ދުނިޔެ

މިސްރުގެ ޓޫރިސްޓު ބަސް ހަމަލާގެ ރައްދުގައި 40 ހަނގުރާމަވެރިން މަރާލައިފި

Dec 30, 2018

ގާހިރާ (ޑިސެމްބަރު 29) - މިސްރުގެ ޕިރަމިޑްތަކުގެ ކައިރިން، ޓޫރިސްޓު ބަހަކަށް ދިން ހަމަލާގެ ރައްދުގައި، 40 ހަނގުރާމަވެރިން މަރާލާފައިވާކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އެ އިދާރާއިން ބުނިގޮތުގައި، އެ ހަނގުރާމަވެރިން މަރާލާފައިވަނީ، ގީޒާގެ އިތުރުން ސިނާއީ ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަނެއްގައި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ކަމަށެވެ.

ހުކުރު ދުވަހު ޓޫރިސްޓު ބަހަކަށް ދިން ބޮމުގެ ހަމަލާގައި، ތިން ވިއެޓަނާމްގެ ޓޫރިސްޓުންގެ އިތުރުން އެމީހުންގެ ގައިޑުވެސް ވަނީ މަރުވެފަ އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލު ޕިރަމިޑްތަކުގެ ކައިރިން ދިން ހަމާލާގައި އިތުރު 11 މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.

އޭގެ ފަހުން، މިދިޔަ މާޗު މަހު ސީސީ ވަނީ އަލުން އިތުރު ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.