ހަބަރު

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރަން އެއްބާރުލުންދޭނަން: ގޭމް

ޓޫރިޒަމްދާއިރާއަށް ސަރުކާރުން ކަނޑައަޅާފައިވާ ހަރުދަނީ ސިޔާސަތުތައް ތަންފީޒު ކުރަން އެއްބާރުލުންދޭނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފި އެވެ.

ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެސްޓްހައުސް އިންޑަސްޓްރީ އަކީ ޓޫރިޒަމްދާއިރާގެ ކުރިއަރަމުންދާ އިންޑަސްޓްރީއަކަށްވެފައި މި އިންޑަސްޓްރީ ކުރިއަރުވާ، ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަކީ މިސަރުކާރުގެ ސިޔާސަތަކަށްވާއިރު، އަދި ޓޫރިޒަމްދާއިރާގެ ބެލެނިވެރިފަރާތެއްގެ ހައިސިއްޔަތުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އިންޑަސްޓްރީއާއި ގުޅޭކަންކަމުގައި އެ އެސޯސިއޭޝަނުގެ ބައިވެރިވުން ވަރަށް ބޮޑަށް ހިމަނާފައި ކަމަށެވެ.

ވަކިން ހާއްސަކޮށް ޓޫރިޒަމް މިނިސްޓަރ އަލީވަހީދު އެ ޖަމިއްޔާއާއި ދޭތެރޭ ބަހައްޓަވާ ގާތްކަމާއި ޝައުގުވެރިކަން ފާހަކޮށް ޝުކުރުއަދާކުރާ ކަމަށާއި،
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކަށް ލިބެންޖެހޭ ހައްގުތަކާއި އަދިވެސް އެދާއިރާގައި ހުރި އެހެނިހެން މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުންގެންދާ ދަނޑިވަޅެއްގައި ޓޫރިޒަމް އެމްޕްލޯއީމެންޓް އެސޯސިއޭޝަނުން އަމިއްލަ މަންފާއެއް ހާސިލް ކުރުމައްޓަކާ ޑިމާންޑުތަކެއް ކުރައްވާ ކަމަށް ޖެނުއަރީ އެއްވަނަ ދުވަހު މިނިސްޓަރ ޓުވީޓެއްކުރެވުމަކީ އެ އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، ޓޫރިޒަމް ދާއިރާގެ މަސައްކަތް ކުރާ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ޖަމްއިއްޔާ، ޖަމާއަތަކުން ނުކުރުމަށް އެ އެސޯސިއޭޝަނުން އިލްތިމާސް ކުރާ ކަމަށާއި، ޓޫރިޒަމް ދާއިރާގައި ހުރި އެފަދަ އެންމެހާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިނިސްޓަރު އަލީވަހީދަށާއި އެމިނިސްޓްރީގެ ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޓޫރިޒަމްދާއިރާއަށް އަންނަމުން މިދާ ކުރިއެރުންތަކަކީ މިއަދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި މިނިސްޓަރ ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅުކަން އުފަލާއިއެކު ފާހަގަކޮށް އެކަންކަމަށް އެއްބާރުލުން ދޭނެ އެސޯސިއޭޝަނެއްގެ ގޮތުގައި ސާބިތު ކަމާއިއެކު އެ އެސޯސިއޭޝަން އޮންނާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.