ކުރިމިނަލް ކޯޓާއި އެ ކޯޓުގެ ގާޒީންއާ ގުޅޭ ގޮތުން މަރުތަކާބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ބެލުމަށް ނިންމައި ތާވަލުކުރި އަޑުއެހުން ކުރިމިނަލް ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ. އެ އަޑުއެހުން ތާވަލުކުރީ މިއަދު މެންދުރުފަހަށެވެ.
ވަކީލުންނާއެކު، ސުއޫދު ވެސް އެ އަޑުއެހުމަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފައިވާކަން ވަނީ އަންގާފަ އެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމީ ވެސް ސިއްރުކޮށްގެންނެވެ.
ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާބެހޭ ގަވައިދުގެ ދަށުން ސުއޫދުގެ މައްސަލަ ބަލާށެވެ. ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބަލަން ފަސް ގާޒީންގެ ބެންޗެއް ވަނީ އެކުލަވާލާފަ އެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވާ ގޮތުގައި އެ ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަތައް ތަހުގީގު ކުރިޔަސް އިންސާފު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އެއީ ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ގާޒީއިން ތިއްބާ އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި ސުއޫދަށް އިންޒާރުދީ ކުރިމިނަލް ކޯޓުން މީގެކުރިން ބަޔާނެއް ވެސް ނެރުނެވެ. އެ ކޯޓުން ނެރުނު ބަޔާނުގައި ބުނީ، ރައީސް އުފައްދާފައިވާ އެ ކޮމިޝަންގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުންކަމަށްވާއިރު، ކްރިމިނަލް ކޯޓްގެ ގާޒީންނާ މުވައްޒާފުންނާ މެދު ސާބިތު ނުހިފޭ ޖިނާއީ ތުހުމަތުތަކެއް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވުމަކީ ކޮމިޝަންގެ އިހުތިސާސްގެ ބޭރުން، ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ދެއްކި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުތަކަށް ވަނީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފަ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ. މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތް ބައެއް ފަނޑިޔާރުން ހައްދަވާ ކަމަށް ވިދާޅުވި އެވެ.
ފަނޑިިޔާރުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށް ސުއޫދު ތުހުމަތު ކުރެއްވެވި އެވެ. އެގޮތުން ގޭންގުތައް ބޭނުންވާ ބަޔަކު ވަކި ކޯޓުތަކަށް އައްޔަން ކުރާ ކަމަށާއި ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ސްޕްރީމް ކޯޓުން ވެސް ދަނީ ބަލަމުންނެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރުމަށް ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.
މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ވެސް ދަނީ ބަލަމުންނެވެ. އެކަމަށް ޖޭއެސްސީގައި ވެސް ކޮމެޓީއެއް ހެދި އެވެ. އެ ތަހުގީގަށް ސުއޫދު އެއްބާރުލުން ދެއްވައި ހެކިތައް ވެސް ހިއްސާ ކުރައްވާފައިވެ އެވެ.