ހަބަރު

ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރަން ރައީސް ޖެޓް ސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ

Feb 20, 2019
11

ރަށު ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެޓް ސްކީގައި ދެ އަތޮޅު ހުރަސްކޮށް ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ރާއްޖޭގައި ފުޅާވެ ތަރައްގީވަމުން އަންނަ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް އިޝްތިހާރު ކުރުމަށް މި ހަރަކާތް ރާވާފައިވާކަން އިއުލާނު ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވި ނުރަސްމީ ބައްދަލު ވުމެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އިޝްތިހާރު ކުރަން ރާވާފައިވާ މި ހަރަކާތުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ ދެ އަތޮޅެއް ހުރަސްކޮށް މާކަނޑުގައި ޖެޓް ސްކީ ދުވުމުގެ ހަރަކާތަކާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ގެސްޓްހައުސް ޓޫރިޒަމް އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތެއް. މި ހަރަކާތުގައި ދެ އަތޮޅު ހުރަސް ކުރަން ކުރިއަށް ގެންދާ ހަރަކާތުގައި ޓީމު ލީޑު ކުރައްވާނީ ރައީސް،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހަރަކާތުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށްޓަަކައި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން ޓޫރިޒަމް ދުވަހާ ދިމާކޮށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުރީގެ ކުޅުންތެރިން ރާއްޖެ ގެނެސް ސްޕޯޓްސް ޓޫރިޒަމް ތައާރަފުކުރުމުގެ މަގުސަދުގައި ހާއްސަ މެޗެއް ކުޅޭނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެއް ކްލަބު ރާއްޖެ ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ޕްރިމިއަ ލީގުގެ ބޮޑު ޓީމެއް ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް މިނިސްޓަރު އަލީ މިރޭ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ހަރަކާތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.