ހަބަރު

މިއަހަރު އަލިފާނުގެ 105 ހާދިސާ، ގޭސް ލީކްވުމުގެ 66 ހާދިސާއެއް

މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާނުގެ 105 ހާދިސާއަކާއި ގޭސް ލީކްވުމުގެ 66 ހާދިސާއެއް ހިނގާފައިވާ ކަމަށް ފަޔާ އެންޑް ރެސްކިއު އިން ބުނެފި އެވެ.

ފަޔާ އެންޑް ރެސްކިޔުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސާވިސްގެ ކޮމާންޑަރު ކާނަލް އަބުދުﷲ ޒުހުރީ ވިދާޅުވީ، މިދުވަސްވަރު ވަރަށް ގިނަ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ކަމަށާއި މިދުވަސްވަރު އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގޭސް ލީކްވުމާއި ކަރަންޓް ޝޯޓޭޖްގެ މައްސަލަ ކަމަށެވެ.

ޒުހުރީ ވިދާޅުވީ، ފަޔާ އެންޑް ރެސްކިއު އިން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ވަރަށް ގިނަ ތަމްރީން ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން ގޭގޭގައި ތިއްބަވާ އަންހެންވެރިންނަށާއި ސުކޫލް ކުދިންނަށް އަދި ރިސޯޓްތަކުގައި ތަމްރީންދީ އެކަންކަމަށް އަހުލުވެރި ކުރުވާ ކަމަށެވެ.

"ތަފާސް ހިސާބްތަކަށް ޖެހިލާއިރު، 2018 ވަނަ އަހަރު މިހާހިސާބަށް، 105 އަލިފާނުގެ ހާދިސާއެއް ހިނގާފައިވޭ، މީޣެ ތެރެއިން ބޮޑެތި ހާދިސާތަކުގެ ތެރެއިން ފާހަގަ ކޮށްލެވެނީ 11 ހާދިސާއެއް،" ޒުހުރީ ވިދާޅުވި އެވެ.

ޒުހުރީ ވިދާޅުވީ، ކަރަންޓް ޝޯޓޭޖްގެ ސަބަބުން ހިނގާ ހާދަސާތަށް ކުޑަ ކުރުމަށްޓަކައި އެޅެން އޮތް ފިޔަވަޅުތައް ބެލުމަށް އިއްޔެ ސްޓެލްކޯއާއެކު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށާއި އެކަންކަން ހިނގަން މެދުވެރިވާ ސަބަބުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ މިހާރަކަށް އައިސް ވަޔާ ކުރާ ކުރުމުގައި އެބޭފުޅުން އެޕްރޫވް ކުރައްވާފައި ހުންނަ ކޮލިޓީގެ އެއްޗެހި ބޭނުން ނުކުރާކަން، ހަމައެއާއެކު ކޮންޓްރެކްޓަރުން މަސައްކަތްތަކުގައި ގެންގުޅޭ ބޭރު މީހުން ދޭންޖެހޭ ވަރަށް ފަރުވާ ނުބަހައްޓައި މަސައްކަތް ކުރުމުގެ ސަބަބުން މިފަދަ ނުރައްކާތެެރި ހާދިސާތައް އެބަ ދިމާވޭ،" ޒުހުރީ ވިދާޅުވި އެވެ.

ޒުހުރީ ވިދާޅުވީ، އެކަންކަން ހައްލު ކުރުމުގެ ގޮތުން ޕީރިއޮޑިކް ކޮމްޕްލެއިންސް ޗެކްތަކެއް ފަޔާ އެންޑް ރެސްކިއުއާ ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ސްޓެލްކޯއާއެކު ޓައިމްލައިނެއް ހެދި މިއަންނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"ހަމައެއާއެކު ގޭސް ލީކްވުމުގެ މައްސަލަތަކެއް މިހާރު ވަރަށް ގިނައިން ދިމާވެ، ހަމައެކަނި މި މަހަށް ބަލާލިޔަސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެބަ ގޭސް ލީކް ވުމުގެ 13 މައްސަލައެއް ހިނގާފަ، މިއަހަރު ތެރޭގައި 65 ހާދިސާއެއް ގޭސް ލީކްވެގެން ހިނގާފައިވޭ، އޭގެ ތެރޭގައި ނުރައްކާތެރި ތިން ހާދިސާއެއް ހިނގާފައިވޭ،" ޒުހުރީ ވިދާޅުވި އެވެ.

ޒުހުރީ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު ހާދިސާތައް މަދުވެފައިވާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު އަލިފާނުގެ 119 ހާދިސާ ހިނގާފައިވާއިރު، ގޭސް ލީކްވުމުގެ 44 ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.