ގެސްޓް ހައުސްތައް

މީހުން އުޅޭ ބޮޑެތި ރަށްރަށުން ޓޫރިޒަމަށް ބިން ދޭން ނިންމައިފި

މީހުން ދިރި އުޅޭ ބިން ބޮޑެތި ރަށްރަށުގައި ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރަން ސަރުކާރުން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ރަށު ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރަން ބިން ބޮޑެތި ރަށްރަށުން ބީލަމުގެ އުސޫލުން ބިން ދޫކުރަން ނިންމާފައިވާކަން ރައީސް އިއުލާން ކޮށްދެއްވީ ރާއްޖޭގެ ފަސް ވަނަ ޓޫރިޒަމް މާސްޓާޕްލޭން އެކުލަވާލުމުގެ ފެށުން އިފްތިތާހު ކުރުމުގެ ޖަލްސާގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ނިންމެވުމާއެކު ހއ. ތިން ރަށަކާއި، އައްޑޫ ސިޓީ ހަ ރަށެއްގެ އިތުރުން، ލ. ގަމާއި، ފުވައްމުލަކު ސިޓީން ބިން ބީލަމުގެ އުސޫލުން ރަށުފަތުރުވެރި ކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާ މާސްޓާ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރި ކަމަކަށް އެ ސިނާއަތުގެ މިސްރާބު ބަދަލުވެގެން ދާނެ ކަމަށާއި، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު ވަރަށް ބޮޑަށް އިތުރުވެ، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމައުގެ ތިޔާގިކަން އިތުރުވެގެން ދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު." ރައީސް ސޯލިހު ވިދާޅުވި އެވެ.