ސްޓޯމް ވޯޓާ ޕްރޮޖެކްޓާ ބެހޭ ތުހުމަތައް ގިކަމުންނާއި އެއީ އެނގެން ވެސް ބޭނުންވާ ކަންކަމަށްވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓާ ގުޅިގެން ފެތުރިގައި އޮންނަ 100 މިލިއަން ރުފިޔާގެ އަގަކީ ރަނގަޅު އަގެއް ނޫނެވެ. އެއީ 34 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި އެ މަސައްކަތް ކޮށްފައި ވަނީ ހަތަރު ފިޔައްސަކަށް ބަހާލައިގެނެވެ. އެ މަސައްކަތުގައި ފެން ކުންފުނިން ގޮތްތަކެއް ހުށަހެޅި އެވެ. އެކަންކަން ހުށަހަޅާފައި ވަނީ ފެން ކުންފުނީ މަތީ ފެންވަެރުގެ އިންޖިނޭރުންނެވެ.

"އިންޖިނޭރުން ހުށަހެޅި ފެނުގެ މައްސަލަ ހައްލު ކުރެވޭނީ ސަރުކާރުން ބޭނުންވާ ތަންތަނުގައި ޕަމްޕްސެޓޭޝަން ބެހެއްޓުމަށްވުރެ ބޮޑަށް އަމީނީ މަގުގައި ބަހައްޓައިގެން ކަމަށް... ވާ ގޮތަކީ މެރިން ޑްރައިވްގައި އިންނަ ސްޓޭޝަނަށް މި ފޮނުވަނީ ގްރެވިޓީއަކުން އަމީނީ މަގުގެ ފެންގަނޑު. އެހެން ފޮނުވާއިރު މާލޭގައި އެތައް ބައިވަރު ނެޓްވޯކް އަޅާފައި އޮތުމުން ބޭނުންވާ ގްރެވިޓީއެއް ނުލިބެނީ ... އެކަމަަކު އިންޖިނޭރުން ލަފާ ދިން ގޮތަކަށް ނޫން އެކަން ކުރީއަކ... މިހާރު އެހުރީ ހުސް ގްރެވިޓީލައިން ޕްރެޝާ ލައިނެއް ނެތް. އެހެންވީމާ އަލުން އެކަން ކުރަން މިޖެހެނީ އޭރަށް ވާރޭ ވެހި ނިމޭތާ އިރުކޮޅެއްތެރޭ ހިނދޭނެ، ބޯ ހަރު ކަމުން މިހެން ދިމާވީ ... ކޮންމެ ރުފިޔާ ފޮއްޗެއް ހަރަދު ކުރަންވާނީ ރައްޔިތުިންނަށް ފައިދާވާ ގޮތަށް، އެހެނެއް ނޫން މިކަން ދިޔައީއަކީ، ޕްރޮޖެކްޓެއްވީމާ އެ ބުނި ގޮތަކަށް މިކުންފުނިން ކުރާނެ، އެކަމަކު އިންކޖިނޭރުން. ބުނި ގޮތް ނުދެމުން އެތައް މިލިޔަން ރުފިޔާ ފެނަށް ދިޔައީ،"

ފެން ފަންޑު ކޮބައި؟

ފެންފަންޑުގެ ކަންކަން ދިޔަ ގޮތާމެދުވެސް ފެން ކުންފުންޏަށް ތުހުމަތުތައް އޮވެއެވެ. އެހެންމަމަވެސް މިހާތަނަށް އެކަން ހިނގާފައި އޮތް ގޮތެއް ސާފެއް ނުވެއެވެ. އާޒިމް ވިދާޅުވި ގޮތުގައު އެންމެން ފެން ފަންޑާ ގުޅުވައި އެ ކުންފުންޏަށް ކުރާ ތުހުމަގުތަކެއް އޮތީ އެވާހަކަ ނުއްދައްކާ އޮތުމުންނެވެ.

"ހިނގީ ފެނުގެ ކާރިސާއެއް، އެހެންވީމާ ފަންޑުގެ ހުރިހާ ފައިސާއެއް ދިޔައީ ޑިޒާސްޓާ މެނޭޖެމަންޓަށް، އެ ފައިސާ ޖަމާވީ އެތަނަށް. މިކޮޅަށް އޮތީ ކާރިސާއާ ގުޅިގެން ކުރާ ހަރަދުތަކަށް ބިލް ކުރަން އެކޮޅަށް އަދި އެކޮޅުން އެފައިސާ ހަވާލު ކުރާ ގޮތަށް. އެގޮތަށް ހުރިހާ ހަރަދެއްގެ ތަފުސީލް ވަނީ ފޮނުވިފައި. އެހެންވީމާ އެ ފަންޑަށް ލިބުނު ފައިސާގެ އަދަދެއް ވެސް މި ކުންފުންޏަކަށް ނޭނގޭ. މަޖިލީހުން ވެސް އެބަހުރި ބައެއް ސިޓީ އައިސްފައި އެ ތަފުސީލް ހޯދަން،"

އާޒިމް ވިދާޅުވި ގޮތުގައި ފެނުގެ ކާރިސާއާ ގުޅިގެން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރީ ފުރިހަމަކޮށްފަ އެވެ.
"މިހާރު އެފަދަ ސްމޯކެއް އުޅެންޏާ އެލާމް އަޅާނެ ވަރަށް ވަރުގަދައަށް މިހާރު ހުރީ ފިޔަވަޅު އަޅާފައި. އެކަމަކު ކާރިސާއަކީ ކޮންމެ ވަގުތަކު ވެސް ހިނގާފާނެ ކަމެއް އެއިން ދުރުވެ ތިބެން އެޅޭނެ ހުރިހާ ފިޔަވަޅެއް މިހާރު ހުރީ އަޅާފައި އިތުރަށް ވެސް ހަރުދަނާ ކުރަމުންދޭ، އަދި ކޮންޓެންޖެންސީ ޕްލޭންގެ ގޮތުގައި ހުޅުމާލެއިން ފެން ގެނައުުމުގެ މަސައްކަތް ވެސް ކުރެވެމުން އެބަދޭ ބްރިޖްގެ ތެރެއިން. އެ ކަން ލަސްވަނީ ބްރިޖްގެ އެއްފަޅި ބަންދު ކުރަން ޖެހޭތީ، މިހާތަނަށް އެކަން ނުވީ އެ ހުއްދަތައް ނުލިބިގެން މިހާރު ސިޓީ ފޮނުވައިފިން ހޮޅިތައް އަޅާ ނިންމަން. އޭރަށް ބެކަޕް ޕްލޭން ފުރިހަމަވާނެ އޭރު ކާރިސާގައި ވެސް ޒަރޫރީރީ ހާލަތަށް ބޭނުންވާ ފެން ލިބޭނެ"