ދުނިޔެ

ވޯޓުދިން ގޮތުން ބަންގްލަދޭޝްގެ އަންހެނަކު ރޭޕުކޮށްލައިފި

Jan 7, 2019

ޑާކާ (ޖެނުއަރީ 6) - ބަންގްލަދޭޝްގައި ނިމިދިޔަ އާންމު އިންތިހާބުގައި އިދިކޮޅު ޕާޓީއަށް ވޯޓުލީ އަންހެނަކު، ވެރިކަންކުރާ ޕާޓީގެ ސަޕޯޓަރުންތަކެއްވެގެން ރޭޕުކުރި މައްސަލައެއް ހޫނުވެއްޖެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ، އެ ސަރަހައްދުގައި ވެރިކަންކުރާ އަވާމީ ލީގު (އޭއެލް) ޕާޓީގެ އިސް އެކްޓިވިސްޓެއްގެ އިތުރުން ހަ މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

އެ ހަމަލާގެ ޝިކާރައަކަށްވި، ހަތަރު ކުދިންގެ މަންމަ ތުހުމަތުކުރާ ގޮތުގައި، އޭނާ ރޭޕުކޮށްފައިވަނީ އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓު ދިނުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

އެ އަންހެން މީހާގެ ފިރިމީހާ ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން، ބަޔަކު އެގޭގެ ތެރެއަށް ގަދަކަމުން ވަދެ، ބިރުދެއްކުމަށްފަހު އޭނާއާއި އެ ދެމަފިރިންގެ ހަތަރު ކުދިން ބަނުމަށްފަހު، އޭނާގެ އަނބިމީހާ ރޭޕުކޮށްފައިވާކަމަށެވެ. ވޯޓުލީ ދުވަހު، އިދިކޮޅަށް ވޯޓު ދިނުމަށް އެ ހަމަލާގައި ބައިވެރިވި މީހުން އިންޒާރުދިން ކަމަށް، އެ އަންހެންމީހާ ބަންގްލަދޭޝްގެ ބައެއް މީޑިއާތަކަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، އޭއެލްގެ އެކްޓިވިސްޓު މިހާރުވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އެކަމާއި ގުޅިގެން، އިދިކޮޅު ޕާޓީތަކުން އިސްވެ މުޒާހާރާތަކަށް ނުކުމެފައިވާއިރު، ވެރިކަންކުރާ ޕާޓީން އެ އަންހެންމީހާގެ ކިބައިން މައާފަށް އެދުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މިދިޔަ ހަފްތާގައި ބޭއްވުނު އިންތިހާބުގައި، ބަންގްލަދޭޝްގައި ވެރިކަން ކުރާ ޕާޓީން ބޮޑު ތަފާތަކުން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް، ހަތަރު ވަނަ ދައުރަކަށް މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ހޮވިވަޑައިގެންފަ އެވެ.

ހަމަނުޖެހުމާއި ތުހުމަތުތަކުގެ ތެރޭގައި، ބަންގަލްދޭޝްގައި އާދީއްތަ ދުވަހު ވޯޓުލާފައިވަނީ، 300 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށެވެ. އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނަތީޖާ އިއުލާނުކޮށްފައިވާ 298 ގޮނޑީގެ ތެރެއިން 287 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޝެއިޚް ހަސީނާގެ ޕާޓީންނެވެ.

ނަމަވެސް، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ބުނަނީ ގިނަ ވޯޓު ފޮށިތަކަށް ދުރާލާ ވޯޓު އަޅައި މުޅި އިންތިހާބު އޮޅުވާލާފައިވާ ކަމަށެވެ.