ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި، ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޯލްޑް އަތުގައި ބޯޅަ ޖެހުމުން އެއީ ޕެނަލްޓީއަކަށް ނުވި ސަބަބު ސާފުކޮށް ދޭން ޕްރޮފެޝަނަލް ގޭމްގެ މެޗު އޮފިޝަލް ލިމިޓެޑްގެ ވެރިޔާ މައިކް ރިލޭއަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ގޮވާލައިފި އެވެ.
ލިވަޕޫލާ ދެކޮޅަށް ސިޓީ ރޭ ކުޅުނު މެޗުން ބަލިވީ 3-1 ންނެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ފަބިއާނޯ ޖެހުމުގެ 25 ސިކުންތު ކުރިން އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސެންޑާ އާނޯލްޑް އަތުގައި ބޯޅައިން ޖެހުނެވެ. އެކަން ސާފްކޮށް ވީޑިއޯ ރިޕްލައިން ވެސް ދެއްކި އެވެ. ސިޓީގެ ކުޅުންތެރިން އެކަމާ އެޕީލް ކުރުމުން ވެސް މެޗުގެ ރެފްރީ މައިކަލް އޮލިވާ ނިންމީ ފަބިއާނޯ ޖެހި ގޯލް ބަލައި ގަންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަބިއާނޯއަށް އޭރިއާގެ ބޭރުން ލިބުނު ބޯޅަ އުންޑައެއްހެން ފޮނުވާލީ ގޯލްގެ ކަނަށެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އެންޑްރޭ ރޮބަޓްސަން ނަގައިދިން ބޯޅަ ގޯލްގެ ކަނަށް ވައްދާލައިގެން ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ސެޑިއޯ މާނޭ ކާމިޔާބު ކުރީ ޖޯޑަން ހެންޑަސަން ނަގައިދިން ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ އޭނާ ހިތްހަމަ ނުޖެހުނީ އެލެކްސެންޑާ އާނޯލްޑް އަތުގައި ބޯޅަ ޖެހުމުން އެކަމަށް ރެފްރީ އިޝާރާތް ނުކުރުމުން ކަމަށެވެ. އޭނާ ބުނީ ރެފްރީންނަށް ޖެއްސުމަށް އޭނާ ވާހަކަ ނުދައްކާނެ ކަމަށާއި އަދި ރޭގެ މެޗުގެ ހިނގައިދިޔަ ކަންކަން ސޯޝަލް މީޑީއާގައި ވާހަކަ ނުދެއްކުމަށް ކުޅުންތެރިންނަށް ވެސް އަންގާފައި ވާނެ ކަމަށެވެ. އެލެކްސެންޑާ އާނޯލްޑްގެ ޕެނަލްޓީއާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އެދުމުން ގާޑިއޯލާ ބުނީ އެކަން ރެފްރީންގެ އިސްވެރިޔާގެ ގާތުގައި އެހުމަށެވެ.
"މައިކް ރިލޭ ގާތުގައި އަހާ އަދި ރެފްރީގެ އެންމެ އިސްވެރިންގެ ގާތުގައި އަހާ، އެކަމާ ބެހޭގޮތުން އަހަންނާ ސުވާލު ނުކުރޭ، މައިކް ރިލޭ އާއި އޭނާގެ މީހުންގެ ގާތުގައި އަހާ، އަހަރެން މިތަނަށް މިއައީ މެޗާ ބެހޭގޮތުން ވާހަކަ ދައްކަން،" މެޗަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "ކޮންމެ ފަހަރަކު ވެސް އަހަންނާ ސުވާލު ކުރެވޭ އެއްދުވަހު އެއީ ޕެނަލްޓީ އެކޭ، ޖެހިގެން އަންނަ ދުވަހު ހަމަ އެފަދަ ހާލަތެއް ޕެނަލްޓީއަކަށް ނުވާންވީ ކީއްވެގެންހޭ، އެމީހުންގެ ގާތުގައި އަހާ، މިދިޔަ ދެ ސީޒަންގައި އަހަރެމެން ލީގް ޗެމްޕިއަންކަން ހޯދީ ގޮތް އަހަރެން ކިޔައިދޭނީ ފަހްރުވެރި ކަމާއެކު."
މެޗުގައި ސިޓީގެ ލަނޑު ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ. ސިޓީ ވީ ބައްޔާއެކު އެ ޓީމު ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އަދި ލިވަޕޫލާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ނުވަ ޕޮއިންޓަށް ވަނީ ބޮޑު ވެފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.