ވާހަކަ

އީޝަލް

(27 ޑިސެމްބަރ 2018 އާ ގުޅޭ)

"އަހަރެން ކަމަކު އެދެފިއްޔާ އީޝަލް ޤަބޫލުކުރާނަންތަ؟" އީޝަލްގެ ހަރަކާތްތަކަށް ބަލަން ހުރެ ރައުލް ވާހަކަދެއްކިއެވެ.

"ޤަބޫލުކުރަން އެނގޭނީ ތި އެދެން އުޅޭ ކަމެއް އެނގުނީމަ، އޭގެ ފަހުގައި" ކަނާއަތް ފަރާތުން ކޮނޑުމަތިން ލާފައި އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ދެއަތުން އިސްތަށިގަނޑު އޮމާން ކުރަމުން ރައުލްއަށް ބަލަން ހުރެ އީޝަލް ވާހަކަދެއްކިއެވެ. އެ ހުރިހާ އިރު ވެސް ރައުލްގެ ނަޒަރު އީޝަލްއަށް ހުއްޓިފައި ހުރި ގޮތުން އޭނާ އެސްފިޔަ ވެސް ޖަހާނުލާ ފަދައެވެ.

"އަހަރެންގެ އެއްވެސް މައްސަލައެއްނެތް ދާރިއުސްއާ ބައްދަލުކުރަން އީޝަލް އަޔަސް، ތި ދެ މީހުން ރަނގަޅު ރައްޓެހިންނަށްވާނޭހެން ހީވޭ" ރައުލްގެ ހިތުގައި ހިނގައިގަތް ޝައުގުވެރިކަމުގެ އޮއިވަރު ހިންދާލަމުން ގަސްދުކުރި ވާހަކަނޫން އެހެން ދިމާއަކަށް ވާހަކަ ބަދަލުކޮށްލިއެވެ.

"މިހާރު އަހަރެން ދާރިއުސްއާ ހިތާވެދާނޭތީ ކަންބޮޑެއްނުވޭތަ؟" ކުޑަކޮށް ހިނިއައިސްފައި ހުރެ އީޝަލްކޮށްލީ ސާމާސާއެކެވެ. އެއާއެކު ރައުލްއަށް ވެސް ކުޑަކޮށް ހެވުނެވެ.

"ދާރިއުސް އެހާ ވެސް ކަމުދަނީތަ؟" ރައްދުގައި ރައުލް ވެސް ކުރީ ސަމާސާއެވެ. ހުނުމަކުން އީޝަލް ފުއްދާލީ ރައުލްއަށް އެއްވެސް ޖަވާބެއް ނުދީއެވެ. އެއާއެކު އަނެއްކާ ވެސް އެ ދެމެދަށް ހިމޭންކަމުގެ ވަގުތުކޮޅެއް ވެރިވިއެވެ. އަނގައިން ނުބުނެ ދެ މީހުން ތިބީ ދުރު ބަލަހައްޓައިގެންނެވެ. އެހެންވިޔަސް އެ ހިމޭންކަމުގައި ފޮރުވިފައިވި ފިނިކަމެއްވާކަން ދެ ނަފްސަށް ވެސް އިޙްސާސް ކުރެވެއެވެ. ދޭތެރެއަކުން އެކަކު އަނެކަކަށް އެއްފަހަރާ ބަލާލެވި ހަތަރުކަޅި ބައްދަލުވާ ހިނދު ބަދަލުކޮށްލެވޭ ހިނިތުންވުން ދެ ހިތުގެ ހިނގުން އަވަސް ކުރުވައެވެ. ހިތްއަވަސްވެގެން ދިއުމުން ނިކަން އަވަހަށް ނަޒަރުވަކޮށްލާއިރު ދެ ތުންފަތުގައި މާނަފުން ރަކި ހިނިތުންވުމެއް ވެއެވެ.

"ޒިޔަޒެލް އަތުވެއްޖެ" ކުއްލިއަކަށް ސަމާލުކަމަށް އައި ރައުލްގެ ޠަބީޢަތް މުޅިން ބަދަލުވި ކަހަލައެވެ. އިހު ހިނިތުންވުން ފާޅުވި މޫނުން ފެންނަނީ އިންތިހާ ދަރަޖައިގެ ސީރިއަސްކަމެވެ. އޭނާ އީޝަލްއާ ގާތުގައި މަޑުކޮށްލައިގެން ހުރެފައި ދުރަށް ޖެހުނީ ކޮންއިރަކުކަމެއް އީޝަލްއަށް ބުނާކަށް ނޭނގެއެވެ. ހަމައެއާއެކު ސިކުނޑީގެ ބޮޑުބައެއް ރައުލްގެ ޚިޔާލުތަކުން ޚިޞާރުވެއްޖެކަމުގެ ހިލަންވީ ޒިޔަޒެލް ގެއަށް ވަންއިރު ވެސް އީޝަލްއަށް ނޭނގުނީމައެވެ.

"ޒިޔަޒެލްއާ ބައްދަލުކުރަން..." ރައުލް އަތުން ދޮރާ ދިމާއަށް އިޝާރާތްކުރަމުން ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އެހެންވިޔަސް އޭނާ ބުނަން ބޭނުންވި އެއްޗެއް އީޝަލްއަށް ފަހުމްވީތީ އޭނާ ނިކަން އަވަހަށް ބޯޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ ރައުލް ހަލުވިކަމާއެކު އެތަނުން ހިނގައްޖެއެވެ. ރައުލްއަށް އެ އައި ބަދަލު ނުވިސްނިފައި އިރުކޮޅަކު އީޝަލްއަށް ހުރެވުނެވެ. ދެން ވެސް އޭނާއަށް ވިސްނޭ ގޮތެއް ނުވިއެވެ. ދެފަރާތަށް ބޯހޫރުލި ގޮތުން ހީވީ އެ ޚިޔާލުތައް ސިކުނޑިން ނެރެލީހެނެވެ.

ޒިޔަޒެލްއަށް ބޭނުންވާނޭ އެއްޗެހި އޭނާއާ ހަމައަށް ގެންގޮސްދިނުމަށްފަހު އީޝަލް އައިސް ވަނީ ޒިޔަޒެލްގެ ކުތުބު ޚާނާއަށެވެ. ޒިޔަޒެލް ކިޔަންދީފައި އޮތް ފޮތް ހުޅުވާލައިގެން އޭގައި ހުރި އެއްޗެއް ދަސްކުރަން ފެށިއެވެ. ކުތުބު ޚާނާ ދެބަޔަށް ހުރިއިރު އެތެރެ ބަޔަށް ވަނުމުގެ ހުއްދައެއް އީޝަލްއަކަށް ނޯވެއެވެ. އެހެންވެ އޭނާ އިނީ ބޭރަށް ހުރި ބައިގައި ތިރިގޮނޑިއެއްގައި އިށީނދެ ހަރުގަނޑެއްގައި ބުރަކަށި ޖައްސާލައިގެންނެވެ. އެހެން އިންދާ މީހެއްގެ ހިޔަނި އެޅުނުހެން ހީވެ އީޝަލް ބަލާލީ ދޮރާ ދިމާއެވެ.

"ރައުލް..." ދޮރުން ވަންނަން ދިމާކޮށްފައި ހުރި ރައުލް ފެނި އީޝަލް ކޮޅަށް ތެދުވިއެވެ.

"ޒިޔަޒެލްގެ މަސައްކަތަށް އަހަރެންގެ ސަބަބުން ހުރަސްއެޅިދާނޭތީ މި އައީ، އީޝަލް މިގަޑީގައި އިންނާނީ ކުތުބު ޚާނާގައި ކަމަށްބުނެ އަހަރެން ކިޔާލާނޭ ރަނގަޅު ލިޔުމެއް މިތަނުން އީޝަލް ހޯދާ ދީފާނޭކަމަށް ޒިޔަޒެލް ބުނީ" ރައުލް ބުންޏެވެ.

"ކޮންކަހަލަ ލިޔުމެއް ކިޔާލަން ބޭނުމީ" އީޝަލް އަތުގައި އޮތް ފޮތް ލައްޕާލައި މައްޗަށް އަރަން ހަދާފައި ހުރި ހަރުގަނޑުގެ ހަރުފަތެއްމަތީ ބާއްވާލިއެވެ. އަދި ރައުލްގެ ޚިދުމަތަށް ހުސްވެލިއެވެ.

"ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ؟ ކަމެއްކުރަންތަ އިނީ" ވަށައިގެންވި ފޮތްހަރުގަނޑުތަކަށް ބަލާލާފައި ރައުލް ބުނެލިއެވެ. އެ ތަނުން ފޮތެއް ބެލުމުގެ ކުޑަ ވެސް ޝައުގުވެރިކަމެއް ރައުލްގެ ނެތީއެވެ. އެ ތަކެތީން ވަކިވި ރައުލްގެ ލޯ ހުއްޓާލީ އީޝަލްއަށެވެ.

"ވާހަކަދައްކާލެވިދާނެ... ބޭރުގައި މަޑުކޮށްލަމާ" އީޝަލް ބުންޏެވެ.

އީޝަލްއާއި ރައުލް ނުކުމެ ވަކައިން ވިޔެފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ފުރަތަމަ ވާހަކަދެއްކީ ރައުލްއެވެ. އަސުރަށްފަހު ޒިޔަޒެލް ހޯދަން ޖިންނީން އަންނަނީ ކީއްވެތޯ ރައުލް އެއްސެވެ. އީޝަލް އެއީ ކީއްވެކަން އޮޅުންފިލުވައިދިނެވެ. ދެން ވެސް ރަށުތެރެއިން ފެންނަ އެކި ކަންކަމާ ގުޅުވައިގެން ރައުލް ސުވާލުކުރިއެވެ. އޭނާގެ އެ ސުވާލުތަކަށް ޖަވާބު ދިނުމާއެކު ރައުލްމެންގެ ތެރޭގައި ކަންތައްތައް އޮންނަ ގޮތާ ބެހޭ ގޮތުން އީޝަލް ސުވާލުކުރިއެވެ.

"ބައްޕަގެ ނުފޫޒު އެންމެންގެ މައްޗަށް ހިނގާނެ، ރާވިން އެނގެއެއްނު، އޭނާގެ ބައްޕަ ލާވީއަކީ ލަފާއެރުވުމުގެ ވަޒީރުންގެ ތެރޭގައި ހުންނަ އެންމެ އިސް، ބައްޕަ އެންމެ އިތުބާރުކުރާ ޖިންނި، ބައްޕަގެ ވަރަށް ގިނަ ސިއްރުތައް އެނގޭނެ ހަމައެކަނި ޖިންނި ވެސްމެ، އެންމެން ވެސް ވަރަށް ބިރުގަންނާނެ ބައްޕަދެކެ..." ރައުލްގެ ވާހަކަ ނުނިމެނީސް އީޝަލް ވާހަކަދެއްކިއެވެ.

"އެހެންވީމަ ދާރިއުސްއަކީ ރައުލްގެ ކޮއްކޮއެއް ދޯ... ދާރިއުސް ބުނި އޭނާގެ ޢާއިލާއާއެއްކޮށޭ އައިސް މިއުޅެނީ" އީޝަލް އޮޅުންފިލުވަން ބޭނުންވިއެވެ.

"އަހަރެން ބައްޕަގެ އެކި ބަނޑަށް ދަރީންތިބޭނެ، ރާވިން ބޮޑުވީ އަހަރެމެންނާއެކު ގަނޑުވަރުތެރޭގައި، ދާރިއުސް... ދާރިއުސް ޤަބޫލުކުރާގޮތް އެއީ، އަހަރެމެންގެ ތެރޭގައި ރާވިން ނޫނީ ދެން ތިބީ އެއްބަފާ ކުދީން، އެންމެ ދޮށީ ސޭމެސް، އަހަންނާއި ހަތޯރުއާއި ރާވިން އެއްވަރު، އަހަރެމެންގެ ތެރެއިން އެންމެ ހަގީ ދާރިއުސް، ކުރިން ވެސް ބުނީމެންނު... އީޝަލްއަށް އޭނާ ކަމުދިޔަޔަސް އެއީ ކުޑަކުއްޖެކޭ" ރައުލް މިހެން ބުނެ ކުޑަކޮށް ހީނލިއެވެ.

"އޭނާގެ ސިފައާއި އުމުރަކާ އެއްވެސް ވަރަކަށް ނުގުޅޭ، އަނެއްކާ... ރައުލް ބައްޕަގެ އެންމެ ކުޑައީ ދާރިއުސްތަ" ހިނިއައިސްފައި އިނދެ އީޝަލް އެއްސެވެ. އެއާއެކު ރައުލް ދެފަރާތަށް ބޯހޫރުވާލިއެވެ.

"އެތައް ބައިވަރު ކުދީންނެއް އެބަތިބި، އަހަރެންގެ ދޮށްޓަށް ވެސް، ދާރިއުސްއަށްވުރެ ހަގަށް ވެސް... ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު ހިޔެއްނުވޭ އަވަހަކަށް އެކަމަށް ނިމުމެއް އަންނާނޭހެން، ބައްޕަގެ ނަން ރޯޝަންކޮށް ބޮޑުތި އެތައް ޤަބީލާތަކެއްގެ ވެރީންނަށް ބައްޕަގެ ދަރީން ތިބުމަކީ ބައްޕަ ބޭނުންވާގޮތް" ރައުލް އޭނާގެ ބައްޕައާ ގުޅުވައި ވާހަކަދައްކާއިރު އޭނާގެ ހަރަކާތްތަކަށް ވެސް ފަޚުރުވެރިކަމުގެ އަސަރުވެރިވެގެންދާކަން އޭނާއަށް ބަލަން އިން އީޝަލްއަށް ފާހަގަކުރެވުނެވެ.

"މަންމައަށްވުރެ ބޮޑަށް ރައުލް އެންމެ ލޯބިވަނީ ބައްޕަދެކެހެން ހީވަނީ" އީޝަލް ބުނެލިއެވެ. ރައުލްގެ ތުންފަތަށް ވެރިވި ހިނިތުންވުން މިފަހަރު ތަފާތުވިއެވެ. ޖަވާބުދޭން އޭނާ އަވަސްވެގަތުމުގެ ބަދަލުގައި އިސްޖަހާލީއެވެ.

"އަހަރެން... އަހަރެން ވެސް ބައްޕަދެކެ ވަރަށް ލޯބިވޭ" ރައުލްއަށް ވީގޮތެއް ނޭނގުނީތީ އިރުކޮޅަކު އިނދެފައި އީޝަލް ބުނެލިއެވެ.

"މަންމައަކާނުލާ ބައްޕަ އަހަރެން ބެލީ، ބައްޕަ ބުނާ ކޮންމެކަމެއް އަހަރެން ކުރަނީ އެހެންވެ، އަހަރެންގެ ކަންކަމާ އެންމެ ކުޑައިރުއްސުރެ ހަވާލުވެގެން އަހަންނަށް އިސްކަމެއްދީ ހުރިހާކަމެއް ކޮށްދިނީ ބައްޕަ، ނުފެންނަ މީހަކަށްވުރެ ގާތުގައި ހުރިހާ ވަގުތެއް ހޭދަކުރި މީހާދެކެ ބޮޑަށް ލޯބިވެވޭނީ" ރައުލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"އަހަރެން ވެސް ބެލީ އަހަރެންގެ ބައްޕަ، އެކަމަކު ބޮޑުދައިތައާއި މާމަގެ އެހީތެރިކަން ބައްޕައަށް ވަރަށް ބޮޑަށް ލިބުނުކަން އެނގޭ، އެ އެންމެންދެކެ އަހަރެން ލޯބިވޭ، އެހެންވިޔަސް... މަންމަ... އަހަރެން އުފަންކުރީ މަންމަ، މަންމައާ ބައްދަލުވީނަމައޭ ހިތަށް އަރާ، މަންމަ ހުރިނަމަ މިއަދު އަހަރެންގެ ދިރިއުޅުން ހާދަ ތަފާތުވާނޭ ވެސް ބައެއްފަހަރު ހިތަށް އަރާ" އީޝަލްއަށް ޚިޔާލުތަކަށް ގެއްލިފައި އިނދެވުނެވެ.

"ޒިޔަޒެލްގެ ދަރިއެއްތަ ތީ؟ އަނެއްކާ ބައްޕައާ ނަމުންތަ މުޚާޠިބުކޮށް އުޅެނީ" ރައުލްއަށް ޔަގީންނުވެފައި އޮތްކަމެއް ޔަގީންކުރަން އަހާލިއެވެ.

"ޒިޔަޒެލް ކިޔާ ނުދޭތަ؟" އީޝަލް ވެސް ކުރީ ސުވާލެކެވެ.

"ތިވެސް އޭނާގެ ދަރިއެކޭ ބުނީ" ރައުލް ބުނެލިގޮތުން އޭނާ އެކަން ޤަބޫލުނުކުރާހެން އީޝަލްއަށް ހީވިއެވެ.

"ޒިޔަޒެލްއަކީ އަހަރެންގެ ބޮޑުބޭބެ، އެއްޗެއް އަހާލަންތަ؟ ކީއްވެ އަހަރެމެން ބައްދަލުވި ވާހަކަ ޒިޔަޒެލް ގާތުގައި ނުބުނީ" އީޝަލްގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްލިއެވެ. އެއާއެކު ރައުލް ލުއިގޮތަކަށް ހީނލިއެވެ.

"އަހަރެން އައީ އީޝަލްގެ ޝަކުވާއެއްކުރާކަށްނޫން، އަހަރެމެން ފެނުމުން އީޝަލްއަށް ވީގޮތް ތި މޫނުން އަހަރެން ދުށީން، އެނގޭތަ... އެ ދުވަހު އީޝަލް ގެއަށް ވަންފަހުން، އަހަރެން މި ގަސް ދޮށަށް އައިން، އަތިރިމައްޗަށް އަންނަ ޖިންނީން ގާތުން އޮޅުންފިލީ އެންމެންގެ އިސްވެރިއަކަށް ހުންނަނީ ޒިޔަޒެލްކަން، އަދި މިގަހަކީ އޭނާ ދިރިއުޅޭތަންކަން، އީޝަލްއާ ބައްދަލުކުރަން ފުރުޞަތެއް ހޯދީ އެގޮތަށް، އީޝަލް އެރޭ އަންނާނޭކަމަށް ދާރިއުސް ވަރަށް އިންތިޒާރުކުރި، އެރޭ އީޝަލް އަންނާނޭކަމަށް އޭނާ ހަދިޔާއެއް ތައްޔާރުކޮށްގެން ހުރީ ވެސް، އީޝަލް ނައީ ކީއްވެކަން އެނގެނީ ހަމައެކަނި އަހަންނަށް، އެހެންވެ އޭރު އެވީ ކަންތައް ރަނގަޅު ކުރެވޭނީ ވެސް އަހަންނަށްކަން އެނގޭތީ މި ހުރިހާ ސަކަރާތެއް މިޖެހީ" ރައުލް ބުންޏެވެ. އީޝަލް ޖަހާލީ ހިނިގަނޑެކެވެ.

"އިރުއޮއްސޭތަން ބަލާލަން ދާނަންތަ؟" އޮރިކޮޅަކު އިނދެފައި އީޝަލް އަހާލިއެވެ.

"އަހަންނާއެކު އީޝަލް ހިނގައިދާނަންތަ؟" ރައުލް އަހާލިއެވެ.

"މި ދިމާ އަތިރިއަށް ފައިބާއިރަށް ފެންނާނެ، ތުނޑިއަށް މާ ރީތިކޮށް ފެންނާނެ... އެހާ ދުރެއް ވެސް ނޫނެއްނު، އަންނާނަން ޒިޔަޒެލް ގާތު އަހާލާފައި" އީޝަލް އިންތަނުން ތެދުވިއެވެ. އީޝަލްގެ ހަރަކާތްތަކަށް ބަލަން އިން ރައުލް ވެސް އޭނާއާއެކު ތެދުވިއެވެ.

"އެކަނިތަ؟" ޒިޔަޒެލް ސުވާލުކުރިއެވެ. ބޮޑުއަށިމަތީ އިން ޒިޔަޒެލް ވާހަކަދެއްކީ ފަރުދާއާ ނިވާވެގެން ހުރި އީޝަލްއާއެވެ. ކުރިމަތީ ތިބި ޖިންނީންނަށް ނޭނގޭނޭހެންނެވެ.

"ރައުލްއާއެއްކޮށް، ތުނޑިއަށް... އިރުއޮއްސޭއިރު ހުންނާނީ ގޭގައި" އަވަސްއަވަހަށް އީޝަލް ބުނެލިއެވެ. ޒިޔަޒެލްގެ ޖަވާބުއައީ އިރުކޮޅެއް ފަހުންނެވެ. އޭނާ އެއްބަސްވުމުން ދެންކުރި ޝަރުތުތަކަށް މާބޮޑު ވިސްނުމެއް އީޝަލް ނުދިނެވެ. އަވަސް އަވަހަށް ވަލުފަރާތުން ގެއިން ނުކުތްއިރު ބޭރުގައި ރައުލް ހުއްޓެވެ.

ތުނޑިއާ ދިމާއަށް އައި އީޝަލްގެ ފަހަތުގައި ރައުލް ހުއްޓެވެ. އީޝަލްގެ ހަރަކާތްތައް ބަލަމުން އައިއިރު އޭނާގެ މޫނުން ދޭތެރެއަކުން ފާޅުވާ ހިނިތުންވުން ނިކަން އަވަހަށް ފޮރުވާލައެވެ. އަދި އިސްޖަހާލާ ގޮތުން ހީވަނީ އެ ސިކުނޑީގައިވާ ޚިޔާލުތައް އަތްނުފޯރާފަށަށް ހިނގައިދާނޭތީ އުޅޭހެންނެވެ. މަޑުމަޑުން ދެފަރާތަށް ރައުލް ބޯހޫރާލިއެވެ.

"ފަހަތުން ނައިސް އެއްވަރަށް އަޔަސް އަހަރެން ފާޑެއްނުކިޔާނަމޭ" ރައުލް އިސްއުފުލާލި ހިނދު އޭނާއަށް ބަލަން ހުއްޓިލައިގެން ހުރި އީޝަލް ފެނުނެވެ. އޭނާ ބުނި އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ރައުލް ކުރިއަށް ޖެހިލައި އީޝަލްއާ އެއްވަރު ވެލިއެވެ.

"އަސްލު އަހަރެން އެރޭ ނުކުތީ އެކަކަށް ވެސް ނޭނގި ސިއްރުން، ރޭގަނޑު ބޭރުގައި އުޅޭކަށް ހުއްދައެއްނޯވޭ، ރަށުތެރޭގައި އުޅޭ ހުރިހާ ޖިންނީންނެއް އަހަރެން ނުދެކެން، އަލަށް އަތިރިމަތި ދިއްލިފައި އޮއްވާ އަހަރެން ދުށީ... ރީތިކަމުން އެހެން ދިމާއަކަށް ދާކަށް ބޭނުމެއްނުވި، ދިއްލިފައި އޮތް ހިސާބު އެއްކޮށް ބަލާލަން ކުރިއަށް ދަނިކޮށް ދާރިއުސްއާ ބައްދަލުވީ، އޭނާ ހިތްހެޔޮކަމާއެކު ވާހަކަދެއްކުމުން އަހަރެން ވެސް ވާހަކަދައްކާ ހިތްވީ، ވާހަކަދައްކާލައިގެން ވާނޭ ގެއްލުމެއްނެތްކަން އެނގޭތީ" ތުނޑިއަށް ފައިބާ ރާޅުފަށުން ދެ ފައި ތެތްމާލި އީޝަލް އޭނާއާއި ރައުލްއާ ފުރަތަމަ ބައްދަލުވި ރޭގެ ހަޤީޤަތް ހާމަކުރިއެވެ.

"މިރޭ އަންނަން ކެރޭނެތަ؟ އެރެއަށްވުރެ ބޮޑަށް މޫދު ދިއްލިފައި އޮއްވާ ފެނިދާނެ" ރައުލް ބުންޏެވެ.

"ޒިޔަޒެލް ހޭލާ އުޅެންޏާ ނުކެރޭނެ" އީޝަލް މޫނަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

"ޒިޔަޒެލް ނިދީމަ އަންނަން ކެރޭނެތަ؟ ދާރިއުސް ހިނގައްޖެއްޔާ އަތުވެއްދާނަންތަ؟" ރައުލްގެ އަޑުގައި އީޝަލްއަށް ދެނެގަންނަން ނޭނގޭ ފަދަ އަސަރެއް ހުއްޓެވެ. ސީދާ ޖަވާބުދޭން އީޝަލް ޖެހިލުންވީ އެހެންވެއެވެ.

"ދާރިއުސްއަށް އިތުބާރު ކުރެވެއެއްނު" އީޝަލް ޖަވާބެއް ދޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރައުލް ބުންޏެވެ.

"ލުގަލް... ލުގަލް ގޮވައިގެން ހިނގައިދާނަން" އީޝަލް ބުންޏެވެ.

"އެ ސޮރު އެހާ ގަޔާވާނޭހެން ހިޔެއްނުވޭ" ރައުލްގެ ނިތަށް ގިނަވެލި ރޫތަކާއެކު އޭނާގެ ނަޒަރު އީޝަލްއާ ވަކިވެ ކަނޑުގެ ސަތަހައަށް ހުއްޓުނެވެ.

"ލުގަލްއަށް އެނގޭނެ ދާރިއުސް" އީޝަލް ނިކަން ފަސޭހައިން ބުނެލިއެވެ. ރައުލް މާނަކުރި ގޮތް އީޝަލްއަށް ނުވިސްނޭކަން އެނގިހުރެ ވެސް އިތުރަށް ރައުލް އެކަމާ ގުޅުވާ އެއްޗެއް ނުބުންޏެވެ. އޮއްސެމުންދިޔަ އިރުގެ އަލިން ޖަރީކުރަމުންދިޔަ އުޑާއި ސަޠުޙަށް އެކުލަތަކުގެ ހިޔަނިއެޅި އުފެދެމުންދިޔަ ގުދުރަތީ ރީތީ މަންޒަރަށް ނަޒަރު ހުއްޓާލައިގެން ރައުލް ހުރި ގޮތަށް ހުރީއެވެ. އޭނާއަށް ބަލާލާފައި އީޝަލް ވެސް އިރޮއްސެމުންދިޔަ މަންޒަރު ބަލަން ހިމޭންވެފައި ހުއްޓެވެ.

ބިންގަނޑަށް އަރައިގެން ދިޔަ ލޮޅުމާއެކު އީޝަލް އެނބުރިލީ ބިޔަ އެއްޗެއް އެ ދިމާއަށް އަންނަކަން އެނގިގެންނެވެ. އެހިނދު ލޮލުގެ ހިމަކޮޅުން ކަހަލަ ގޮތަކަށް މޫދަށް ފުންމާލި ރައުލް އީޝަލްއަށް ފެނުނެވެ. ހަރަކާތް އަވަސްކަމުން ރައުލް ފުންމާލިކަން ފާހަގަވީ ހަމަ ކިރިޔާއެވެ. ކަކޫތާފެނަށް ރައުލް އެރެންޖެހުނު ސަބަބު އެނގުނީ އީޝަލްއަށް އެނބުރިލެވުމުންނެވެ. އޭރު ލުގަލްބަންދާ އައިސް އީޝަލްގެ ދާދި ގާތުގައި މަޑުކޮށްލައިފިއެވެ.

"ލުގަލް... މިތާ ކީއްކުރަނީ..." ހައިރާންވެފައި އީޝަލްއަށް އަހާލެވުނެވެ. އެހެންނަމަވެސް ލުގަލްބަންދާގެ ސަމާލުކަން ހުރީ ރައުލްއަށް ހުއްޓިފައެވެ. އޭނާ ހަރަކާތެއްކޮށްނުލާ ލުގަލްބަންދާއަށް ބަލަން ހުރިއިރު އެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ނަމަވެސް ލުގަލްބަންދާ ހީވަނީ ރުޅިއައިސް ރަތްވެފައި އޮތްހެނެވެ. ބިންގަނޑުގައި ކުރީ ދެއަތް އުފުލާލައި ޖަހާލުމާއެކު ކުރިއަށް ޖެހިލައެވެ. ނަމަވެސް ލޮނުގަނޑުގައި ޖެހިދާނޭތީ ލުގަލްބަންދާ ސަމާލުވާކަން އޭގެ ހަރަކާތުން އީޝަލް ދެނެގަތެވެ.

"ލުގަލް... ކިހިނެއްތަވީ؟ ލުގަލް... ވީގޮތެއް ބުނެބަލަ؟ އަހަރެންގެ އަޑު އެބައިވޭތަ؟ ލު.ގަ.ލް.ބަ.ން.ދާ..." އީޝަލް އެންމެފަހުން ހަޅޭލަވައިގަތެވެ. އަދި ލުގަލްބަންދާގެ މައްޗަށް ދިއްވެފައި ހުރި ބޮޑު ދެ ދަޅުގައި އޭނާ ހިފިއެވެ. އެއާއެކު ވަގުތުން ލުގަލްބަންދާ މައިތިރިވެއްޖެއެވެ.

"ހިނގާދާން... ހިނގާދާން... ހަމަމިހާރު... އީޝަލް... ގެއަށް ހިނގާ" ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން ލުގަލްބަންދާ ބުނީ ހަމައެކަނި އީޝަލްއަށް އިވޭނޭހެނެވެ.

"އެއީ ޒިޔަޒެލްގެ މެހެމާނެކޭ" އޮޅުންފިލުވައިދިނުމުގެ ނިޔަތުގައި އީޝަލް ބުންޏެވެ. ނަމަވެސް ލުގަލްބަންދާ އެއްގޮތަކަށް ވެސް އެކަމާ ގަޔައެއްނުވިއެވެ. އޭގެ ކަރުބުޑުން ހިތްހަމަނުޖެހޭކަމުގެ އަޑެއްލައްވާލުމާއެކު ދެފަރާތަށް ބޯތަޅުވާލިއެވެ. އީޝަލް މަޑުމަޑުން ލުގަލްބަންދާގެ ދެ ދަޅުން ދޫކޮށްލިއެވެ.

"ރައުލް... އަހަރެމެން މިދަނީ ގެއަށް، މިހާރު އިރު ވެސް އޮއްސުނީއެއްނު" އީޝަލް ބުނެލިއެވެ. ނަމަވެސް ރައުލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާގެ ނަޒަރު އީޝަލްއަށް ހުއްޓިފައި ހުރުމުން އީޝަލް މަޑުކޮށްލިއެވެ. އެވަގުތު ލުގަލްބަންދާގެ އަނގައިން އީޝަލްގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމާލިއެވެ. އީޝަލް ހިނގައިގަތީ ދެނެވެ.

"ކިހިނެއްތަ ލުގަލް މިއަދު ތިއުޅުނީ، އަހަރެން ވެސް ބިރުގަތޭ... އެހާ ބާރަށް އައީ އެތަނުގައި ރައުލް ހުރިކަން އެނގޭތީތަ؟ ޒިޔަޒެލް ނުބުނޭތަ، އަހަރެން ދިޔައީ ޒިޔަޒެލް ގާތުން ހުއްދަ ހޯދައިގެންނޭ" ގެއަށް ވަދެގެން އައިސް އީޝަލް އޭނާގެ ކޮޓަރި ކައިރީ މަޑުކޮށްލުމާއެކު ލުގަލްބަންދާއާ ކުރިމަތިލިއެވެ.

ލުގަލްބަންދާ އަނގައިން ނުބުނެ އިނީ އޭނާ އަތުގައި އީޝަލްއަށް ދޭނޭ ޖަވާބެއް ނެތިގެންނެއްނޫނެވެ. އެހެންނަމަވެސް އޭނާގެ ވާހަކަތަކުން ނުކުމެދާނޭ ނަތީޖާއަކާމެދު ބިރުގަންނާތީއެވެ. ގެއަށް އާދެވުމާއެކު ރައުލްގެ ވަސް ލުގަލްބަންދާގެ ނޭފަތުގައި ޖެހުމުން އޭނާގެ ބުއްދިއަށް އަސަރު ކުރީއެވެ. އިތުރަށް ގޯސްވީ އީޝަލްވީ ރައުލްއާއެކު ތުނޑިއަށް ގޮސްފައިކަން ޒިޔަޒެލް ހާމަކުރުމުންނެވެ. ކިޔަމަންތެރިވާން ބޭނުންވިޔަސް އޭނާއަށް ހުއްދަ ލިބުމުގެ ކުރީން އީޝަލް ހުރި ތަނަކަށް ދިއުމަށް ދުއްވައިގަނެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އީޝަލް ނުރުހޭކަމެއް ކުރަން ލުގަލްބަންދާ ދުވަހަކުވެސް ހިތަކުނުލާނެއެވެ. މަޑުމަޑުން ދެފައި މައްޗަށް ތިރިވެ އިށީންނަމުން އީޝަލްގެ ކަނާތުގައި ލުގަލްބަންދާ ނިތްކުރި ޖައްސާލީ އިސްޖަހާލަމުންނެވެ.

"އީޝަލް... އީޝަލް..." ލުގަލްބަންދާގެ އަޑު ޖެހުމުން އީޝަލް ބަލާލިއެވެ. އެ އަޑުގައި ހިތަށް ބާރުފޯރުވާ ކަހަލަ އަސަރެއް ހުންނަންވީ ކީއްވެކަމެއް އީޝަލްއަކަށް ނޭނގެއެވެ. އެހެންވިޔަސް ލުގަލްބަންދާ ގޮވާލިގޮތުން އީޝަލްގެ ހިތްހަމަނުޖެހުން ފިލައިފިއެވެ.

"ރުޅިކޮންޓްރޯލު ކުރަންވާނެ، ރައުލް ކަންތައްކުރި ގޮތުން ލުގަލް ކަންބޮޑުވީކަން އެނގޭ، އެކަމަކު އޭނާ އަހަރެންގެ ގާތުން މަޢާފަށް އެދެފި، ލުގަލް... އޭނާ އައީ ޒިޔަޒެލްއާ ބައްދަލުކުރަން... މިރޭގެ ކެއުމުގައި އެ މީހުން ބައިވެރިވާނޭކަން ޒިޔަޒެލްވަނީ އަންގާފައި، މެހެމާނުންނާ ދޭތެރޭ ގޯސްކޮށް ހިތާކަށްނުވާނެއެއްނު، މަޢާފަށް އެދުމުން މަޢާފުނުކުރާހާ އަހަރެންގެ ހިތް ހިލައެއްނޫން، އޭނާގެ ފުށުން ނުބައިކަމެއް އަދި ނުފޯރާ... ލުގަލް ކަންބޮޑުވާކަށް ނުޖެހޭނެ" ލުގަލްބަންދާގެ ބޮލުގައި ފިރުމަމުން އީޝަލް ވާހަކަދެއްކިއެވެ. އީޝަލްގެ މަޑު އަތްތިލައިގެ ހިމަދިގު އިނގިލިތަކުގެ ފިރުމުން ބޮލުގެ ދިގު ކެހެރިގަނޑުގެ ތެރެއިން އިޙްސާސްވުމުން ލުގަލްބަންދާ ލޯ މަރާލިއެވެ.

"އީޝަލް... ހިތެއް ނޭނގޭނެ އެކަކުގެވެސް... މީހުން ދަސްނުވަނީ އެހެންވެ، އިތުބާރު ނުކުރެވެނީ އެހެންވެ، އޭނާގެ ގަސްދަކީ ކޮބައިކަމެއް ނޭނގެ" އީޝަލްއަށް ބަލާލަމުން ލުގަލްބަންދާ މިފަހަރު ވެސް ވާހަކަދެއްކީ ސީދާ އީޝަލްއަށެވެ. އެ އަޑު އިތުރު އެކަކަށް ވެސް ނީވެއެވެ.

"އަހަރެން ލުގަލްއަށް ފުރިހަމަ އިތުބާރުކުރަން، ކޮންމެހާލެއްގައި ވިޔަސް އަހަރެން ރައްކާތެރިކޮށްދޭނެކަން އެނގޭ" އީޝަލް ހިނިތުންވެލިއެވެ. އެ ހިނިތުންވުން ލުގަލްބަންދާގެ ހުރިހާ ނުތަނަވަސްކަމެއް ފިލުވާލަދީފިއެވެ. މަޑުމަޑުން ބޯޖަހާލީ އީޝަލްގެ ބުނުމަށް ބާރުދޭށެއެވެ.

* * * * *

ކަށިމަލެއް އަތަށް ލައިގެން ރައުލް އިނީ ބެރެބެދިގަސް ކައިރީ ވީރާނާވެފައި ހުރި ގަސްބުޑެއްގައި އިށީނދެއެވެ. ކަށިމަލަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ލޮލަށް އެ މަލުގެ ތެރެއިން ސިފަވަނީ އެންމެ ސޫރައެކެވެ. ލޯމަރާލަމުން ނިތްކުރީގައި ވައަތްތިލަ ޖައްސާލި ގޮތުން ހީވަނީ އެ ޚިޔާލުތަކާއި ދުރުވާން ބޭނުންވަނީ ހެނެވެ.

"އަހަރެމެންނާއެކު ނައިސް މިތާ ގަސްބުޑަށް ޖެހިފައި ތިއިނިއްޔޯ" އިވުނީ ރާވިންގެ އަޑެވެ. އިސްއުފުލައި އޭނާއަށް ރައުލް ބަލާލިއެވެ. ޝައުގުވެރިކަން ކުޑަގޮތަކަށް އޭނާ އަނެއްކާ ވެސް މަލަށް ނަޒަރު ހުއްޓާލިއެވެ.

"ތި މަލަށް ކޮންހާވަރެއް ތި ބާލަނީ" މަލުގެ ބައިތަށް ވަކިކުރަން ފެށުމުން ރާވިން ބުންޏެވެ.

"ކޮބާ އީޝަލް؟ އެބައުޅޭތަ؟" އެ މީހުންގެ ތެރޭގައި ހުރި ދާރިއުސް އަހާލިއެވެ. އެއާއެކު ހޫންލައްވާލަމުން ރައުލް ބޯޖަހާލިއެވެ.

"ރައުލް" ސޭމެސް ގޮވާލިއެވެ.

"ޒިޔަޒެލް އެބަ ނުކުމޭ މަޣްރިބު ނަމާދަށް، ގޭތެރޭގައި އެ ހައިވާނު އެބައޮތް" ފަރުވާކުޑަ ގޮތަކަށް ރައުލް ބުނެލިއެވެ.

"އެއީ ލުގަލް... އީޝަލް ހިތްހަމައެއްނުޖެހޭނެ ތިހެން ބުނީމަ، ކޮންމެ އެއްޗަކަށް ވެސް ނަމެއްވޭ، ލުގަލްގެ ނަމުން ދެން ކިޔާނީ، އަންނާނަން އީޝަލް ފެނޭތޯ ބަލާލާފައި، ލުގަލް ވެސް އުޅޭ ގަޑިއަކާ މިދިމާވީ" އީޝަލްއާ ބައްދަލުކުރަން ބޭނުންވެފައި ހުރި ދާއިރުސް ބުނެލިއެވެ.

(ނުނިމޭ)