ހަބަރު

ފުވައްމުލަކު ސިޓީ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ފުވައްމުލަކު ކައުންސިލް މެންބަރުންނާއި ރައީސް ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރުފަހު ކަމަށާއި އެބައްދަލުވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފުވައްމުލަކު ސިޓީ ކައުންސިލުން ރައީސްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންނާއި ކައުންސިލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދަތިވާ ކަންތައްތަކުގެ ތެރޭގައި ފަންނީ މުވައްޒަފުން މަދުވުމާއި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ވަސީލަތްތައް މަދުވުމުގެ ކަންބޮޑުވުންވެސް ރައީސާ ހިއްސާކުރައްވާފަައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ފުވައްމުލަކު ސީޓީގެ ފެނާއި ނަރުދަމާއާ ކަރަންޓާއި މަގުތަކުގެ ހާލަތުގެ އިތުރުން ކުނި މެނޭޖްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށާއި މިހާރުވެސް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ.