ޝައިހް ހަސީނާ

ހަމަނުޖެހުމުގެ ތެރޭގައި ބަންގްލަދޭޝްގައި ވޯޓުލުން ފަށައިފި

Dec 30, 2018

ޑާކާ (ޑިސެމްބަރު 30) - ހަމަނުޖެހުމާއި ތުހުމަތުތަކުގެ ތެރޭގައި، ބަންގަލްދޭޝްގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ޕާލަމަންޓު އިންތިހާބާއި ދިމާކޮށް އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ކަމުގެ ތުހުމަތު ކުރެވޭއިރު، 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލެވޭ އިންތިހާބުގައި، 600،000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިހާރުގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ، ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަމަށް ބެލެވެ އެވެ. އެކަމަނާގެ އެންމެ ބޮޑު ވާދަވެރިޔާ، ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާއަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އިންތިހާބުގައި ވާދަ ކުރެއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ ފަހުން، އޮކްޓޯބަރު މަހު އިތުރު ކޮރަޕްޝަންގެ ދައުވާ އެއް ސާބިތުވެ އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އެކަމަނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.

އިންތިހާބާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 12 ވަރަކަށް މީހުން މަރުވެފައިވާއިރު، އިތުރު ހަމަނުޖެހުންތަކެއް ހިނގައިފާނެތީ، ގިނަ ބަޔަކު ވޯޓުލާން ނުނިކުންނާނެ ކަމަށް ބެލެވެ އެވެ.

ދޮގު ހަބަރު ފެތުރުމާއި، ހަމަނުޖެހުން އުފައްދަން ޖާގަ ނުދިނުމަށްކަމަށް ބުނެ، އެ ގައުމުގައި މޮބައިލްތައް މެދުވެރިކޮށް އިންޓަނެޓަށް ވަދެވޭ ހިދުމަތްވަނީ ކަމާބެހޭ އިދާރަތާކުން ކަނޑާލައިފަ އެވެ.