ކުޅިވަރު

އިމްރާންގެ ގޯލް، އޭނާއަށް ބަންޑުންކޮށްލި ލޯތްބާއި ޝުކުރު!

ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު، އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އޭނާގެ ޝަރަފުގައި ކުޅުނު މެޗުގައި އިމްރާން ކާމިޔާބު ކުރި ލަނޑާއެކު އެފްއޭއެމްގެ ޓީމުގެ މައްޗަށް އިމްރާންގެ ޓީމު ކާމިޔާބު ހޯދީ 4-3 ންނެވެ. މެޗުގެ ނަތީޖާއަށް ވުރެ ފާހަގަވީ، ކުޅުންތެރިންނާއި ކުޑަކުދިންގެ ހިތުގައި އިމްރާންއަށް ބަނޑުންވެގެން ދިޔަ ލޯތްބެވެ.

ފުރަތަމަ ހާފަށް މެޗު މެދުކަނޑާލި ފަހުން، އެހެން ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔަ ނަމަވެސް، އިމްރާން ދަނޑުގައި މަޑު ކުރީ، އޭނާގެ އޮޓޯގްރާފް ހޯދަން މަޑުކޮށްގެން ތިބި ކުޑަކުދިންނާއި ޒުވާނުންނަށް ވަގުތު ހުސް ކުރުމުގެ ގޮތުންނެވެ. ކޮންމެ ކުއްޖެއްގެ ވެސް ޓީޝާޓްގައި އިމްރާންގެ ސޮއި ކޮށްލުމުން އެ ކުދިންގެ މޫނަށް އެވެރިވާ އުފާވެރި ހިނިތުންވުމުގެ އަސަރު ލޮލުން ދުށީމެވެ. މިއީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިޔަކު އިންޓަނޭޝަނަލް ކެރިއާ ނިންމާލުމުން، މިހާ ޝަރަފުވެރި ގޮތެއްގައި މިކަން ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ކުޅިވަރަށް މުޅިން އާ ސަގާފަތެއް އިމްރާންގެ ސަބަބުން ތާރަފުވެ ކުރިމަގުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެތުލީޓުންނަށްޓަކައި އެކަން ދެމިގެންދާނެ ގޮތަށް މިރޭ މެދުވެރިވީ އިމްރާންގެ 17 އަހަރުގެ ގައުމީ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ހާއްސަ މެޗުންނެވެ.

އިމްރާންގެ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ. މެޗު ފެށުމުގެ ކުރިން އިމްރާން ވަނީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އޭނާ ބޭނުން ކުރި އަންގި ޖޯޑުން އެއް އަންގި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެދުން ކޮށްފަ އެވެ. އަނެއް އަންގި އޭނާ ހަވާލު ކުރީ އެފްއޭއެމްގައި އާކައިވް ކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށެވެ.

އިމްރާންގެ ޝަރަފުގެ މެޗަށް، ދުނިޔޭގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ކުޅުނު ދެ ކުޅުންތެރިން ރާއްޖެ ގެނެއެވެ. ފަހުވަގުތު ކުރިމަތިވި ބައެއް ސަބަބުތަކާއެކު ޔުނައިޓަޑްގެ ކުރީގެ ކީޕަރު ޕީޓާ ޝުމައިކަލް ނުކުޅުނު ނަމަވެސް، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވަނީ މެޗުގައި ކުޅެ އިމްރާންގެ ކޮޅަށް ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އިމްރާންގެ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސަލްގާޑޯ ވަނީ އިމްރާންއަށް އިހްތިރާމު އަދާ ކުރުމުގެ ގޮތުން އޭނާގެގައިގައި ބައްދާލާފަ އެވެ. ފުޓްބޯޅައިގެ ދަނޑުގައި އޮންނަން ޖެހޭ އިހްތިރާމްގެ ފުރިހަމަ މިސާލެކެވެ.

އެންމެ ފާހަގަ ކުރެވުނު މަންޒަރަކީ، މެޗުގެ ތެރެއިން އިމްރާންއަށް އަނިޔާވުމުން އޭނާ ބަދަލު ކުރަން ޖެހުމުން، އޭނާ ދަނޑުން ފައިބަން ދިޔައިރު ދަނޑުމަތީގައި ތިބި ހުރިހާ ކުޅުންތެރިންގެ ފަރާތުން އޭނާއަށް ބަނޑުން ކޮށްލި ލޯތްބާއި ނިހާއީ ޝުކުރެވެ. މެޗުގައި ކުޅުނު ކޮންމެ ކުޅުންތެރިޔެއްހެން އިމްރާންއާ އަލުވަދާއު ކިޔަމުން ދިޔަ އެވެ. ބައެއް މީހުންގެ ލޮލުން ކަރުނަ ހިލޭ ހިސާބަށް އެ އަސަރު ކުރި އެވެ. އެންމެ ހާއްސަ ކުރެވުނު ދެ ހިނިތުންވުމަކީ، އިމްރާން ފައިބަމުން އޭނާގެ އަތުގައި އޮތް ކެޕްޓަން ބޭންޑް އޭނާގެ މިތުރު އަލީ އަޝްފާގްގެ އަތުގައި އެޅުވުމަށް ފަހު ދެ ކުޅުންތެރިން އެކަކު އަނެކަކާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ލޯބި ފާޅުވެގެން ދިޔަ ވަގުތެވެ. މަންޒަރު ފެނުމުން ލޮލުން ކަރުނަ ހިލުނެވެ. އެ ދެކުޅުންތެރިންގެ ރަހުމަތްތެރިކަމާއި ދަނޑުމަތީގައި އުފެދުނު ގުޅުމުގެ ފައިދާ ދިވެހި ފުޓްބޯޅައަށް ކިތަންމެ ރަނގަޅަކަށްވެސް ކުރި އެވެ. އެކަން ދިވެހިން ފާހަގަ ކުރާނީ ޝުކުރުވެރި ކަމާއެކު އެވެ.

ދެވަނަ އަނެއް މަންޒަރަކީ، އިމްރާން ދަނޑުން ފައިބައިގެން ބެންޗަށް އައުމުން، އޭނާގެ ޓީމުގެ ކޯޗަކަށް ހުރި ގައުމީ ޓީމުގެ ކުރީގެ ކޯޗް ބަލްގޭރިއާގެ ޔުރޮދާން އިވަނޯވް ސްޓައިކޯވްގެ ފަރާތުން އިމްރާންއަށް ދިން އިހްތިރާމެވެ. އިމްރާންގެ އުމުރުން އެންމެ 19 އަހަރުގައި، އޭނާއަށް ގައުމީ ޓީމުން ފުރުސަތު ދިނީ ސްޓައިކޯވް އެވެ. އޭރު އިމްރާން ކުޅެމުން ދިޔަ ކުލަބު އީގްލްސްއަކީ ފުޓްބޯޅައިގެ (އޭރު) މާބޮޑު ބާރެއްގެ ނޫންނަމަވެސް އިމްރާންއަކީ ރާއްޖޭގެ ފުޓްބޮޅައިގައި ބޮޑު ބާރަކަށް ވާނެ ކަމަށް ސްޓައިކޯވް ދެނެގަތެވެ. އިމްރާން ބެންޗަށް އައުމުން ސްޓައިކޯވްގެ ގަޔާލައި، އޭނާ އިމްރާން ބޮނޑިކޮށްލުމުން، ދިވެހި ގައުމީ ޓީމަށް އޭނާ ތާރަފު ކޮށްދިން ކުޅުންރިޔާ އާމެދު އޭނާގެ ހިތުގައި އުފެދުނު ލޯބި ފާޅުވެގެން ދިޔަ އެވެ. ސްޓައިކޯވް ގައުމީ ޓީމަށް ގެނެސްދިން އެ ހަދިޔާއަށްޓަކައި ސްޓައިކޯވްއަށް ޝުކުރާއި ތައުރީފެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އެފްއޭގެ ޓީމުންނެވެ. ޓީސީގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން ތަނަވަސް ކޮށްދިން ފުރުސަތަކުން އިމްރާންގެ ކޮޅަށް ފުރަތަމަ ގޯލް ވައްދާލީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމްއެވެ.

އިމްރާންގެ ޓީމުން ނަތީޖާ އަނބުރާލީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ފުރަތަމަ ލަނޑު ޖެހުމުގައި، އަލީ އުމަރާއި އަލީ އަޝްފާގްގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ އެވެ. އޭރިއާގެ އަރިމަތިން، ރޮނގުމަތީގައި ހުރެ، އަޝްފާގް އަލީ އުމަރަށް ބޯޅަ ތަނަވަސް ކޮށްދިނީ އައްޔަ ބޯޅައަށް އަރާނެކަން ދެނެގަނެގެންނެވެ. އަޝްފާގް ތަނަވަސް ކޮށްދިން ބޯޅަ އަލީ އުމަރު ވަނީ ވަރަށް ބަލާފައި ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އއ. ތޮއްޑޫއަށް އުފަން ދެ ކުޅުންތެރިން ކަމަށްވާ މުހްތާރު ނަސީރު 'ޓޫކިލޯ' އާއި މުހައްމަދު ނިޒާމް ތޮއްޑޫގެ ކޮމްބިނޭޝަން ފެނިގެންދިޔަ ލަނޑުގައި ތޮއްޑު ލަނޑު ކަމިޔާބު ކުރި ތަނެވެ. އިމްރާން ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އިދިކޮޅު ގޯލްގައި ހުރީ އިމްރާންއާއެކު ގައުމީ ޓީމަށް ކުޅުނު ކުރީގެ ގޯލްކީޕަރު ހުރާގެ އިސްހާގް އީސާ އެވެ.

ދެވަނަ ހާފުގައި، އެފްއޭއެމްގެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މިޝޭލް ސަލްގާޑޯ އެވެ. ޕެނަލްޓީން އޭނާ ލަނޑު ކާމިޔާބު ކުުމުގެ ކުރިން އޭނާ ވަނީ އިމްރާން ކޮޅަށް ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އޭނާ ބޮލުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ބޮލުން ފޮނުވާ ނުލެވުމުން އިމްރާން އެބޯޅަ ދިފާއު ކުރީ އެވެ. އެފްއޭއެމް ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އެެވެ. މެޗުގެ ފަހު ކޮޅުގައި އަޝްފާގް ވަނީ އެފްއޭއެމް ޓީމުގެ ގޯލް ބަލަހައްޓަމުން ދިޔަ ކުރިގެ ކީޕަރު ޝިނާން 'ނާނީ' ކަޓުވާލުމަށް ފަހު ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗު ފެށުމުގެ ކުރިން، ދަނޑުމަތިގައި ތައްޔާރުކޮށްފައިވާ ރަތް ދޫލައިގެ މިނީ ސްޓޭޖަށް އިމްރާންއާއެކު އޭނާގެ މަންމަ އާއި ބައްޕަ އެރުއްވި އެވެ. މިއީ ދަރިއަކަށް ލިބޭނެ އެންމެ ހާއްސަ އެއް ޝަރަފެވެ. މަންމަ އާއި ބައްޕައާއެކު އޭނާގެ އަގުވަޒަން ކުރުމުގެ ހަފުލާގައި އެއް ސްޓޭޖަކުން ޝަރަފު އެރުވުމެވެ. އިމްރާންގެ ގައުމީ ހިދުމަތަށް ޝުކުރާއި ތައުރީފެވެ.