ދުނިޔެ

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ހަސީނާއަށް ހަމަލާދިން މީހުން މަރަން ހުކުމް ކޮށްފި

މީގެ 24 އަހަރުކުރިން ބަންގްލަދޭޝްގެ މިހާރުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ އަވާހަރަކޮށްލަން މަސައްކަތް ކުރި ނުވަ މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

އޭރު އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނަވަނިކޮށް ހަސީނާ އަވާހަރަކޮށްލަން މަސައްކަތް ކޮށްފައިވަނީ، ރޭލެއްގައި ދަތުރު ކުރަމުން ދަނިކޮށް 1994 ވަނަ އަހަރު އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހަކު މަރަން ހުކުމް ކުރިއިރު 25 މީހަކު އުމުރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މި ހުކުމަށް ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީން ވަނީ ފާޑު ކިޔައިފަ އެވެ. އެގޮތުން ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ ޖެނެރަލް މިޒްރާ ފަކޫރުލް އިސްލާމް ވިދާޅުވީ، ކޯޓުގައި ޝަރީއަތް ދިޔައީ ހުދު މުހުތާރުކޮށް ކަމަށެވެ. އަދި ހުކުމްތައް އިއްވާފައިވަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.

އިދިކޮޅު ޕާޓީގެ ފާޑު ކިޔުމަށް ސަރުކާރުން އަދި ރައްދު ދީފައެއް ނުވެ އެވެ. އެހެންނަމަވެސް އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، 24 އަހަރަށްފަހު މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ހުކުމް ކުރެވި އިންސާފު ލިބިގެން ދިއުމުން އުފާކުރާ ކަމަށެވެ.

ހަސީނާ އަށް ހަމަލާދީފައިވަނީ އެކަމަނާ ރޭލެއްގައި ދަތުރުކޮށްފައި ދަނިކޮށް ހަނގުރާމަވެރި ހަތިޔާރު ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ހަސީނާއަށް އަނިޔާވެފައި ނުވާއިރު، އެއިން ދަތުރު ކުރަމުން ދިޔަ އެހެން މީހުނަށް ވަނީ އަނިޔާވެފަ އެވެ.