ހަބަރު

ފްލެޓްތަކާމެދު ގޮތް ނިންމާނީ ކޮމިޓީގެ ލަފަޔަށް: މިނިސްޓަރު

ނުހައްގުން ފްލެޓް ދީފައިވާ ކަމަށާއި ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގޮތެއް ނިންމާނީ އެކަމަށްޓަަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުފައްދަވާފައިވާ ކޮމިޝަނުން އެކަންކަން ބަލައި އެކޮމިޝަންގެ ލަފާގެ މަތިން ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ފަސް މެމްބަރުން ހިމެނޭ އެކޮމިޓީގެ މަސްއޫލިއްޔަތަކީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއު، "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާ އެކު "ގުޅިފަޅު ހައުސިން ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމެވެ. މީގެ އިތުރުން ފްލެޓް ދިންގޮތާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ބަލައި ދިރަސާކުރުމަކީ ވެސް އެ ކޮމިޓީއިން ކުރާނެ މަސައްކަތެކެވެ.

ފުލެތު ދިންގޮތާ ބެހޭގޮތުން އާއްމުން ކުރަމުން ދިޔަ ޝަކުވާތަށް ބަލައި ތަހުގީގުކޮށް، ނުހައްގުން ފްލެޓް ލިބިފައިވާ މީހުން އަތުން ފުލެޓު އަބުރާ ހޯދައި ހައްގުވެރނިްނަށް ފުލެޓް އަބުރައި ދިނުމަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެ ކޮމިޓީ އިފެއްދުމަކީ ސަރުކާރުގެ އެންމެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރުމަށް އަމާޒުހިފާފައިވާ ކަމެއް ކަމަށާއި އެކޮމިޓީ އުފެއްދުމަށް ރައީސް އޮފީހަށް ރެކޮމެންޑް ކުރުމުން އުފައްދާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ އިތުރު މައުލޫމާތުތައް ކުރިއަށް އޮތް ދުދުވަހެއްގެ ތެރޭގައި ހާމަކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީކީ މި މިނިސްޓްރީގެ ދައުރު އިވެގެނެއް ނޫން، އެހެން ކަމުން އަޅުގަނޑުމެން ވަރަށް ކުލިއާވާންޖެހޭ އެކަމުގައި އަޅުގަނޑުމެން ދެން އިތުރު ދައުރެއް ނޯންނާނެކަން، އެބޭފުޅުން އެއްޗެއް އޮޅުން ފިލުވަން ބޭނުންވެއްޖެ ހާލަތެއްގައި ފިޔަވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތްތައް އަންނަ އަހަުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އެހާތަނަށްވާއިރު، ކޮމިޓީން ކަންކަންބަލައި ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"100 ދުވަހުގެ ޕްލެޖްގައި ވަރަށް ރީތިކޮށް އެބައޮތް ބުނެފަ، ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅުމާއި ހަމަހަމަ އުސޫލުން ފްލެތްތައް ދޫކުރުމުގެ ނިޒާމް ކަށަވަރު ކުރުން، އެހެންކަމަށް ވަންޏާ ކޮމިޓީން ދެއްވާނެ އަޅުގަނޑުމެންނަށް ރިކޮމެންޑޭޝަން، އަޅަންވީ ފިޔަވަޅުގެ ރިކޮމެންޑޭޝަން، އެކޮމިޓީން އަންގަވާ ގޮތަކަށް އަޅުގަނޑުމެން އަމަލު ކުރަމުންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފުލެޓްތަށް ދީފައިވާ ގޮތުގެ ސަބަބުން އޭރުގެ ސަރުކާރަށް ވަނީ ވަރަށް ބޮނޑަށް ފާޑު ކިޔާފައެވެ. ހާއްސަކޮށް އޭރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް ވަނީ އާއްމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑު ކިިޔުމާއި ކޮރަޕްޝަންގެ ތުހުމަތު އަމާޒު ވެފަ އެވެ. މުއިއްޒު ވަނީ ފްލެޓްތައް ދިނުމުގައި ކޮރަޕްޝަން އެކުނުލެވޭނެ ކަމަށާއި އެކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށްވެސް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވެފަ އެވެ.