ހަބަރު

އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ފްލެޓްތައް ނިމޭނެ

Dec 30, 2018
13

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ ފްލެޓްތަކުގެ މަސައްކަތް ނިމި އެތަނުގެ ހައްގުވެރި ފަރާތްތަކަށް ވަދެވޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ހިޔާ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީއިން ހައުސިންއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުން ނުގަވާއިދުން ފްލެޓް ދީފައިވާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަށް ކޮމިޓީއެއް އުފައްދަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކޮމިޓީން ކަންކަން ބަލައި އެހާތަނަށް ލަފާދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އެއަށްފަހުގައި ދެން އަޅުގަނޑުމެން އިއުލާން ކުރަން ޖެހިއްޖެނަމަ އިއުލާން ކުރާނީ، އެއްވެސް މަސައްކަތެއް ފިޒިކަލީ ހުއްޓިގެން ނުދޭ، ކުރިއަށްއެބަދޭ، އަޅުގަނޑުމެން މި ބަލަނީ ނޮވެމްބަރު މަހާއި ހަމައަށް މަސައްކަތް ނިމިގެންދާނެ ކަމަށް، އަދި އެހާތަނަށް އަޅުގަނޑުމެން ކުރަންހުރި މަސައްކަތްތައްވެސް ނިމިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފްލެޓްތައް ދިނުމާއި ގުޅޭ ގޮތުން ގޮތް ނިންމާނީ ކޮމިޓީގެ ލަފަޔާއެކު ކަމަށެވެ. އެކޮމިޓީން ކަންކަން ނިންމައި ނޮވެމްބަރު މަހުގެ ކުރިން ހައްގުވެރި ފަރާތްތަކަށް ނުވަތަ ލިބެންޖެހޭ ފަރާތްތައް ކަނޑައެޅި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ އަހަރުގެ އޭޕްރީލް އަދި މޭ މަހުގެ ތެރޭގައި ނިމި ހައްގުވެރި ފަރާތްތަކަށް ވަދެވޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރާ 7000 ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތައްލިބޭ ފަރާތްތައް ކަނޑައަޅައި މިދިޔަ ސަރުކާރުން ވަނީ އެފަރާތްތަކަށް ލިޔުންވެސް ހަވާލުކޮށްފަ އެވެ. އަދި ލިޔުން ލިބިފައިވާ ފަރާތްތަކުގެ އަތުން ފްލެޓް އަތުލައިފިނަމަ އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.