ކްރިމިނަލް ކޯޓް

ސުއުދުގެ ތުހުމަތުތަކާ އެކު ކްރިމިނަލް ކޯޓްގެ އިންޒާރެއް

Dec 31, 2018
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރުތަކުގެ މައްސަލަބަލާ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ކްރިމިނަލް ކޯޓްގެ ގާޒީންނާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ ކޯޓްތަކުގެ ބާރު ކަނޑުވާލައި، މިނިވަން ޖުޑިޝަރީ އަޅުވެތި ކުރުމަށް ދެއްކި ނުރައްކާތެރި ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ސިފަކޮށްފި އެވެ.

އެ ކޯޓުން ނެރުނު ބަޔާނުގައި ބުނީ، ރައީސް އުފައްދާފައިވާ އެ ކޮމިޝަންގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުންކަމަށްވާއިރު، ކްރިމިނަލް ކޯޓްގެ ގާޒީންނާ މުވައްޒާފުންނާ މެދު ސާބިތު ނުހިފޭ ޖިނާއީ ތުހުމަތުތަކެއް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވުމަކީ ކޮމިޝަންގެ އިހުތިސާސްގެ ބޭރުން، ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ދެއްކި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން، ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންނާއި މުވައްޒަފުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ޖިނާއީ އަދުލުގެ ނިޒާމާ މެދު ބޮޑެތި ޝައްކުތަކެއް އާންމުންގެ މެދުގައި އުފެދޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓްގެ ބަޔާނުގައިވެ އެވެ.

"ފަނޑިޔާރުންނާމެދު ފިޔަވަޅުއެޅޭނެ ގާނޫނީ ނިޒާމު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ގާއިމުކޮށްފަ އެވެ. އެނިޒާމުގެ ތެރެއިން ފިޔަވަޅުއެޅުމަށް މަސައްކަތްކުރުމަކާ ނުލައި، އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ ގާނޫނީ ބާރުވެރިކަން އޮތް އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަކާ ނުލައި، ފަނޑިޔާރުންނާ ގުޅޭ ގޮތުން ސާބިތުނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތައް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރާތަކުން ކުރިޔަސް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ. "ޖިނާއީ އަދުލުގެ ނިޒާމާމެދު ޢާންމުންގެ ހިތްތަކުގައި ނުބައި ތަޞައްވަރެއްދަ މިކޯޓާއި މިކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭނޭހެން
ކުރާ މިފަދަ ކަންކަން މިކޯޓުން ބަލަމުންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،"

އެ ކޯޓްގައި ބަޔާނުގައި އިތުރަށް ބުނީ، މައްސަލަ ތަހުގީގުކޮށް ނިންމި ނަމަވެސް ކްރިމިނަލް ކޯޓްގެ ތެރެއިން އިންސާފު ނުލިބޭނެ ކަމަށް ބުނުމަކީ ހުސްނުއްސުއޫދު އަމިއްލައަށް ގޮތް ނިންމައިގެން ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި ހުސްނުއްސުއޫދުގެ މި ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ވެސް މިއަދު ބަޔާނެއް ނެރެ ބުނެފައި ވަނީ ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް ސީރިއަސް ކަންތައްތަކެއް ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ މައުލޫމާތު ސުޕްރީމް ކޯޓަށް ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.