ރިޕޯޓް

ރައްޔިތުންގެ ހިތެއް ނުފުރުނު!

ރައްޔިތުންނަށް އެތަކެއް އުމްމީދު ދިނުމަށްފަހު 17 ނޮވެމްބަރުގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މަސް ދުވަަސް ފުރުނީ އެވެ. -- އެ މަސްދުވަސް ގުނާފައިމިވަނީ ސަރުކާރުން ބޭނުންވި ގޮތަށް ބަންދު ދުވަސްތަށް އުނިކުރުމަށް ފަހު އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބުދުﷲ ޔާމީނަށް ދައުލަތުގެ ހުރިހާ ވަސީލަތަކާއި އާރާއި ބާރު ބޭނުންކޮށްގެން ވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ނުހޯއްދެވުނީ ރައްޔިތުންނަށް ރައީސް ސޯލިހުއާ ދޭތެރޭ ކުރަމުން އައި އުންމީދުތަކުގެ ބޮޑު ކަމުންނެވެ.

"އަހަރެން އުންމީދު ކުރިން އެއީ ހެޔޮ ވެރިކަމެއް ގާއިމް ކޮށްދީ ރައްޔިތުމީހާއަށް ހައްގުވާ މިންވަރު ހޯދައިދޭނެ ކަމުގެ އުންމީދެއް، ނުތާހިރު ދިރިއުޅުމަކުން ތާހިރު ދިރިއުޅުމަކަށް ބަދަލުކޮށްދޭނެ ކަމުގެ އުމްމީދެއް، މިިިނިވަންކަމާއެކު މި މިިނިވަންޖައްވަށް އަލުން ނޭވާ ލެވޭނެ ކަމުގެ އުމްމީދު،" އެކަކު އޭނާގެ ޓްވިޓާގައި ލިޔެފައި ވެއެވެ.

އެންމެ އާދައިގެ މީހާވެސް މި ސަރުކާރާއެކު ދިރިއުޅުން ރަނގަޅުވެ ފުދުންތެރިއަކަށް ވާނެ ކަމުގެ އުންމީދު ކުރި އެވެ. ރަނގަޅު ބޯހިޔާވަހިކަމެއް ލިބިގެންދާނެ ކަމުގެ އުންމީދެވެ. ދުޅަހެޔޮ ހަށި ހެޔޮ ސިއްހަތެއްގައި ދެމި ހުރެވޭނެ ކަމުގެ އުންމީދެވެ. ހުރިހާ އުންމީދެއްގައި ކުލަ ޖެއްސުމަށްޓަކައި ރައްޔިތުންވީ ގުރުބާނީ ބޮޑެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި ވޯޓް ފޮށިތަަަކަށްވުރެ ވެސް ކުރިން ވޯޓްލާ މަރުކަޒުތަކަށް ޖަމާވި އެވެ. އެތަކެއް ގަޑި އިރު، ބައެއް މީހުން ހަގަޑި އިރު އަނެއް ބަޔަކު 12 ގަޑި އިރުވެސް ކެތްތެރިކަމާއެކު ކިއުގައި މަޑުކޮށްލައިގެން ތިބީ އެ ރައްޔިތުމީހާގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށެވެ. ކިއުގައި ގިނަ ވަގުތު ތިބެން ޖެހުމުން އެއް ބަޔަކު ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް މަސްދުވަސް ވެގެން ދިޔައިރު، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށް ރައީސް ސޯލިހު އެކުލަވާލި ވައުދުތަކުގެ ތެރޭގައި ހިމެނޭ 30 ދުވަހުން ފުއްދާނެ ގިނަ ވައުދުތަކެއް ސަރުކާރުން ފުއްދައިދީފި އެވެ. އަދި 100 ދުވަހުން ފުއްދަން ވައުދުވެވަޑައިގެންނެވި ވައުދުތައް ފުއްދަން ވެސް މަސައްކަތް ކުރެވެމުން އެބަދެއެވެ.

ރައްޔިތުމީހާގެ އެ އުންމީދުތަށް ހަގީގަތަކަށް ހަދައިދިނުމަށްޓަައި ރައީސް ސޯލިހުއާއި އެމަނިކުފާނުގެ ސަރުކާރުން ނުކުރާ ކަމެއް ނެތެވެ. ސަރުކާރުގެ ކެޕޭސިޓީގައި ކުރެވެން ހުރި ކަންކަން ކޮށްދޭން ފަށައި، އެކަންކަމުގެ ނަފާ އާމުންނާއި ހަމަޔަށް ފޯރުވައި ދީފިވެސް މެއެވެ.

ސަރުކާރާއި ހަވާލުވި އިރު ދައުލަތް އޮތީ މާލީ ގޮތުން ވަރަށް ދަށް ހާލަތެއްގައި ކަމަށްވުމުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދޭން ބޭރުގެ ދައުލަތްތަކުގައި ސަލާން ވެސް ޖަހައިފި އެވެ. އިންޑިއާއަށް ސަލާން ޖައްސުވަން ވަޑައިގަތީ ސީދާ ރައީސް ސޯލިހު އެވެ. ޗައިނާ އާއި، ސައުދީ އަރަބިއާ އާއި އެނޫންވެސް ބޮޑެތި ބައެއް ގައުމުތަކަށް ވަފުދުތައް ފޮނުއްވި އެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް ރައްޔިތުންގެ އުމްމީދުތަކާއި އެއްވަރަށް ކަންކަން ކޮށްދެވޭތޯ ބަލަން މަސައްކަތް އެބަ ކުރެއެވެ.

"މި ސަރުކާރު ފެއިލް ވެއްޖެ. އެއްކަމެއްވެސް ނުކޮށްދެވުން. ހުސް ފޮނި ކެނޑީ ވޯޓް ހޯދަން. ރައްޔިތުމީހާ އަދިވެސް ބިކަވެފަ. ސަރުކާރުގައި އަދިވެސް ވަޒީފާތަކުގައި ތިބީ ޔާމީން ލާފަ ތިބި މީހުން. އަހަރަމެންނަކަށް ނެތް ވަޒީފާ ގަނޑެއްވެސް" އެހެން މީހަކު ބުންޏެވެ،

އެހެން މީހަކު ކޮށްފަ އިން ޓުވީޓެކެވެ: "ކެބިނެޓާއި، ސިޔާސީ މަގާމުތަކަށް އައްޔަން ކުރި މީހުން ފެނިފައި ހޮޑު ލަވާ. ކިޔެވުމުގެ ބެނުމެއްނެތް. މި އޮތީ ވާ ގައުމެއް. އިބޫ އަކަށް ޔާމީނަކަސް ހަމަ އެއްތާކު މިޖެހެނީ". މިކަހަލަ ކިތަންމެ ޕޯސްޓެއް ޓުވިޓާގައި މީހުން ކޮށްފައި އެބަހުއްޓެވެ.

އެކަހަލަ ޕޯސްޓްތައް ފެނުމުން ސޯލިހުގެ ސަރުކާރަށް އަހަރު ދުވަސް ވެގެން އުޅޭހެން ވެސް ހީވެ އެވެ. ސަރުކާރުގައި ވެސް ނެތް ކެޕޭސިޓީއެއް ރައީސް ސޯލިހު ކިތަންމެ ބޭނުންފުޅު ވިޔަސް ނުނެރެވޭނެ އެވެ. އަދި ސަރުކާރަށް ފާޑު ކިޔާހާ ދުވަހެއް ނުވެއެވެ. ސަރުކާރުގެ ކެޕޭސިޓީ ހުރި ވަރަކުން ކަންކަން ކޮށްދެމުން އަންނަތަން ފެނެ އެވެ. އެހެން ކަމޖުން ރައީސް ސޯލިހާއި އެމަނިކުފާުގެ ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ އެވެ.

މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިިނިސްޓަރުންގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. އެ މަގާމުތަކަކީ "ސިޔާސީ" މަގާމުތަކެކެވެ. ރައީސުލް ޖުމްހޫރިއްޔާ ވުޒާރާތަކުގެ ކަންކަން ވިލަރެސްކޮށް ގެންދަވާނެ ބަަޔަކު ކަނޑއަޅައި އެބަޔަކަށް އެހީވާން ބަޔަކު ކަނޑައަޅަނީ އެވެ. ކިޔަވައިގެން ތިބި މީހުންނަށް ފުރުސަތު ގެއްލެނީއެއް ނޫނެވެ. ޑޮކްޓަރޭޓް ޑިގްރީއެއް ހިފައިގެން ގޭގައި އޮތަކަސް ނުވާނެ އެވެ. ސިޔާސީ މަގާމަކަށް އާދެވެނީ ސިޔާސީ ވެގެންނެވެ. ކިޔަވައިގެން ތިބި މީޙުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނަމަ އެބަޔަކަށް ފުރުސަތު ލިބިގެންދާނެ އެވެ. މި ދެންނެވި ސިޔާސީ މީހުންގެ ދަށުން ވުޒާރާތައް ހިންގަން ތިބޭނީ ކިޔަވައިގެންތިބި، ގާބިލް ބޭފުޅުންނެވެ. އެ މަގާމުތަކަށް ކިޔަވައިގެންތިބޭ މީހުންނަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ އެވެ.

ސޯޝަލް މީޑިއާއަށް ބަލާ އިރު ފެންނަނީ ރައްޔިތުންގެ ހިތް ނުފުރިގެން އުޅޭ މަންޒަރެވެ. ހަގީގީ މަންޒަރަށް ބަލައި ދިރާސާ ކުރުމުގެ ބަދަލުގައި ބަޔަކު ކުޅޭ ގޭމެއްގެ ތެރެއަށް ވަދެ އެފަދަ ކަންކަމާއި ޓުވީޓްކޮށް ހެދުމުން އެ މީހެއްގެ ގާބިލް ކަމާއި މެދުވެސް މީހުން ސުވާލު އުފައްދާނެ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ މަސްދުވަހަށް "A" ރިޕޯޓެއް ހައްގެވެ. ދައުލަތް ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ގައުމު ބިނާ ކުރުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވަނީ ތައުރީފު ހައްގު މަސައްކަތެކެވެ. އެ މަސައްކަތަށް އެއްބާރުލުން ދީ ރައްޔިތުން ކެތްތެރިކަންމަތީ ތިބެން އެބަޖެހެ އެވެ.