ދުނިޔެ

އިޒްރޭލުގައި ހުންނަ ބްރެޒިލްގެ އެމްބަސީވެސް ގުދުސަށް ބަދަލުކުރަނީ

Dec 31, 2018

ރިއޯ ޑިޖެނޭރޯ (ޑިސެމްބަރު 30) - ތެލްއަވީވްގައި މިހާރު ހުރި ބްރެޒިލްގެ އެމްބަސީ މާތްވެގެންވާ ގުދުސްއަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިޒްރޭލުގެ ރައީސް ބެންޖަމިން ނެތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ބްރެޒިލްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެގައުމުގައި އުޅޭ ޔަހޫދީ ލީޑަރުންނާއި ބައްދަލުކުރައްވައި، ނަތަންޔާހޫ ވިދާޅުވީ ބްރެޒިލްގެ އެމްބަސީ ގުދުސްއަށް ބަދަލުކުރާނެ ކަމަށާއި، ހަމައެކަނި ނިންމަންޖެހޭނީ ބަދަލުކުރާނެ ތާރީހެއް ކަމަށް ބްރެޒިލްގެ އާ ރައީސް ޖައިރު ބޮލްސެނާރޯ ވިދާޅުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ރައީސަކު ފުރަތަމަ ފަހަރަށް ބްރެޒިލަށް ކުރެއްވި ދަތުރުފުޅުގައި، ނަތަންޔާހޫ ބޮލްސަނާރޯ އާއެކު ބައްދަލުކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

ނަމަވެސް، އެމްބަސީ ބަދަލުކުރުމާއި ގުޅޭ އެއްވެސް ވާހަކައެއް އެ ބައްދަލުވުމަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ދެ ލީޑަރުންވެސް ދައްކަވާފައެއްނުވެ އެވެ.

މިދިޔަ އަހަރު، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމާއެކު، ބްރެޒިލްއިން ވެސް އެ ގޮތަށް އަމަލުކުރާނެކަމަށް ބޮލްސަނާރޯ މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި އެވެ. ނަމަވެސް، އަރަބި ގައުމުތަކަށް ބްރެޒިލްގެ މުދާ ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ބަރޯސާވާތީ، އެ ސިނާއަތުގެ ޕްރެޝަރު ބޮޑުވެ ބޮލްސަނާރޯ ވަނީ އެވާހަކަފުޅު އަނބުރާ ގެންނަވާފަ އެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ.

ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުޅި ދުނިޔޭގެ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދެއްވައި، ޓްރަމްޕް ވަނީ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް މިދިޔަ މެއި މަހު ބަދަލުކުރައްވައިފަ އެވެ. އޭގެ ފަހުން، ގުދުސްގެ ހުޅަނގަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ދާދި ފަހުން ނިންމައިފަ އެވެ.