ވާހަކަ

ބޭނުންވަނީ ޔާރާ

(26 ޑިސެމްބަރ 2018 އާ ގުޅޭ)

"ވަރިހަމަ.........ޔޫ އަރ މައި ލަވިންގ ހަޒްބަންޑު އެއްނު.......ވާނެގޮތެއް ވެދާނެ އެއްނު.......ހެ ހެ ހެ ހެ ހެ...." ޒާރާވެސް ލާނެތް ގޮތަކަށް ޖަވާބު ދާރީވިއެވެ.

* * * * *

"ހެލޯ.....ތިއްތޭ.........ހާދަ ސްލޯއޭ........އަޑެއްވެސް ނާދޭ" ސްކައިޕް މެދުވެރިކޮށް ހެޑްފޯނުން ވާހަކަ ދައްކަމުން ދިޔަ މަންހާ ކޮމްޕިއުޓަރ ސްކްރީނުން ފެންނަމުން ދިޔަ ޝަރަޕްއަށް ބުނެލިއެވެ.

"ޗެކް...ވަން...ޓޫ..ޗެކް...ޕްރިންސަސް.....ޗެކް.....ލޭޑީ ގަގާ...ޗެކް..." ޝަރަޕް ވާހަކަދައްކަމުންދިޔައެވެ.

"އޯކޭ...އޯކޭ....ދެން އިތުރަށް ޗެކް ނުކުރިޔަސް އޯކޭ އޭ، ހެ ހެ ހެ.......މިހާރު ތިއްތޭގެ އަޑު މަންކޮއަށް އެބައިވެޔޭ، ވީޑިއޯވެސް ސާފުކޮށް އެބަ ފެނޭ......." މަންހާ ހެމުން ހެމުން ބުނެލިއެވެ.

"ހޭ ބްރޯ.......ހާދަ ފަލައޭ....." މަންހާގެ ފަހަތުން ގުދުވެ އޮތް ޝިމާދު ޝަރަފް އާއި ދިމާކޮއްލިއެވެ.

މަންހާއަށް ޝަރަފް ފެނުމުންވެސް އެމޫނުމައްޗަށް ކުޑަހިނދުކޮޅަކަށްވިޔަސް ހިނިތުންވުން ވެރިވިކަން ޝިމާދުއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެދެކޮއްކޮގެ ގާތްކަމާއިމެދު އޭނަގެ ހިތުގައި ބުރަކަމެއްނެތެވެ. މަންހާ އާއި އޭނަގެ އުމުރާއި ދޭތެރޭވެސް ބޮޑު ފަރަގެއް ހުރުމާއިއެކު ޝަރަފްފަދައިން އޭނައަކީ އަބަދާ އަބަދު މަންހާގެ ފަހަތުން ދުވެ ސަކަރާތްޖަހާ މީހެއްނޫނެވެ.

ޗުއްޓީގެ ފުރަތަމަ ހަފްތާ ނިމެންވާއިރަށް މަންހާގެ އާއިލާ ދިޔައީ ފުރުމަށް ތައްޔާރުވަމުންނެވެ. މާލެން ދަމުން މާގިނަ އެއްޗެހިތަކެއް ގެންދާކަށް ވަސީމާ ގަބޫލެއްނުވިއެވެ. އޭނަގެ ސިކުނޑީގައި ޗުއްޓީގެ އިތުރުން ބާޒާރުކޮއްލުމުގެ ހިޔާލުވެސް ވީމައެވެ. މެލޭޝިޔާއިން މާލެ އަންނައިރު ގެންނަށް ފުދޭވަރަކަށް ސާމާނު ހުންނާނެތީއެވެ. މަންހާއަށް ވަސީމާގެ ފަސްބައިން ނެއްޓޭނެ ވަގުތެއް ނުލިބުނެވެ. އިރުއިރުކޮޅާ ކޮންމެވެސް ކަމަކު ވަސީމާ މަންހާއަށް ގޮވާ އޭނަގެ ގާތަށް ގެންނާނެއެވެ.

"ދޮންބޭ...ދޮން...ހިނގާބަލަ ބޭރަށް ނުކުމެލަން" މަންހާ ޝިމާދުގެ ގާތުގައި އެދުނެވެ.

"އަނެއްކާ ކިހިނެތްވީ، ކަމަކުތަ......ތަނަކަށްދާންވީތަ" އަތުކުރީ އަޅަން ގެންގުޅުނު ގަޑިއަތަށް ލައިގެން ހުރި ޝިމާދު އަހާލިއެވެ.

"މި މަންމަ އާއި ހެދި.........ދުވަހަކު ކަމުދާ ހެދުމެއް މަންކޮއަކަށް ފޮއްޓަކަށް ނުލެވުނު.......ދެން މަންމަ ގާތު ބުނެފިން މަންމަ މަންކޮގެ ފޮށިވެސް ތައްޔާރުކޮއްދޭށޭ.........ހިނގާބަލަ ދޮން..........ސާފު ވައިކޮޅެއްވެސް ލިބޭތޯ" މަންހާ އެންމެ ފަހުން ބުނެލި ޖުމްލައަށް ކުޑަކޮށް ހީލަމުން ފައިވަން ހަރުގަނޑު ކައިރިއަށް ޖެހިލިއެވެ.

"ހެ ހެ ހެ ހެ......އާ އަވަހަށް ހިނގާ.....އެންމެފަހުން މަންމަގެ ކަންތަކާ ހުރެ ބޯގޮވީ ދޯ" ޝިމާދު މަންހާގެ ފަހަތުން ހިނގައިގަތެވެ.

ހަވީރުގެ ވަގުތުގައި ބޮޑުތަކުރުފާނުމަގުން ޝިމާދު ދުއްވަމުންދިޔަ ސައިކަލުގެ ފަހަތުގައި މަންހާއިނީ ކިތަންމެ ދުރުގައިވިޔަސް، ފެންނަފެނުމުގައި ހީވަނީ ޝިމާދު އާއި މަންހާއަކީ ހަވީރުގަޑިއަށް ބުރުޖަހަން ނުކުމެއުޅޭ ދެލޯބިވެރިންހެންނެވެ. މަންހާގެ އުމުރުން ހަގުކަމުގައިވިޔަސް އެހަށިގަނޑުގެ ބައްޓަންތައް ނުހަނު ހިތްގައިމެވެ. ރާއްޖޭގައި އުޅޭ އާމު ރީތި ދޮންކުދިންނާއި ތަފާތުކަމެއް ހުރީ މަންހާގެ ދިގު އިސްކޮޅެވެ.

"އޭ އޭ ޝިމާދު........ތިއޯ" ހާނިމް ސައިކަލުގައި އައިސް އެއްވަރުކޮއްލަމުން އަހާލިއެވެ.

"އަހަރެންގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ" ޝިމާދު ރަކި ފާޑަކަށް ހިނިއައިސްފައި ބުނެލިއެވެ.

"އެއީ ތެދެއް......" ހާނިމް މިފަހަރު އެހީ މަންހާގެ ގާތުންނެވެ. މަންހާ ނިތްއަރުވާލަމުން ބޯޖަހާލިއެވެ.

ޓްރެކް ސަރަހައްދުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާއި ހަމައަށް ހާނިމް ޝިމާދުމެންގެ ސައިކަލާ އެއްވަރަށް ދިޔައެވެ. އޭނަ ދުއްވަމުން ދިޔައީ ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް އަރުވައިގެންނެވެ. ހާނިމްއަކީ ޝިމާދުގެ އޮފީސް ރަޙުމަތްތެރިއެއްކަމާއި އަދި ހާނިމްގެ އުނގުގައި ސޭފްޓީ ބެލްޓު އަޅުވާފައި އިން ކުޑަކުއްޖަކީ ހާނިމްގެ ދަރިއެއްކަންވެސް މަންހާއަށް އެނގުނީ ޝިމާދު އާއި ހާނިމް ދައްކަމުން ދިޔަ ވާހަކައިންނެވެ.

"އޭ ދެން ފުރަނީ ދޯ......ވަރަށް ފަޅުވާނެ ވެރިޔާގެ އޮފީސް، ދެން ހުރި ޔާމިންއަކީ ޝިމާދުހާ ކޫލް ވެރިއެއްނޫންވިއްޔަ" ހާނިމް ބުނެލިއެވެ.

"ނޫނޭ އޭނަގެ ފާޑެއްގެ ރުޅިގަނޑެއް ހުއްޓަސް ޔާމިންވެސް ވަރަށް ކުޅަދާނަވާނެ އޮފީސް ހިންގަން" ޝިމާދު ގަސްދުގައި ޔާމީންއަށް ދެރަބަހެއް ރައްދުކުރަން ބޭނުންނުވީއެވެ.

"ދޮން.......އެއީ ދޮންބެމެން އޮފީސް މީހެއްތަ؟ ހާދަ ފޮނި ގޮތްގަނޑު އެބަހުއްޓޭ ދޯ" ހާނިމް އެމީހުންނާއި ވަކިވުމާއިއެކު މަންހާ ޝިމާދުއަށް ބުނެލިއެވެ.

"ހެ ހެ ހެ ހެ.....ތަފާތު ހިޔާލުތަކުގެ މީހުން އުޅޭނެ ދޯ، އެކަންތައްތައް ބޮޑަށް ފާހަގަ ކުރެވޭނީ މަސައްކަތުގެ ދާއިރާއަށް ނުކުތީމަ" ޝިމާދު ހިނިއައިސްފައި އިނދެ ބުނެލިއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލާއި ދިމާލަށް ދުއްވަމުން ދިޔައިރު ގަދަ އޮރެންޖުކުލައިގައި ދިއްލިފައި އިން އިރަށް ބަލާލަންވެސް ނުކެރެއެވެ. ލޯދަނީ ތަރަތަރަ ޖަހައިގެންނެވެ. ރަތްވިލާތަކަށް ބަލަން އިން މަންހާގެ ހިތަށް އެވިލާތަކުން ފެންނަމުން ދާ ކުލަތަށް ސިފަވަމުން ދިޔައީ ތަފާތު ގޮތަކަށެވެ. ފަނޑުހިނިތުންވުމަކާއިއެކު ހިމޭންވެފައި މަންހާއިންއިރު އެހިތާ ސިކުނޑީގައިވަނީ ދާއިންގެ ހިޔާލުތަކެވެ.

އެ އިރު އެދަނީ ކަނޑުގެ ސަތުޙަށް އޮއްސެމުންނެވެ. އެހެންނަމަވެސް ކޮންމެވެސް ބައެއްގެ ހަޔާތަށް އެއިރުގެ ރަން ދޯދިތަކުން އަލިކޮއްދީ އުފާ ހާސިލްކޮއްދީފައެވެ. އަލުން ބައްދަލު ކުރާނެކަމުގެ އުއްމީދު އާކޮއްދީފައެވެ. އެހެންނަމަވެސް އެ އިރު އޮއްސުމާއިއެކު ވެރިވެގެންދާ އަނދިރިކަމުގައި މާޔޫސްކަންވެރިކުރުވަނީ ކިތަންމީހުންގެ ހަޔާތަށް ހެއްޔެވެ. މާދަމާ ވާނެ ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ. މަންހާގެ ހާލަކީވެސް މިއެވެ. އަނދިރީގައި ފިލާހުރެގެން އެހިތުގެ ހާލު ބަޔާންކުރުން މިވަގުތަށް މާބުއްދިވެރިކަމަށް މަންހާދެކުނެވެ. އޭނައަށް ފާޅުގައި ދާއިންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަދިއެއްނެތެވެ. އެއަށްވުރެ އޭނަ ހުރިހާ ގޮތަކުންވެސް ބަލިކައްޓެވެ. މަންހާއަށް ދާއިން އެ ހަޔާތަށް އަންނާނެ އިރެއްގެ އިންތިޒާރު ކުރުން ނޫންގޮތެއް އަދި އޭނައަކަށް ނެތެވެ.

"ދެން ހިނގާ ގެއާ ދިމާލަށް ދަމާ ދޯ، މިހާރު އިރުވެސް އޮއްސެނީނު" ޝިމާދު ވެސްޓުޕާކު ކައިރިން ކަނާތަށް ސައިކަލު އަނބުރާލަމުން ބުނެލިއެވެ.

* * * * * * * * * * * *

"ދާންއަށް ހެލްޕްވާނެ ކުއްޖެއްއޮފީހަށްވައްދަންވީނު" ދާއިންގެ އަތުގައި ބޯއަޅާލައިގެން އޮތް ޒާރާ ބުނެލިއެވެ.

"ހޫމް....އެބަވިސްނަން ތިކަމާ، އެކަމަކު އެކްސްޕީރިއެންސް ނެއްތަނުގަ، މިދާއިރާ އިނގޭ ކުދިންވެސް މަދީ......މާލޭގަ މިކަން ކުރާ އަދި އެހާ ގިނަ ބަޔަކު ނެތަސް، މިހާރު އުޅޭ ކޮމްޕެނީތައް ވަރަށް ފުންނާބު އުސް، އެމީހުންގެ ސަބަބުން އަހަރުމެންގެ ފަރުމާތަށް ރީތިކަމުގައިވިޔަސް ޕްރޮޖެކްޓުތައް ލިބުންމަދު......ޓްރްސްޓު ނޯންނަނީ އައު ކޮމްޕެނީތަކަށް، ރިސްކު ނަގަންކެރޭ މީހުން ވަރަށް މަދު....އަދި ރަނގަޅުވާނެ......އެބަ ވިސްނަން ކޮމްޕެނީ ނޭމް މިގޭފާރުގައި ނަންބޯޑު ކައިރީ ހަރުކުރަން......އެވެސް މާކެޓެއްނު" ދާއިން އޭނަގެ މޭމަތީ އޮތް ޒާރާގެ އަތުގައި ފިރުމާލަ ފިރުމާލަ އޮވެގެން އޭނަގެ ވިޔަފާރީގެ ކުރިމަގާއި ދޭތެރޭ ވާހަކަ ދެއްކިއެވެ.

"ޒާގެ އެއްވެސް މައްސަލައެއްނެތް، މީ ދާންގެ ގެވިއްޔަ، ދާން ބޭނުންކަމެއް މިގެއަށް ކުރެވިދާނެއެއްނު........ދެން ޒާއަށްވެސް ހީވޭ އޮފީހުގެ ނަންބޯޑު ގޭގެ ބޭރުންފެންނަން އިނީމަވެސް މީހުންގެ ލޮލުގައި އަޅައިގަންނަލެއް ފަސޭހަވާނެހެން" ޒާރާ ބުނެލިއެވެ.

"މިފަހަރު ޒާއަށްޓަކައޭ އަހަރެން މެލޭޝިޔާއަށް މިދަނީ، އެހެންވީމަ މިހާރު ކުރިއަށްމިގެންދާ ޕްރޮޖެކްޓުވެސް ނިންމާލާނީ ނިއު އިޔާރ ޗުއްޓީއަށްފަހު......އެކަމަކު.........އެކަމަކު ބުނަން، ދެހަފްތާއަށްވުރެ ގިނަ ދުވަހަކު ނުހުރެވޭނެ، އެހެންވެޖެޔާ މަންމަމެންގާތު ޒާ ބަހައްޓާފަ އަހަރެން އަންނާނީ" ދާއިން ޒާރާގެ ދަތްދޮޅީކޮޅުގައި ހިފާ އޭނަގެ މޫނާ ދިމާލަށް އަނބުރާލަމުން ބުނެލިއެވެ.

"އޯކޭ، އޯކޭ....ޓޫ ވީކްސް އިޒް އިނަފްއޭ، ޒާ ކުޑަކޮށް ޝޮޕިންގ ކޮއްލިޔަސް އެއްމެ ރަނގަޅުދޯ......ޕްލީޒް" ޒާރާގެ އަސްލު މަގުޞަދު ދާއިންއަށް ހާމަކޮއްލިއެވެ. ދާއިން ހީލަމުން ބޯޖަހާލިއެވެ. އޭނައަށް މާކުރިންވެސް ޒާރާ ރާއްޖޭން ބޭރަށް ދެއްވިއްޖެޔާ ބާޒާރު ކުރާނެކަން އެނގެއެވެ. ޒާރާއަކީ އަބަދުވެސް ވަރަށް ފެށެނަށް ލޯބިކުރާ ކުއްޖެކެވެ. ހާއްސަގޮތެއްގައި ހުޅަނގުގެ ހެނދުންތަކަކީ އޭނަ އެންމެ ހާއްޞަކަމެއްދޭ ވައްތަރުތަކުގެ ހެދުމެވެ.

* * * * * * * * * * * *

"މަންމާ.........މަންމާ....މިހާރު އެއޮއްކާރުވެސް އައީ، އަޅުގަނޑު ކާރަށް މިއަރަނީ އިނގޭ" މަންހާ ކޮނޑުގައި އަޅުވާލާފައިވާ ދަބަސް ރަނގަޅުކޮއްލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހެނީ އޭރު އޭނަ ހުރީ ގޭގެ ދޮރުމަތީ މަގުމައްޗަށް ނުކުމެއެވެ. އޭރުވެސް ވަސީމާއަށް ތައްޔާރު ވެވުނު ކަމަކަށްނުވިއެވެ.

"ވަސީ.....މިހާރު ކޮންއިރެއް، ދެން ހިނގާބަލަ ދާން، ޓްރެޕިކް ކަންތަކާހެދި ކަންނޭގެ، ކާރު ޑްރައިވަރުވެސް ހާދަވަރަކަށް ބަރުގޮނު އަޅައިފިއޭ" ސަޢީދު ދެދަރިން ކައިރީ ބޭރުގައި ހުރެފައި ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.

"މިނިކުތީ އޭ......އަހަރެންވިއްޔަ ހުރިހާ ކަމެއް ކުރަން މިޖެހެނީ، އެހެންވީމަ އެންމެ ލަހުން ތައްޔާރުވެވޭނީވެސް މަށަކައްނު" ވަސީމާ ކުދިކިޔާ އުސޫލުން އެއްޗެއް ބުނެލަމުން ނުކުމެއްޖެވެ.

ކާރުގެ ޑިކީއަށް އެއްޗެހި އަޅާފައިވާ ދެފޮށިލެވުނީ ކިރިޔާއެވެ. އެވެސް ޑިކީގެ ދޮރު ރަނގަޅަށް ނުލެއްޕިއެވެ. އޭރު ކާރުގެ ފަހަތު ސީޓުގައި މަންހާ އާއި ވަސީމާ އާއިއެކު ޝިމާދުވެސް ހަމަޖެހިލައިފިއެވެ. ވަސީމާ އާއި ޝިމާދުގެ މެދުގައި އުނގަށް ކޮނޑުގައި އަޅުވަންގެންގުޅުނު ދަބަސްލައިގެން އިނީ މަންހާއެވެ. ކުރީ ސީޓު ޑްރައިވަރާ ޖެހިގެން އިނީ ސަޢީދުއެވެ.

"އަށް ނަންބަރު ޖެޓީއަށް" ސަޢީދު ޑުރައިވަރަށް ބަލާލަމުން ބުނެލިއެވެ.

"އަން ދަރިފުޅާ، ތި ދަބަހަށް ލާބަލަ" ވަސީމާގެ އަތުގައި އޮތް ތަޅުދަނޑިފަތި މަންހާއަށް ދިއްކޮއްލަމުން ބުނެލިއެވެ.

* * * * * * * * * * * *

"ދާން ކީއްވެތަ ލޯންޗު ހަމަނުޖެއްސީ، ގައިމު މިމީހުންތައް ގައިގަ ނޫގުޅި ތަންކޮޅެއް އަރާމުކޮށް ދެވުނީހެއްނު، އަހަރުމެންގެ އެފެންވަރު ނެތީކީ ނޫންވިއްޔަ" ޒާރާ ޝަކުވާކޮއްލިއެވެ.

"ޝްޝް..........ސާބަސް ޒާއަށް، ފެރީގަ ދިޔައީވިއްޔާ ކީއްތަވާނީ، މީހުންގެ ތެރޭގައި އުޅެންވެސްވާނެ، އެވެސް އަހަރުމެން ކަހަލަ އިންސާނުންނޭ، ކިހާ ހިތްފަސޭހަ، ބަލާބަލަ އެއޮތްއުޅޭ ކުޑަކުއްޖެއްވެސް" ދާއިން މަޑު މަޑުން ބުނެލިއެވެ.

"އެކަމަކުވެސް....ދެން........ނޭފަތަވެސް ކުޅަދާނަވަނީކީ ނޫންވިއްޔަ..." ޒާރާ ކުދިކިޔާލިއެވެ. ނަމަވެސް ދާއިން އަޑުއިވޭ ކަމަކަށް ނުހެދިއެވެ. އޭގެ ބަދަލުގައި ޒާރާ އޭނަ އާއި ގާތްކޮއްލަމުން ކުރިމަތިން ފެންނަން އޮތް ހުޅުލެއަށް ނަޒަރު ހިންގާލިއެވެ. ފެރީގައި ދަތުރުކޮއްލެވޭތީ ދާއިން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެނީ އޭނައަކީ އާދައިގެ ދިރިއުޅުމަށް ލޯބި ކުރާ މީހެކެވެ. މުއްސަނދިކަން ލިބިފައިވިޔަސް މީހުންގެ ތެރޭ އެކަން ދެއްކުމަކީ އޭނަ އެހާ ކުރާހިތްވާކަމެއް ނޫނެވެ. ނަމަވެސް އެފަދަ ކަންތައްތަކުގައި ޒާރާގެ ހިޔާލު މުޅިން ތަފާތެވެ. ޒާރާ އަބަދުވެސް ބޭނުންވަނީ ފަސޭހަކަމާއިއެކު ދިރިއުޅޭށެވެ.

ހުޅުލެއަށް ފެރީގާތް ކޮއްލުމާއިއެކު ޒާރާ އަވަސް އަވަހަށް ފައިބައިފިއެވެ. އެމަންޒަރު ފެނިފައި ދާއިންގެ ގާތަށް ހިނިވެސްއައެވެ. އަވިއްސެއްހެން ފެރީއިން ފައިބައިގެން ދިޔައިރު އޭނަ މީހެއްގެ ގައިގާ ނުޖެހިވޭތޯ ބެލިއެވެ. ދާއިންވެސް އޭނަގެ ފޮށި ހިފައިގެން ހިނގައިގަތީ ޒާރާގެ ގާތަށެވެ. ފެރީއިން ފޭބި ބައެއް މީހުން ޒާރާ އުޅޭގޮތުންނާ މޫނަށް ޖައްސަމުންދިޔަ ވައްތަރުތަކުން ބަލަމުންދިޔައެވެ.

* * * * * * * * * * * *

ހުޅުލެއަށް ފޭބުމާއިއެކު މަންހާގެ އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އަދި އަތުގައި އޮތް ޝޯލް ކަރުގައި އޮޅާލިއެވެ. ޝިމާދު އާއިއެކީ ޓާރމިނަލް އާއި ދިމާލަށް ހިނގައިގަތްއިރު އެކުދިންގެ ފަހަތުން ސަޢީދު އާއި ވަސީމާ އާދެއެވެ. އެއްފޮށި ދަމަމުން ޝިމާދު އައިއިރު އަނެއްފޮށި އޮތީ ސަޢީދު އަތުގައެވެ.

އެއަރޕޯޓްގެ އެކިތަންތަނަށް މަންހާ ނަޒަރު ހިންގަމުންދިޔައިރު ރޭގަނޑުގެ ވަގުތުގައި އެތަން ދިއްލާލާފައި ހުންނައިރު އަދި ވަކިން ރީތިކަން ފާހަގަކުރެވެއެވެ. ޔުނީފޯރމް އަޅައިގެން ތިބޭ މީހުން އެކިކޮޅު ކޮޅުގައި ހަރަކާތްތެރި ވާތަން ފެނެއެވެ. ޗެކިންއަށް ވަންނަން ބެލިއިރު ބޮޑު ކިއުއެއް އޮތެވެ. އެތަނުގައި ގިނައީ ބޭރު ދޮންމީހުންނެވެ. މަންހާމެންގެ އާއިލާވެސް ތިބީ ކިއުގައެވެ.

ޗެކިން ނިމި ބޯޑިންއަށް ގޮވާލަންދެން ވަސީމާ އުޅުނީ ޑިއުޓީ ފުރީ ފިހާރަތަކުގައެވެ. މަންހާ ގާތު ވަސީމާ އާއިއެކު އައުމަށް އެދުނީމަވެސް އޭނަ ބޭނުންވީ އެތަނުން ގޮނޑިއެއްގައި އިށީނދެލައިގެން އިންނަންށެވެ. މާލެ ދޫކޮށް ދާންވީމަ އޭނަގެ ހިތްއަވަސް ވަނީއެވެ. މިވަގުތު ދާއިން ވާނީ ކޮންތާކުބާއޭ އަދި އޭނަ މިވަގުތު ކުރަން ހުންނާނީ ކޮންކަމެއްބާއޭ މަންހާގެ ހިތަށް އެރިއެވެ. ދާއިން އޭނަގެ މަތިން ހަނދާން ކުރާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދާއިން މަންހާގެ މަތިން ހަނދާންކުރަންވީ ކީއްކުރަންހެއްޔެވެ. އޭނަ އަށް އަދި މަންހާއަކީ ކާކުކަން ނުވެސްއެނގެއެވެ. ދާއިން ފެނުނު ފުރަތަމަ ދުވަހުންފެށިގެން އޭނައަށް ހިތްދީގެން އުޅެނީ މަންހާއެވެ. ދާއިންއެއް ނޫނެވެ. އެހެން ހިތަށް އެރުމާއިއެކު މަންހާއަށް ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯހޫރުވާލެވުނެވެ. އެވަގުތު ޝިމާދު ކާއެއްޗެއް ހިފައިގެން އައިސް މަންހާގެ އަތަށް ދިއްކޮއްލިއެވެ.

"މީތިކޮޅު މަންހާ އާއި ވަރަށް ގުޅޭނެ ދޯ......." ވަސީމާ އަތުގައި އަޅާ އުޅާ ފާޑުގެ އެއްޗެއް ސަޢީދުއަށް ދައްކާލަމުން ބުނެލިއެވެ.

"މީތީ ކިހާވަރަކަށް....." ވަސީމާ އާއި އެތަނުގައި ހަމަ ވަސީމާ ބަލަމުން ދިޔައެއްޗެހި ބަލަން ހުރި އަންހެން ކުއްޖާއަށާއި އަގު އަހާލެވުނީ އެކުއެކީއެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލެވުނެވެ.

"ވަރަށް ރީތި ދޯ......." ވަސިމާ އޭނަގެ ކުރިމައްޗަށް ވާގޮތަށް ހުރި އަންހެން ކުއްޖާއަށް ބުނެލިއެވެ.

"އާ ވަރަށް ސަޅި، ހަމަ ފެނުމާއެކު ނަގާހިތްވީ........" އެއަންހެން ކުއްޖާ ވަރަށް ގަޔާވެލައިފައި ބުނެލިއެވެ. އެހެންނަމަވެސް ކަންތައް ދިމާވީ ވަރަށް ދެރަކޮށެވެ. އެތަނުގައި އޭގެ އިނީ އެންމެ އުޅާގަނޑެކެވެ. ވަސީމާވެސް، އެތަނުގައި ހުރި އަންހެން ކުއްޖާވެސް އޭތި ބޭނުންވެއެވެ. އެކަމަކު އެއަންހެން ކުއްޖާ މާވަރަކަށް ކިޔަން ފެނުމުން ވަސީމާ އެއުޅާ އެއަންހެން ކުއްޖާއަށް ދޫކޮއްލީއެވެ.

"ކޮންތާކަށް ފުރަން ތިއުޅެނީ" ވަސީމާ އަހާލިއެވެ. އެއަންހެން ކުއްޖާ އާއި ވަސީމާގެ ހިޔާލާ ވަރަށް ގުޅިއްޖެއެވެ. ދެމީހުން ޑިއުޓީ ފުރީ ފިހާރަތެރޭން ނުކުތީވެސް އެކީއެވެ. ވަސީމާއަށް އޭނަ އާއިއެކު އެތަނުގައި ހުރި ހުރިހާ ފިހާރައެއް ބަލާލަން ދާނެ ބައިވެރިއަކު ލިބުނީއެވެ.

"މީ ޒާރާ އެނގޭ، ޒާގެ ހަޒް މިތާ ކައިރީ އުޅުނު، ހީވަނީ މިހާރުވެސް އިންނާނީ ލެޕްޓޮޕް ހިފައިގެން އޭނަގެ މަސައްކަތުގަ ކަންނޭގެ........މިދަނީ ފިރިމީހާ މަންމަމެން ކައިރިއަށް ޖައްސާލަން" ޒާރާ ސެންޓު ފުޅިތަށް ބަލާލަން ވަންނަމުން ބުނެލިއެވެ.

"ކޮންތަނެއްގަ އެމީހުން ތިބެނީ" ވަސީމާ އަނެއްކާވެސް ސުވާލެއް ކޮއްލިއެވެ.

"ދާންގެ މަންމަ ހުންނަނީ މެލޭޝިޔާގަ، އޭނަގެ ދޮންބެގެ އާއިލާ އާއިއެކު، އެމީހުން ގެ ވިއްކާލާފަ އެކޮޅަށް އެއްކޮށް ބަދަލު ވެގެން އެއުޅެނީ.........ވަސީއަށް އެނގޭތަ ޒާއަށް އެތަން ރަނގަޅީ ޗުއްޓީއަށް ގޮސްލާ ޝޮޕިން ކޮއްލަން، މާލެ ދޫކޮއްލާފައެއް އެހެންތަނެއްގައެއް ދިރިއެއް ނޫޅެވޭނެ..........އެހެންނު ވަސީ" ޒާރާގެ ރާގުގައި ވަނީ ފޮނިގޮތެކެވެ.

"އެހެންތަ، މަވެސް މިދަނީ މެލޭޝިޔާ އަށޭ، ހަމަ ޗުއްޓީ ހޭދަ ކޮއްލާ ބާޒާރުކޮއްލަން ކަމަށް.......ޒާރާ ތިބުނީ ތެދެއް، މަގޭ ފިރިމީހާ ބުނީމަވެސް އެތަނަށް ބަދަލުނުވެ މިހުންނަނީ ހަމަ މާލެ ދޫކޮއްލަން ނުކެރިގެން......މި ލިބޭ ހިތްހަމަ ޖެހުމާ އަމިއްލަ ވަންތަކަމެއް އެތަންތަނަށް ދިޔައީމަ އިހްސާސެއް ނުކުރެވޭނެ" ވަސީމާ ބުނެލިއެވެ.

"ދެމަފިރިން ޗުއްޓީއަށް ދޯ، ކުދިން ކޮބާ؟ އަނެއްކާ ކުދިން ތިބޭތަ" ޒާރާ ޔަގީންކޮއްލިއެވެ.

"ދެން މިއުމުރަށް ދާއިރު ކުދިން ތިބޭނެއެއްނު، އަހަރެންގެ ތިންކުދިން ތިބޭ،ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެއްޗެއް ގަންނަން އޭރު އުޅުނީ، މިދަތުރުވެސް މީ އެކުދިން ރޭވި ދަތުރެއް، ޒާރާމެން އަދި ކުއްޖެއް ނުހޯދަންދޯ" ވަސީމާ ހިނިއައިސްފައި ބުނެލިއެވެ.

"ހޫމް.....އަދި ކައިވެންޏަށް އަހަރުވެސް ނުވޭ، އަދި ކުއްޖަކު ހޯދާކަށް ނުވިސްނަން.........އޭ ޒާގެ ފިރިމީހާ އެގުޅަނީ، ވީތަނެއް ނޭގިގެން ކަންނޭގެ......ދަނީ އެނގޭ، ވަރަށް އުފާކޮއްފިން ވަސީ އާއި ދިމާވީމަ، މެލޭޝިޔާއިން ދިމާވާނެ ކަމަށް އުއްމީދުކުރަން، އަނެއްކާ ކޮންތާކު ތިބެނީ؟" ޒާރާ އަވަސް އަރުވާލާފަ ވާހަކަދައްކަމުން އަތުގައި އޮތްދަބަސްތެރޭން ފޯނު ހޯދަންފެށިއެވެ. އޭރު އެދަބަހުގެ ތެރޭން ފޯނު ރިންގުވާއަޑު އިވެމުންދިޔައެވެ.

"ހެލޯ، ދާން.......މަޑުކޮއްލައްޗޭ" ޒާރާ ފޯނު އަތުގައި ޖެހުމާއިއެކު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި ދާއިންގެ ގާތު މަޑުކޮއްލުމަށްބުނަމުން ވަސީމާ އާއި ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ.

"ވަރަށް ދެރަ އަހަރެން ހަނދާނެއްނެތް އަހަރުމެން ތިބޭ ސަރަހައްދަށް ކިޔާ ނަމެއް، ކުދިންނަށާ ފިރިމީހަށް އެނގޭނީ.....އަހަރެންވެސް އުފާކުރަން ޒާރާ އާއި ދިމާވީތީ...........ފަހަރެއްގަ އަދި ދިމާވުންވެސް އެކަށީގެންވެއެއްނު" ވަސީމާ ޒާރާ ދިއްކޮއްލި އަތުގައި ހިފާ ސަލާމްކޮއްލަމުން ހިނިތުންވެލިއެވެ.

* * * * * * * * * * * *

"ކޮބާ ހިތްހަމަޖެހޭ ވަރަށް ބަލާލެވުނުތަ" ސަޢީދުމެން ތިބި ގޮނޑިބަރިއާއި ވަސީމާ އަރާ ހަމަވުމާއިއެކު ލާނެތްގޮތަކަށް ބުނެލިއެވެ.

"ސަޢީދު ކިހިނެތްތަ ހެދީ، އަހަރެން އެއަންހެން ކުއްޖާޔާ ވާހަކަ ދައްކާލާފަ ދެން އެނބުރުނު އިރު ގެއްލިއްޖެ" ވަސީމާ އިށިންނަމުން ބުނެލިއެވެ.

"މަންމަ ކޯޗެއްގަންނަންތަ އުޅުނީ" ޝިމާދު އަހާލިއެވެ.

"ވަރަށް ރީތި އުޅައެއް، މަންކޮގެ އަތާ ވަރަށް ގުޅޭނެޔޭ ހިތްބުނީ، އެކަމަކު ޒާރާ އޭތި މާބޭނުންވެފަ ހުރީމަ ދެން ދިނީ، ވަރަށް ހިތްހެޔޮ ކުއްޖެއް ވައްތަރު ޖަހަނީ، އެމީހުންވެސް މެލޭޝިޔާއަށް ދަނިއްޔޯ" ވަސީމާ އެހެންބުނިއިރު އެމޫނުގައި މާޔޫސްކަމެއް ނެތެވެ.

"ޒާރާއޭ.... ޒާރާ.... އެއީ މަންމަގެ ރަހުމަތްތެރިއެއްތަ؟" މަންހާއަށް ކުއްލި ސިހުމަކާއިއެކު އަހާލެވުނެވެ.

"ނޫން މިތަނުން ދިމާވެގެން ވާހަކަދެއްކީ، މަންމަ، ދަރިފުޅަށް ރީތި އަތުގަ އަޅާ އެއްޗެއް ގަނެދޭނަން އިނގޭ އެކޮޅަށް ދެވުނީމަ، ޒާރާވެސް ދަނީ ޗުއްޓީއަށް އޭނަގެ ފިރިމީހާގެ މަންމަމެން ގާތަށް" ވަސީމާ ހީކުރީ މަންހާ ކަންބޮޑުވީ އޭނައަށް އެހާ ރީތިވި އެއްޗެއް އެހެން މީހަކަށް ދިންވާހަކަ ބުނުމުންކަމަށެވެ.

"އިޓްސް އޯކޭ މަންމާ، އޭނަ އެހާ ބޭނުން އެއްޗެއް އޭނައަށް ދިނުން އެއީ މައްސަލައެއްނޫން" މަންހާ އެހެން ބުނިއިރު އޭނަގެ ހިތް ނުތަނަވަސްކަމުން ފުރިގެން ހިނގައްޖެއެވެ. އެ އުޅާގަނޑު މަންހާއަކަށް މުހިއްމެނޫނެވެ. އެކަމަކު އެއުޅާ ގެންދިޔަ މީހާގެ ނަން މަންހާއަށް ހާއްޞައެވެ. އެއީ އެނަމަކީ އޭނަގެ ފުރާނަފަދަ ލޯބިވާ ދާއިންއާއި ގުޅިފައިވާ ނަމަކަށް ވީމައެވެ. ދެލޯމަރާ ބާރުކޮއްލުމާއިއެކު އިސްދަށަށް ޖަހާލިއެވެ. އޭނައަށް އަޑުއިވުނީ ރަނގަޅަށެވެ. ވަސީމާ ބުނީ ޒާރާގެ ނަމެވެ. މަންހާގެ ސިކުނޑީގައި އެކިއެކި ސުވާލުތައް އުތުރިއަރަންފެށިއެވެ.

އަނެއްކާ ދާއިން މެލޭޝިޔާއަށް ދަނީބާއެވެ. މަންމަ އެބުނީ ޒާރާގެ ފިރިމީހާގެ މަންމަމެން ގާތަށް އޭނަ ދާން އުޅޭ ވާހަކައެވެ. އެގެއަށް ދިޔަ ދުވަހު ޒާރާގެ ފަރާތުން އޭނަ މީހަކާ އިނދެގެން އުޅޭކަމުގެ އެއްވެސް ނިޝާނެއްނުފެނުނެވެ. އެގޭތެރޭގަވެސް ޒާރާ އާއި އޭނަގެ ފިރިމީހާގެ ފޮޓޯއެއް ހިސާބު ވެސް ހަރުކޮއްފަ ހުރިތަނެއް ނުދެކެމެވެ. އަނެއްކާ ޒާރާ އުޅެނީ ދާއިން އާއި އިނދެގެން ބާއެވެ. ދާއިން އެއީ ޒާރާގެ ހައްގެއްބާއެވެ. ނޫން.......ނޫން އެހެނެއް ނުވާނެ، އަހަރެންގެ ހިތް ކުދި ކުދިވެ ކުރިހާ އުއްމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެދާނެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއްނޫނެވެ. ދާއިން އަކީ އަހަރެންގެ ހައްގެކެވެ. އަހަރެން ލޯބިވާވަރަށް އޭނަދެކެ އެހެން މީހަކަށް ލޯބިނުވެވޭނެކަން ޔަގީނެވެ. އެވާނީ މަންމައަށް ދިމާވެގެން އެއުޅެނީ އަހަރެން މިހީކުރާ ޒާރާ ނޫންކަމަށެވެ. އެހެންވެދާނެ ކަމަކަށް އަހަރެން ގަބޫލުކުރާކަށްވެސް ބޭނުމެއްނޫނެވެ. އެއް ނަންކިޔާ އެތައް ބަޔަކު އުޅޭނެއެވެ. އެކަމަކު ޒާރާގެ ނަމުން ހިތަށް ނުބައިގޮތެއްވެއްޖެއެވެ. އޭހިތާއެވެ. އޭ އަހަރެންގެ ސިކުނޑިއާއެވެ. އަހަންނަށް ތިފަދަ ވޭނުންފުރިގެންވި ސުވާލުތައް ކުރިމަތި ތިކުރުވަނީ ކީއްވެހެއްޔެވެ. އަހަރެން އެއިންސާނާދެކެ ލޯބިވާވަރު އެނގޭތީހެއްޔެވެ. އަހަރެންގެ ބޮލަށް ބަރުކޮށް ހިތަށް ތަދުނުކުރާށެވެ. މިލޯތްބެއް ތިހިތާ ސިކުނޑިއަކުން ދުވަހަކުވެސް ފޮހެއްނުލެވޭނެއެވެ. ދާއިންއަކީ މީހެއްގެ ފިރިއަކަށްވާކަށް އަހަރެން އެއްގޮތަކަށް ވެސް ނޭދެމެވެ.

(ނުނިމޭ)