ޓޫރިޒަމް އާއި ގެސްޓްހައުސް ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދައި، އަންނަ އަހަރަކީ ރެކޯޑް ބްރޭކިން އަހަރަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ގެސްޓްހައުސް މަހާސިންތާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވިދާޅުވީ މަހާސިންތާގައި ގިނަ ބައިވެރިންގެ ހިޔާލުތަކާއެކު ބޮޑެތި ކަންކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އައިއިރު ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސް ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތަކަށް ބަައެއް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ޓެކްސްތަކާ ގުޅޭ ގޮތުން ވެސް މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށް އަލީ ވިދާޅުވި އެވެ. އެ ހުރިހާ މަޝްވަރާތަކާއި ކަރުދާސްތައް ހިމެނޭ މާސްޓާ ޕްލޭންއެއް އެކުލަވާލާ، އެ ޕްލޭންގެ ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޑު އަހަން، މިކަމުގައި ޕްރެކްޓިކަލީ އުޅުއްވާ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެގެން ރައްޔިތުންގެ އަޑު އަހައިގެން ސިޔާސަތު ކަނޑައަޅާ ސަރުކާރަކަށް ވުން،" އަލީ ވިދާޅުވި އެވެ.
އެކަންކަމަށް ވަރަށް އަވަހަށް އަމަލީ ސިފައެއް ފެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގެސްޓްހައުސްތަކާއި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް މިސްރާބު ކަނޑައަޅާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރަކީ އެ ދާއިރާގެ ރެކޯޑް ބްރޭކިން އަހަރަކަށށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"ގެސްޓްހައުސްތަކަށް ސަމާލުކަން ދޭނެ މިންވަރު އަދި އަޅުގަނޑުމެން މި ސިނާއަތު ކުރިއަރުވަން ހުރި މިންވަރު މި ސިމްޕޯޒިއަމްގެ ބައިވެރިންގެ ބައިވެރިވުމާއެކު ފާހަގަވެއްޖެ، އެހެންވެ 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް، އަޅުގަނޑުމެން މި ނުކުންނަނީ 2019 ވަނަ އަހަރަކީ ރެކޯޑް ބްރޭކިން އަހަރަކަށް ހެދުމަށްޓަކައި އެއީ އަޅުގަނޑުމެންގެ އަޒުމަކީ،" އަލީ ވިދާޅުވި އެވެ.
400 އަށް ވުރެ ގިނަ ބައިވެރިންނާއެކު ކުރިޔަށް ދާ ގެސްޓްހައުސް މަހާސިންތާގައި ގެސްޓްހައުސްތައް ހިންގުމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާނެ އެވެ. އަދި ގެސްޓްހައުސްތަކުގެ ލިބޭ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާތަކާއި އެކަމާ ގުޅިގެން ތާރީހާއި ސަގާފަތް ކުރިއެރުވުމާއި މެދުފަންތީގެ ވިޔަފާރިތަކުން ލިބޭ ފައިދާއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ. ގެސްޓްހައުސް ޕްރޮމޯޓު ކުރުމާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ތަޖުރިބާ ހިމެނޭ ޕްރެޒެންޓޭޝަންތައް ވެސް ހުށަހެޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.