ހަބަރު

2،000 ރުފިޔާގެ ފީއަކަށް 24 ގަޑިއިރުގެ ވިޔަފާރިއަށް ހުޅުވާލައިފި

Dec 31, 2018
10

ފިހާރަތަކާއި ސައިހޮޓޯ އަދި ކެފޭ ފަދަ ތަންތަނަށް 24 ގަނޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން 2،000 ރުފިޔާގެ ފީއެއް ނަގައި ގޮތަށް ހަމަޖައްސައި ވިޔަފާރިތަކަށް އެކަމުގެ ހުއްދަ ދޫކުރަން މިނިސްޓްރީ އިން މިއަދު ހުޅުވާލައިފި އެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައިހޮޓޯ، ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދަށް މިނިސްޓްރީއިން އިސްލާހު ގެނެސް، ގެޒެޓްގައި އާންމުކުރި އިސްލާހުތަކުގައިވާ ގޮތުގައި، ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުން އެވެ. އެގޮތުން، 24 ގަނޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭނީ، އެތަނެއް ބޭރުން ބަލާއިރު ބޭރަށް ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުންނަ ތަންތަނަށާއި 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ. މީގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ކެފޭ، ރެސްޓޯރަންޓް ހޮޓާތަކުގައި މެންދަމު، 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުގައި، 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް ޒަރިއްޔާއިން ރަށްރަށުގައި ކައުންސިލްތަކަށް، ސިޓީތަކުގައި ސިޓީ ކައުންސިލްތަކަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅެ އެވެ.

މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް ދޫކުރާށެވެ. އަދި އެ ހުއްދަ ލިބުމުން ފީއެއްގެ ގޮތުގައި 2،000 ރުފިޔާ މީރާއަށް ދައްކަން ޖެހެ އެވެ. މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ، އެ ވިޔަފާރިއަކަށް ދޫކުރި ހުއްދަ ބާތިލް ކުރުމުގެ ބާރު ވަނީ ދީފަ އެވެ. މީގެ އިތުރުން 24 ގަޑިއިރު ވިޔަފާރި ކުރާ ތަންތަނުގެ ބޭރުގައި "24/7" ޖަހާފައި ހުންނަ ބޯޑެއް އާންމުންނަށް ފެންނާނެހެން ހަރުކޮށްފައި ވެސް ހުންނަން ޖެހެ އެވެ.

މީގެ އިތުރުން ފިހާރަތައް އާންމު ގޮތެއްގައި ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ އެވެ. މިހާރު ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ، 10:00 އަށެވެ.