ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހި ބޭސްވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނަން: ރައީސް

ދިވެހި ބޭސްވެރިކަން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ހަކީމީ ބޭސްވެރިކަން މިހާރަ ވަނީ އެހެން ހަރަފަތަކަށް ތަރައްގީވެފައިވާ ކަމަށާއި، އެހެން ކަމުން ދިވެހި ބޭސްވެރިކަންވެސް ޒަމީނީ ފަސޭހަތަކާއެކު ތަރައްގީ ކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅަކު އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅަކު އެބަ ތިއްބެވެ. އެ ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކޮށް އޯލްޓަނޭޓިވް ބޭސްވެރިކަން ކުރިއަރުވަން ކުރެވެން ހުރި ކަންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މި ބޭސްވެރިކަން ވަނީ އެހެން ހަރަފަތަކަށް ދަތުރު ކޮށްފަ އެހެންކަމުން ދިވެހި ބޭސްވެރިކަންވެސް މިހާރު ދިރުން ހޯދަން ޖެހޭނީ ޒަމާނީ ވަސީލަަތާއި، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބައްޔަކަށް ފަރުވާކުރަން ދާއިރު އެއްވެސް މީހަކު ޕްރްފެޝަނަލް ނޫން މީހެއްގެ ގާތަށް ފަރުވާ ހޯދަން ނުދާނެ ކަމަށެވެ. އެހެންކަމުން، ދިވެހި ބޭސްވެރިކަން ހެލްތް މިނިސްޓިރީގެ ބެލުމުގެ ދަށަށް ގެނެސް ދިވެހި ބޭސްވެރިކަމުގެ ހިދުމަތް ލިބިގަންނަ މީހުންގެ އަދަދާއި އެ ހިދުމަތުން ނުކުންނަށް ނަތިއްޖާ ވެސް ބަލަންޖެހޭ ކަމަށެވެ.

"ބޭސްވެރިކަމަކީ އިންސާނާގެ ސިއްހަތާއި ގުޅިފައިވާ ކަމެއް، އެހެންވުމުން ދިވެހި ބޭސްވެރިކަން ވިޔަސް ޕްރެފެޝަނަލް ނޫން މީހެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން، ބޭސްވެރިކަން ވިޔަސް ކުރަން ވަނީ އުގެނި ދަސްކޮށްގެން އެހެން ކަމުން މިދާއިރާއަކީ ވެސް ސިއްހީ ނިޒާމުގެ ތެރެއިން ތަރުތީބު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވިލާތު ގައުމުތަކުގެ ބޭސްވެރިކަން ކުރާ ގޮތް ކިތަންމެ ބަދަލުވެފައިވީ ނަމަވެސް ހަކީމީ އަދި އޯލްޓަނޭޓިވް ބޭސްވެރިކަން އެއިން އެއްވެސް ގައުމަކުން ދޫނުކޮށް ހަކީމީ ބޭސްވެރިކަން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކުރިއަރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.