ޖެހިޖެހިގެން ލީގްގެ ދެ މެޗުން ބަލިވެ، އުނދަގޫ ހާލަތަކަށް ވެއްޓުނު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް ވަޅުގަނޑުން އަރައިގެންފި އެވެ.
ރަހީމް ސްޓާލިން އާއި އަގްއޭރޯ އަދި ޖޭމްސް ވޯޑް ޕްރޯސް ކާމިޔާބު ކުރި ލަނޑުތަކުން މޮޅުވެ، ސިޓީ ވަނީ އަލުން ދެ ވަނަ މާގަމަށް ޖެހިލާފަ އެވެ. އެހެން ނަމަވެސް އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އެންމެ މަތީގައި އޮތް ދެ ޓީމުގެ މަންޒިލަކަށް ދެން އޮތީ، އިއްތިހާދު ސްޓޭޑިއަމްއެވެ. އަންނަ ބުރާސްފަތި ދުވަހު ދެ ޓީމުގެ ކުރިމަތިލުމަކީ، މިސީޒަންގައި ފެންނާނެ އެންމެ ފޯރިގަދަ މެޗަށް ވާނެ އެވެ. ލިވަޕޫލް މޮޅު ވެއްޖެނަމަ ލީގް ހޯދުމުގެ ރޭހުގައި އެ ޓީމަށް ބޮޑު ތަނުން ކުރިއަށް ޖެހިލެވޭނެ އެވެ. އެ މެޗުން ސިޓީ ބަލިވެއްޖެނަމަ ތަށީގެ ރޭސް އެޓީމުން ހަދާން ނައްތާލަން ޖެހޭނެ ކަމަށް ކޯޗް ޖޯސްފް 'ޕެޕް' ގާޑީއޯލާ ބުންޏެވެ.
"ލިވަޕޫލް އަތުން އަހަރެމެންނަށް (ތިން) ޕޮއިންޓް ގެއްލިއްޖެނަމަ ދެން އެ ހިސާބުން އެ ނިމުނީ،" ގާޑިއޯލާ ބުންޏެވެ. "އެހިސާބުން ދެން ލީގް ހޯދުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއް."
ރޭގެ މެޗަށް ފަހު އިތުރަށް ވާހަކަ ދައްކަމުން ޕެޕް ބުނީ، ލިވަޕޫލަކީ މިހާރު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އޭނާ ބުނީ ސިޓީން އެނބުރި އަންނަން ބޭނުންނަމަ ސައުތުހެމްޓަންއާ ދެކޮޅަށް ދެއްކި ކުޅުން ތަކުރާރު ކުރަން ޖެހޭ ކަމަށެވެ. ސައުތުހެމްޓާންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަން އޭނާ ފާހަގަ ކުރި އެވެ.
މެޗުގެ އެންމެ ފަހު ފަސް މިނެޓްގައި ސައުތުހެމްޓަން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެޓީމުގެ ޕިއާ އެމިއުލް ހޯޖްބިއާގްއަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 37 ވަނަ މިނެޓްއެ ޓީމުގެ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ.