ހަބަރު

ރަށްތައް ތަރައްގީ ނުކޮށް ގެސްޓްހައުސް ވިޔަފާރި ކުރި ނާރާނެ: ރައީސް ސޯލިހު

ރާއްޖޭގެ ރަށްތަައް ތަރައްގީ ކޮށްގެން މެނުވީ ގެސްޓްހައުސް ވިޔަފާރިތަށް ކުރިނާރާނެ ކަމަށާއި، ގެސްޓްހައުސްތައް ތަރައްގީކޮށްގެން މެނުވީ ރަށްތައްވެސް ކުރި ނާރާނެ ކަމަށް ރައީސް އިބްރާހިމް މުހައްްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރަށްތައް ތަރައްގީ ކުރުމަށް ގެސްޓްހައުސް ވިޔަފާރި ކުރިއަރުވަން ޖެހޭ ކަމަށާއި، ގެސްޓް ހައުސްވިޔަފާރި ކުރިއެރުވުމަށް ރަށްތައް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އެ ދެކަމަކީ ވަށާ ޖެހޭ ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ އަތޮޅެއްގައި ފިޔަވާ ހުރިހާ އަތޮޅެއްގައިވެސް ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ކަމަށާއި، ށ. އަތޮޅުގައިވެސް ވަރަށް އަވަހަށް އެ ވިޔަފާރި ފެށިގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ. މުޅި ރާއްޖޭގައި 88 ރަށެއްގައި 518 ގެސްޓް ހައުސް އެބަހުރި ކަމަށާާއި އެއީ 8449 ޓުއަރިސްޓް އެނދުކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގެ މުޅި އިގްތިސާދުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަން ކަމަށާއި، އެ މުހިންމު ވަސީލަތް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަކީ ރާއްޖޭގެ އިގްތިސާދުގެ ރޫފަ ހެޔޮކަމާއި، ފަރުދީ ތިޔާގި ކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުމީހާގެ ޖީބަށް ފޯރާނެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންތައްތައް ތަރުތީބު ކުރުން ކަމަށާއި، އެކަމަށްޓަކައި ގަވައިދުތަށް އިސްލާހު ކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްްރީއިން މިހާރު ފަށާފައިވާ ކަމަށެވެ.