ހަބަރު

ރިސޯޓް ތަކުން ސާވިސްޗާޖް ދޭތޯ ސަރުކާރުން ބަލަން ފަށާނެ: ރައީސް

ރާއްޖޭގެ ރިސޯޓް ތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖު ގާނޫނާއި އެއްގޮތަށް ދެމުން ގެންދޭތޯ ކަށަވަރު ކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިސޯޓްތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖް ގާނޫނާއި އެއްގޮތަށް ނުލިބޭ ކަމުގެ ޝަކުވާތަކެއް އަޑުއިވެމުންދާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި ޓުއަރިޒަމް މިނިސްްޓްރީއިން އެކަންކަން ބަލަމުން ގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައިސް ސޯލިހު ވިދާޅުވީ، ދިވެހިންނަށް ރިސޯޓްތަކުން ދޭން ޖެހޭ ނިސްބަތަށް ވަޒީފާ ނުދޭ މައްސަލަަވެސް ފެންމަތިވެފައިވާ ކަމަށާއި، އެކަން ހައްލު ކުރުމުގެ ގޮތުންނާއި، ދިވެހިންނަށް ރިސޯޓްތަކުގެ ވަޒީފާ ޔަގީން ކޮށް ދިނުމުގެ ގޮތުން ދިވެހިން ގެންގުޅެން ޖެހޭ ނިސްބަތަށްވުރެ އިތުރަށް ވަޒީފާގައި ދިވެހިން ގެންގުޅޭ ރިސޯޓްތަކަށް ޓެކްސް އިންސެންޓިވް އެއް ދޭން ނިންމާފައިވާ ކަމަށެވެ.

ގެސްޓްހައުސްތަށް ފެށުމާއެކު އަގުބޮޑު ރިސޯޓްތަކުގައި ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން، ހެޔޮ އަގުގައި ރާއްޖޭގެ ހިތްފަސޭހަ މާހައުލުގެ އުފާވެރިކަން ލިބިގަތުމުގެ ދޮރުތައް ހުޅުވިގެން ދިޔަ ކަމަށާއި، ފަތުރުވެރިކަމަށް އައި އެ ބަދަލާއެކު އަގުބޮޑު ރިސޯޓްތަކެކޭ އެއްފަދައިން ގެސްޓް ހައުސްތައް ފުރެން މާގިނަ ދުވަހެއް ނުނަގާ އާންމު ފަރުދުންގެ ޖީބުތަށް ޑޮލަރުން ތިޔާގިވާން ފެށި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ތަޖުރިބާއިން އެނގުނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ އިސްތިހާރު ކުރަންވީ ހަމައެކަނި މުއްސަދިންގެ މަންޒިލެއްގެ ގޮތުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ހުރި މެދުފަންތީގެ ފުރުސަތު ތަކާއި ހެޔޮ އަގުގައި ޗުއްޓީ ހޭދަ ކުރުމުގެ ވާހަކަވެސް ދައްކަން ވެއްޖެ ކަމަށެވެ.